ސަލާހު، ޕްރިމިއަ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވައިފި

ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހު، އިނގިރޭސި ޕްރިމިއަ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވައިފި އެވެ.
މި އަހަރުގެ ޗެމްޕިއަންކަން ލިވަޕޫލަށް ހޯދައިދިނުމުގެ އެންމެ މުހިންމު އެއް އާރުކާޓީއަށް އެ މަގާމު ލިބުނީ ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކް އާއި އާސެނަލްގެ ޑެކްލަން ރައިސް އާއި ނިއުކާސަލްގެ އެލެގްޒެންޑާ އިސާކް ފަދަ ކުޅުންތެރިންނާ ވާދަކޮށްފަ އެވެ.
މީގެ ކުރިން 18-2017ގައި ވެސް ޕްރިމިއަ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި 32 އަހަރުގެ ސަލާހު އެވެ.
މި އަހަރުގެ ސީޒަން މާދަމާ ނިމޭ އިރު މިހާތަނަށް ސަލާހު ވަނީ މިފަހަރުގެ ލީގުގައި 28 ލަނޑު ޖަހައި، 18 ލަނޑު ޖަހަން އެހީތެރިވެފަ އެވެ. އެންމެ ފަހު މެޗުގައި މާދަމާ ރޭ ކްރިސްޓަލް ޕެލެސް ކޮޅަށް އޭނާއަށް އެންމެ ލަނޑެއް ޖެހުނަސް ނުވަތަ ލަނޑެއް ޖަހަން އެހީތެރިވެވުނަސް، ޕްރިމިއަ ލީގުގެ ރެކޯޑަށް އަރާނެ އެވެ. އެއީ އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖަހައި އަދި އެންމެ ގިނަ ލަނޑު ޖަހަން އެހީތެރިވި ދެ ކުޅުންތެރިން ކަމަށްވާ ނިއުކާސަލްގެ ކުރީގެ ތަރި އިއަން ޝިއަރާ އާއި އާސެނަލްގެ ކުރީގެ ތަރި އެންޑްރޫ ކޯލްގެ ޖުމްލަ ކަމަށްވާ 47އާ އެއްވަރުވާނެތީ އެވެ.
ޕްރިމިއަ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވަނީ އާންމުން ވޯޓު ލައިގެންނާއި ފުޓްބޯޅައިގެ ތަޖުރިބާކާރުންގެ ޕެނެލްއަކުންނެވެ.
ނޫސްވެރިންގެ ނަޒަރުގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް މި ފަހަރު ހޯދީ ސަލާހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ