ހުއްދަ ނެތި ޙައްޖަށްދާން އުޅުނު 200،000 އަށްވުރެ ގިނަ މީހުން ބޭރުކޮށްފި
ހުއްދަ ނެތި މައްކާއަށް ވަންނަ އުޅުނު 205،000 އަށްވުރެ ގިނަ ޙައްޖުވެރިން ބޭރުކޮށްފައިވާ ކަމަށް ސައުދީ ޕަބްލިކް ސެކިއުރިޓީގެ ޑިރެކްޓަރު އަދި ޙައްޖު ސެކިއުރިޓީ ކޮމިޓީގެ ޗެއާމަން ލެފްޓިނެންޓް ޖެނެރަލް މުހައްމަދު އަލް ބައްސާމީ ހާމަކުރައްވައިފިއެވެ. އޭގެ އިތުރުން އޮފިޝަލުން ވަނީ 415 އަށްވުރެ ގިނަ ފޭކް ހައްޖު އޮފީސް ވެސް ބަންދުކޮށްފައެވެ. އާދީއްތަ ދުވަހު މައްކާގައި ޙައްޖު ސެކިއުރިޓީ ކޮމާންޑަރުންގެ ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ބައްސާމީ ވިދާޅުވީ، ޙައްޖު ހުއްދަ ނެތް 269،000 އަށް ވުރެ ގިނަ މީހުން މައްކާއަށް އެތެރެވިޔަނުދީ ސަލާމަތީ ބާރުތަކުން ފަހަތަށް ޖައްސާފައިވާ ކަމަށެވެ. "ޕަބްލިކް ސެކިއުރިޓީގެ އޮފިޝަލުން ވަނީ ގަވާއިދާ ހިލާފަށް ޙައްޖުވެރިން ގެންދިއުމަށް މަސައްކަތްކުރި 1،239 މީހުން ހައްޔަރުކޮށް، ޙައްޖު ގަވާއިދާ ހިލާފުވެފައިވާ 75،000 އަށް ވުރެ ގިނަ މީހުންނަށް އަދަބު ދީފައި. އަދި ސެކިއުރިޓީ ޓީމުތަކުން ވަނީ 415 އަށް ވުރެ ގިނަ ފޭކް ޙައްޖު އޮފީސް ވެސް ބަންދުކޮށްފައި،" ޙައްޖު މޫސުމުގައި ގަވާއިދާ ހިލާފުވާ މީހުންނާ ފިޔަވަޅުތައް އަޅާނެކަން ހާމަކުރައްވަމުން އޭނާ ވިދާޅުވިއެވެ. އަލްބަސާމީ ވިދާޅުވީ، ހުއްދަ ނެތި ޙައްޖުވެރިން ގެންދިއުމަށް މައްކާއަށް ވަންނަ އުޅުނު 110،000 ވެހިކަލް ވެސް ޕަބްލިކް ސެކިއުރިޓީން ވަނީ އަނބުރާ ފޮނުވާލާފައެވެ. އަދި، ހުއްދަ ނެތި ޙައްޖުވެރިން ގެންދިއުމަށް ރާވާފައިވާ 5،000 އަށް ވުރެ ގިނަ ވެހިކަލް ވަނީ ހިފަހައްޓާފައެވެ. މި އަހަރުގެ ޙައްޖު މޫސުމުގައި ސެކިއުރިޓީ ވަރުގަދަ ކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތައް ޙައްޖު ކޮމާންޑަރުން ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައެވެ. އެގޮތުން، ސައުދީ ޕަބްލިކް ސެކިއުރިޓީއިން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ޙައްޖު ގަވާއިދާ ހިލާފުވާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށާއި، ޙައްޖުގެ ގަވާއިދާ ހިލާފުވާ ކޮންމެ މީހަކަށް ވެސް ސެކިއުރިޓީ މުވައްޒަފުން ފާރަވެރިވާނެ ކަމަށް އަލްބަސާމީ ވިދާޅުވިއެވެ. ސައުދީ ޕަބްލިކް ސެކިއުރިޓީން ވަނީ ގަވާއިދާ ހިލާފުވާ މީހުން ހައްޔަރު ކުރުމަށް މައްކާއަށް ވަންނަ ދޮރުތަކުގައި ދާއިމީ ސެކިއުރިޓީ ޗެކްޕޮއިންޓްތައްވެސް އެކްޓިވޭޓްކޮށްފައެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕާސްޕޯޓް މޭޖާ ޖެނެރަލް ޞާލިޙް އަލް މުރައްބާ ހާމަކުރެއްވި ގޮތުގައި ބޭރުގެ ގައުމުތަކުން މައްކާއަށް ދަތުރުކުރި ޙައްޖުވެރިންގެ އަދަދު 1.47 މިލިއަނަށްވުރެ ގިނައެވެ. މައްކާ ރޫޓް އިނިޝިއޭޓިވްގެ ފައިދާ ލިބޭ ގައުމުތަކުގެ އަދަދު ވަނީ އަށް ގައުމަށް އިތުރުވެފައެވެ. ޙައްޖު މޫސުން ނިމުނުހާ އަވަހަކަށް މައްކާއިން ފުރުމަށް ވެސް އަލްމުރައްބާ ވަނީ އިލްތިމާސް ކުރައްވާފައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ޙައްޖުގެ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ފަހު ޙައްޖުވެރިން ފުރައިގެން ދިއުން ކަށަވަރު ކުރުމުގެ ތައްޔާރީތައް ޖެނެރަލް ޑިރެކްޓަރޭޓް އޮފް ޕާސްޕޯޓުން ވަނީ ކޮށްފައެވެ. މި އަހަރުގެ ޙައްޖު ދުވަހަކީ މި ހަފުތާގެ ބުރާސްފަތި ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ