ލިއޮނެލް މެސީ ކުޅޭ މުބާރާތެއް ވިއްޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ފެނުމަކީ ވެސް ފުޓްބޯޅައަށް ލޯބިކުރާ އެތައް ބައެއްގެ އެދުމެކެވެ. ނަމަވެސް ޖޫން މަހު އެމެރިކާގައި ފަށާ ކްލަބް ވޯލްޑް ކަޕަށް ރޮނާލްޑޯގެ އަލް-ނަސްރު ކޮލިފައިއެއް ނުވެ އެވެ.
ރޮނާލްޑޯގެ ސަޕޯޓަރުން އަދި މާޔޫސްވާކަށް ނުޖެހެ އެވެ. ފުރަތަމަ ފަހަރަށް 32 ޓީމާ އެކު ބާއްވާ ކްލަބް ވޯލްޑް ކަޕަށް ވަނީ ޓްރާންސްފާގެ ހާއްސަ މުއްދަތެއް 1-10 ޖޫންއަށް ފީފާއިން ހުޅުވާލައިފަ އެވެ. އެ މުއްދަތުގައި ޓީމަކާ ގުޅިއްޖެ ނަމަ ރޮނާލްޑޯއަށް ކުޅެވިދާނެ އެވެ.
ޔޫޓިއުބް ޗެނެލްއަކަށް ދެއްވި އިންޓަވިއުއެއްގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ އެ ފުރުސަތު ރޮނާލްޑޯއަށް ވެސް އޮތް ކަމަށެވެ. އޭނާގެ އެ ވާހަކަ އައީ 14 ޖޫންގައި މުބާރާތް ހުޅުވާ މެޗުގައި އިންޓަ މިއާމީގައި މެސީގެ ކުޅުން ފެންނާނެ ކަމަށް ބުނުމަށް ފަހު އެވެ.
"ރޮނާލްޑޯ ވެސް ކޮންމެވެސް ޓީމަކަށް ކުޅެފާނެ ކްލަބް ވޯލްޑް ކަޕްގައި،" އޭނާ ވިދާޅުވި އެވެ.
"ބައެއް ޓީމުތަކާ އެކު މަޝްވަރާތައް ކުރިއަށް އެބަ ދޭ. އެއްވެސް ކްލަބަކުން ރޮނާލްޑޯއަށް ޝައުގުވެރިވެ އޭނާ ނަގައިފި ނަމަ، ކާކަށް އެނގެނީ، ކާކަށް އެނގެނީ."
ކްލަބް ވޯލްޑް ކަޕް ކުރިއަށް ދާނީ 14 ޖޫން އިން 13 ޖުލައި އަށެވެ.
ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ބްރެޒިލްއިން ބައިވެރިވާ ހަތަރު ޓީމުގެ ތެރެއިން ޓީމަކުން ރޮނާލްޑޯއަށް ޝައުގުވެރިވެ އެވެ. އެ ޓީމަކީ ބޮޓަފޯގޯ ކަމަށް ވެސް ބައެއް މީޑިއާތަކުން ލަފާކުރެެ އެވެ.
އެ ޓީމުގެ ކޯޗު ރެޓާނޯ ޕައިވާ ވަނީ ރޮނާލްޑޯ ފަދަ ކުޅުންތެރިޔަކު ކޮންމެ ކޯޗަކު ވެސް ބޭނުންވާނެ ކަމަށް ބުނެފަ އެވެ.
"އެ އުމުރުގައި ވެސް އޭނާއަކީ ލަނޑު ޖަހާ މެޝިނެއް،" އުމުރުން 40 އަހަރުގެ ކުޅުންތެރިޔާއާ ބެހޭ ގޮތުން ޕައިވާ ބުންޏެވެ.
އަލް-ނަސްރު ކޮލިފައިނުވިޔަސް ކްލަބް ވޯލްޑް ކަޕްގައި ރޮނާލްޑޯއަށް ކުޅުމުގެ ފުރުސަތު އެބަ އޮތް: އިންފަންޓީނޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ