އެންމެ މާތް ދިހައެއް އެބަ އާދެއެވެ. ތައްޔާރުވާށެވެ!

އެންމެ މާތް ދިހަޔަކީ އެންމެ މާތް ދިހަ ދުވަހެވެ. އެއީ އަހަރެއްގެ ތެރޭ އަންނާނޭ އެންމެ މާތް ދިހަ ދުވަހެވެ. އެއީ ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހެވެ. އެއީ އެންމެ މާތް ދުވަސްތަކެވެ. ﷲ تعالى އެއިލާހުގެ ފޮތުގައި ވަޙީ ކުރައްވައިފައި ވެއެވެ. ﴿وَالْفَجْرِ(١) وَلَيَالٍ عَشْرٍ(٢)﴾ (الفجر) މާނައީ: "ފަތިސް ގަންދެއްވަމެވެ.(1) އަދި ދިހަ ރޭ ގަންދެއްވަމެވެ.(2)" މި އާޔަތުގައި ބަޔާންވެފައި އޮތް ދިހަ ރެއަކީ ޙައްޖުމަހުގެ ދިހަ ރޭ ކަމުގައި ތަފްސީރު ޢިލްމުވެރިން ދެކެލައްވައެވެ. އަދި އެ ރޭތަކާ ގުޅިފައިވާ ދުވަސްތަކަކީ އެންމެ މާތް ދިހަ ދުވަސް ކަމުގައި ވެއެވެ. އަޅުގަނޑުމެންގެ ކުރިމަތީ މި އޮތް ހިޖުރީ މަހަކީ ޛުލްޙިއްޖާމަހެވެ. އެ މަހުގައި އެންމެ މަތިވެރި 10 ދުވަސް ހިމެނިގެންވާ މައްސަރެވެ. އާދެ! ހެޔޮ ޢަމަލު ކުރުމަށް، ﷲ تعالىގެ ޙަޟްރަތުގައި ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށްވުރެ، ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވާކަމަށް ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. މި އިރުޝާދު އައްސަވައިފައި އަރިހުގައި ތިއްބެވި ޞަޙާބީން ޙައިރާންފުޅުވެ ސުވާލުދެންނެވިއެވެ. "އޭ ﷲގެ ރަސޫލާއެވެ! ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެވެސް ބޮޑަށް ހެއްޔެވެ؟" ޖަވާބުގައި ޙަދީޘްކުރެއްވީ، "ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެ ވެސް ބޮޑަށެވެ. އެހެނަކުންނޫނެވެ! މީހަކު އޭނާގެ ޖާނާއި މާލުން ޖިހާދުކުރުމަށް ޓަކައި ނުކުމެ، އެއިން އެއްޗަކާއިގެން އެނބުރި ނައި މީހާ ފިޔަވައެވެ." މި ޙަދީޘުން ބަޔާންވެ އެނގެނީ، މި ދުވަސްތަކުގައި ކުރާ ކޮންމެހެޔޮ ޢަމަލެއް ވެސް، އެންމެ މާތް މަތިވެރި އަޅުކަން ކަމުގައިވާ ޖިހާދަށްވުރެ ވެސް ދަރަޖައިގެ ގޮތުން މަތިވެރިވެގެންވާ ކަމެވެ. މިއީ ކިހާ ފަހި ފުރުޞަތެއްތޯއެވެ. މި ދިހަ ދުވަހުގެ މާތްކަން ލިބިގަތުމަށް ނިޔަތްގަންނަމާ ހިނގާށެވެ! އެ ދުވަސްތަކުގެ ފުރިހަމަ އަޖުރު ހޯދޭތޯ ގަދައަޅައި މަސައްކަތްކުރަން އަވަސްވެގަންނާށެވެ. މިއީ މާ ގިނަގިނައިން ބައްދަލުވާނޭ ދުވަސްތަކެއް ނޫނެވެ. ދުވަސްތައް ތަކުރާރުވެގެން އަޔަސް އަޅުގަނޑުމެންގެ އުމުރުގައި ބާކީ އޮތްވަރެއް އެނގެނީ ކާކަށްހެއްޔެވެ؟ މިފަދަ މޫސުމްތައް އަހަރުގެ ތެރޭ ދައުރުވާ ގޮތަށް އޮންނަ އޮތުމަކީ ﷲގެ އޯގާވަންތަކަމާއި ރަޙްމަތްވަންތަކަމެވެ. މި ދުވަސްތައް ހެޔޮގޮތުގައި ބޭނުންކުރުމަށް ކުރެވިދާނެ ކަންކަން ވަރަށް ގިނައެވެ. އޭގެތެރެއިން އާންމު ބައެއް އަޅުކަން ލިސްޓުކޮށްލާ ނަމަ އޭގެތެރޭގައި ގިނަގިނައިން ޤުރުއާންކިޔެވުމާއި ސުންނަތް ނަމާދުކުރުމާއި ޞަދަޤާތް ދިނުން އިތުރުކުރުމާއި ރަޙިމުގެ ގުޅުން ދެމެހެއްޓުމާއި މީސްތަކުންނަށް ހެޔޮ ފޯރުވައިދީ އުޅުމާއި ބޮޑެތި މީހުންނަށް އިޙުތިރާމުކުރުމާއި ކުޑަކުދިންނަށް އޯގާތެރިވުމާއި މިހިރަމިހިރަ ކަންކަން ހިމެނެއެވެ. ތަކުބީރުކިޔުން ގިނަކުރުމާއި، އެ މަހުގެ ފުރަތަމަ ނުވަ ދުވަހު ރޯދަހިފުމާއި، އަޟްޙާ ޢީދު ދުވަހުގެ ޢީދު ނަމާދުކުރުމާއި، އުޟުޙިޔާ ކަތިލުން މިއީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހު ކުރުން އެދެވިގެންވާ ޚާއްޞަ ހެޔޮ ޢަމަލުތަކުގެތެރޭގައި ހިމެނޭ ކަންކަމެވެ. އުޟުހިޔާ ކަތިލަން އެދޭ މީހާ ޙައްޖުމަސް ފެށުނީއްސުރެ ނިޔަފަތިކެނޑުމާއި ހަށިގަޑުން އިސްތައްޓެއް ނުވަތަ ހަންކޮޅެއް ވިޔަސް ގަސްތުގައި ނެއްޓުމުން ދުރުވެގެން ހުންނަންވާނެއެވެ. އެއީ ވެސް މި ދުވަސްތަކަށް ޚާއްޞަ އަޅުކަމުގެ ވައްތަރުތަކެކެވެ. ޙައްޖުމަހުގެ ސުންނަތް ރޯދައަކީ މާތް ރޯދައެކެވެ. އެ މަހުގެ ފުރަތަމަ 9 ދުވަހު ރޯދަހިފުން ސުންނަތް ވެގެންވެއެވެ. އޭގެތެރެއިން ޚާއްޞަކޮށް އެ މަހުގެ 9ވަނަ ދުވަހު، އާދެ ޢަރަފާތްދުވަހު ރޯދަހިފުމަކީ ސުންނަތްކަން ގަދަވެގެންވާ އަޅުކަމެކެވެ. ޢަރަފާތް ބިމުގައި ތިބޭ މީހުން އެ ދުވަހުގެ ރޯދަ ހިފާކަށް ނުޖެހޭނެއެވެ. އެ ދުވަހު ރޯދަހިފުން އޮތީ ހަމައެކަނި އެ ނޫން މީހުންނަށެވެ. ޢަރަފާތް ދުވަހުގެ ރޯދައިގެ މަތިވެރިކަމާ ބެހޭގޮތުން ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ» (مسلم: 1162) މާނައީ: "ޢަރަފާތް ދުވަހު ރޯދަ ހިފުމުގެ ސަބަބުން އިސްވެ ދިޔަ އަހަރުގެ ފާފައާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވައިދެއްވާނެ ކަމަށް ﷲ سبحانه وتعالىގެ ޙަޟްރަތުން ތިމަންކަލޭގެފާނު އުންމީދު ކުރައްވަމެވެ." (رواه مسلم). ރަސޫލުﷲގެފާނު އެވަރުގެ އުންމީދުފުޅެއް ކުރައްވާ ކަމުގައި ޙަދީޘްކުރެއްވުމުން އެނގޭ އެއްޗަކީ އެއީ އެ މަގުން ހިނގާނޭ ކަމެއްކަމެވެ. ވީމާ އަޅުގަނޑުމެން ކަހަލަ އަބަދާ އަބަދު ފާފަވެރިވެފައި ތިބޭ މީހުންނަށް މިއީ ކިހާ އުންމީދީ ވާހަކައެއްތޯއެވެ؟ ރޭގައި ވެސް ފާފަކުރެވުނީއެވެ. އިއްޔެވެސް މެއެވެ. މާދަމާގެ ޙާލެއް އަދި ނޭނގެއެވެ. ވީމާ މި ފުރުޞަތުގެ ބޭނުންހިފުން ހިނދުކޮޅަކަށް ވެސް ނަގައި ނުލާށެވެ. ކަންނެތްނުވާށެވެ. މުރާލިވެ ހީވާގިކަމާ އެކު ތެދުވާށެވެ. ތައުބާއަށް އަވަސްވާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ