ޕާކުކޮށްފައި އޮތް ޕިކަޕަކާއި ނުވަ ކާރުން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ޕާކްކޮށްފައި އޮތް ޕިކަޕަކާއި ނުވަ ކާރުން ވައްކަންކުރި ކަމުގެ ތުހުމަތުގައި މިއަދު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، ހައްޔަރުކޮށްފައިވަނީ ލ. އިސްދޫ / އޯކިޑްމާގެ، ޢަބްދުއްރަޙްމާން ޙުސައިން (33އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ފަތިހު ހުޅުމާލެ ޕޮލްކޯ ފްލެޓްތައް ކައިރި ޕާކިނގ ޒޯން ކައިރީގައި ހުއްޓައި އެވަގުތު ޕެޓްރޯލްކުރަމުންދިޔަ ފުލުހުން ފެނުމާއެކު އެއްޗެއް ފޮރުވަން މަސައްކަތްކޮށް، ސައިކަލަށް އަރައިގެން ދާން މަސައްކަތްކުރާކަން ފާހަގަކުރެވުމުންނެވެ. ޢަބްދުއްރަޙްމާން ހުއްޓުވި ވަގުތު އެ ސަރަހައްދުގައި ޕާކްކޮށްފައި އޮތް ގިނަ ވެހިކަލްތަކެއް ހުޅުވާފައިވާކަން ފާހަގަކުރެވުމާ ގުޅިގެން ފުލުހުން އޭނާ ބަލައިފާސްކުރިއިރު، ވަގަށް ނަގާފައިވާ ބައެއް ތަކެތި ފެނުނު ކަމަށް ފުލުހުން ބުންޏެވެ. އެ ސަރަހައްދު ބެލިބެލުމުން، އޭނާ ވަނީ އެ ސަރަހައްދުގައި ޕާކްކޮށްފައިވާ ނުވަ ކާރަކާއި ޕިކަޕެއް ހުޅުވައި، އެ ވެހިކަލްތަކުން ބައެއް ތަކެތި ވަގަށް ނަގާފައިކަން އެނގުނު ކަމަށް ވެސް ފުލުހުން ބުންޏެވެ. މީގެއިތުރުން އެ މުއައްސަސާއިން ބުނީ ފުލުހުން އޭނާ ހުއްޓުވި ވަގުތު އޭނާގެ އަތުގައި އޮތް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް އެއްލާލުމާ ގުޅިގެން އޭނާގެ ހާޒިރުގައި އެ ނަގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. އަދި އަބްދުއްރަހުމާނާއި އޭނާ އަރައިގެންދާން މަސައްކަތްކުރި ސައިކަލް ބަލައިފާސްކުރުމުން ފެނުނު ތަކެތީގެ ތެރޭގައި ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކާރު އަދި ސައިކަލް ތަޅުދަނޑިތަކާއި ފައިސާ އާއި ފޯންތަކަކާއި ޗާޖިން ކޭބަލް ފަދަ ތަކެތި ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ ހުޅުމާލެ ޕޮލިހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ