ނަޕޯލީ އެއްވަރުވުމުގެ ފައިދާ ނަގައި އިންޓާއިން އެއް ޕޮއިންޓަށް ފަރަގު ކުޑަކޮށްފި

އިޓާލިއަން ސެރީއާގައި އެއްވަނައިގައި އޮތް ނަޕޯލީ މި ހަފުތާގައި ކުޅުނު މެޗު އެއްވަރުވިއިރު ލީގަށް ވާދަކުރާ އެންމެ ފަހުގެ ޗެމްޕިއަން އިންޓާ މިލާނުން ކުޅުނު މެޗު ކާމިޔާބުކޮށް، ފަރަގު ކުޑަކޮށްފިއެވެ. ނަޕޯލީގެ ދަނޑުގައި ޖެނޯއާއާ ރޭ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު 15 ވަނަ މިނެޓުގައި ޖަހައި ލީޑު ނަގާފައިވަނީ ނަޕޯލީންނެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫއެވެ. ނަމަވެސް، 32 ވަނަ މިނެޓުގައި ނަޕޯލީގެ އެލެކްސް މެރެޓް އަތުން ބައިކޮޅަށް ވަން ލަނޑަކާ އެކު ނަތީޖާ ހަމަހަމަކުރިއެވެ. މެޗުގައި ނަޕޯލީން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ 64 ވަނަ މިނެޓުގައި ޖިއަކޯމޯ ރަސްޕަޑޯރީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ނަމަވެސް، މި ލަނޑު ޖެހިތާ 20 މިނެޓް ފަހުން ޖެނޯއާގެ ޔޯހާން ވަޒްކުއޭޒް ކާމިޔާބުކޮށްދިން ލަނޑުން މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަކުރިއެވެ. މެޗު އެއްވަރުވުމުން ނަޕޯލީ މިހާރު އޮތީ ކުޅުނު 36 މެޗުން ލިބިފައިވާ 78 ޕޮއިންޓާ އެކު އެއްވަނައިގައެވެ. ޖެނޯއާ އޮތީ 40 ޕޮއިންޓާ އެކު 13 ވަނައިގައެވެ. ނަޕޯލީގެ މެޗު އެއްވަރުވުމުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ނަގާފައިވަނީ އިންޓާއިންނެވެ. ލީގު ތަށި ދިފާއުކުރަން މަސައްކަތްކުރާ އިންޓާއިން ވަނީ ޓޮރީނޯއާ ރަށުން ބޭރުގައި ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށްފައެވެ. މެޗުގެ ކުޅުން ދެ ފަހަރެއްގެ މަތިން މެދު ކަނޑާލަން ޖެހުނެވެ. ފުރަތަމަ މެޗުގެ ކުރީކޮޅު މެޑިކަލް އެމެޖެންސީއަކާ ހެދި ކުޅުން ހުއްޓުނުއިރު ފަހުން ވަނީ މޫސުން ގޯސްވުމުގެ ސަބަބުން މެޗު އިތުރަށް ލަސްވެފައެވެ. ވެހުނު ބޯ ވާރޭގައި ކުޅުނު މެޗުގައި އިންޓާގެ ފުރަތަމަ ލަނޑު 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނިކޮލާ ޒެލޫސްކީއެެވެ. ދެވަނަ ލަނޑު 49 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކްރިސްޓިއަން އަސްލާނީއެވެ. އިންޓާއަށް އެ ޓީމުގެ ލީޑު ފުޅާކުރާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ލިބުނެވެ. ނަމަވެސް، އެކަން ނުކުރެވުނީ ޓޮރީނޯގެ ކީޕަރު ވަންޔާ މިލިންކޮވިޗް ސެވިޗްގެ ހުޝިޔާރުކަމުންނެވެ. މި ކާމިޔާބީއާ އެކު އިންޓާ މިހާރު އޮތީ 77 ޕޮއިންޓާ އެކު ދެވަނައިގައެވެ. އަދި، ނަޕޯލީއާ ދެމެދުގައިވާ ފަރަގު މިވަނީ އެއް ޕޮއިންޓަށް ކުޑަކޮށްފައެވެ. ލީގުގައި މިހާރު ބާކީ ކޮންމެ ޓީމަކަށް ދެ މެޗު އޮތުމާ އެކު ލީގުގެ ނިމުން މިވަނީ އިތުރަށް ފޯރިގަދަވެފައެވެ. ލީގުގައި ދެ ޓީމަށް ބާކީ އޮތް ދެ މެޗަށް ބަލާއިރު ފުރުސަތު ބޮޑީ ނަޕޯލީއަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެއީ، އެ ޓީމު ކުޅެން ހަމަޖެހިފައިވަނީ 16 ވަނައިގައި އޮތް ޕާމާއާއި 14 ވަނައިގައި އޮތް ކަގްލިއާރީއާއެވެ. އިންޓާއަށް އޮތް ދެ މެޗަށް ބަލާއިރު ފުރަތަމަ ފަސްވަނައިގައި އޮތް ލާޒިއޯއާ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު ފަހު މެޗުގައި ބައްދަލުކުރާނީ ކޯމޯއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ