ގުރުމީތު ދިރިއުޅޭ ގެއަށް މަސައްކަތް ކުރަން ދިޔަ މީހަކު އެ ގެއިން ވައްކަން ކޮށްފި
ޓެލެވިޒަން އެކްޓަރު ގުރުމީރު ޗައުދަރީގެ އާއިލާ މުމްބާއީގައި ދިރިއުޅެމުން އަންނަ ގެއަށް މަސައްކަތް ކުރަން ގެންދިޔަ މީހަކު އެގެއިން ވައްކަން ކުރުމަށްފަހު ފިލައިފިއެވެ. ގުރުމީތު އާއި އަންހެނުން ޑެބީނާ ބޮނަޖީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެ މީހުން ދިރިއުޅޭ ގެއަށް މަސައްކަތު މީހެއްގެ ގޮތުގައި ގެނައި މީހަކު ވަނީ ގޭގައި ގެންގުޅޭ އަގުބޮޑެތި ސާމާނުތަކެއް ހިފައިގެން ފިލާފައި ކަމަށެވެ. ނަސީބު ކަންދިމާކުރި ގޮތުން ގުރުމީތު ވަނީ އެ މީހާ އެގެއަށް ގެނައުމުގެ ކުރިން އޭނާގެ ވަނަވަރު ހިމެނޭހެން މުހިއްމު މައުލޫމާތުތައް ކުރިން ހޯދާފައި ކަމަށާއި އެހެންކަމުން ގެއްލުނު ބައެއް ސާމާނު މިހާރު އަނބުރާ ލިބިފައިވާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. ގުރުމީތު އަންހެނުން އަދި ދެ ކުދިންނާ އެކު--ފޮޓޯ/މިޑް-ޑޭ މި ޕޯސްޓާ އެކު ގުރުމީތު ގިނަ ބަޔަކަށް ހަނދާންކޮށްދިނީ އެގޮތަށް ގެއަށް ގެންނަ މަސައްކަތު މީހުންގެ ހުރިހާ މައުލޫމާތެއް ވެސް ހޯދުމުގެ މުހިއްމުކަމެވެ. އޭގެ ސަބަބުން މިފަދަ ހާދިސާއެއް ހިނގުމާ އެކު ލަސްތަކެއްނުވެ ކަމާބެހޭ ފަރާތްތަކަށް އެކަން އަންގާ އެ މީހަކު ހޯދުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދެވޭނެ ކަމަށް ގުރުމީތު ވަނީ ބުނެފައެވެ. ގެއިން އަގުބޮޑެތި ސަމާނުތަކެއް ގެއްލުނު ނަމަވެސް އެވަގުތު އެންމެ މުހިއްމުވީ އަންހެނުންނާއި ކުޑަ ކުޑަ ދެ ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށާއި މި ހާދިސާ ހިނގި ވަގުތު އެކްޓަރު އުޅުނީ ގޭގައި ކަމަށްވެސް ގުރުމީތު ވަނީ ބުނެފައެވެ. ޓީވީ ސީރީސް ރާމަޔާނާއިން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ގުރުމީތު އާއި ދެމަފިރިން ޓެލެވިޒަން ދާއިރާއާ ދުރުގައި އުޅުމަށްފަހު ރިއަލިޓީ ޝޯ އަކުން އެނބުރި ސްކްރީނަށް އަންނަން އުޅޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. ގުރުމީތު އާއި ޑެބީނާގެ މި ރިއަލިޓީ ޝޯގެ ނަމަކީ "ޕަތީ ޕަތުނީ އޯރު ވޯ"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ