މިލާން (ޖޫން 6) - ހުސްވެފައިވާ އިންޓަ މިލާނުގެ ކޯޗުގެ މަގާމަށް މީގެ ކުރިން އެ ޓީމަށް ކުޅެ، ޔޫތު ލެވަލްގައި ކޯޗުކަން ވެސް ކުރި، ރުމޭނިއާގެ ކުރީގެ ކެޕްޓަން، ކްރިސްޓިއަން ކީވޫ ހަމަޖައްސަން ނިންމައިފި އެވެ.
ކުރީގެ ޑިފެންޑަރު، ކީވޫ، 44، ވަނީ އިންޓަ އަށް 2007 އިން 2014 އަށް ކުޅެފަ އެވެ. އަދި، ކޯޗިން ކެރިއަރު 2018 ވަނަ އަހަރު އިންޓަގެ ޔޫތު ޓީމުތަކުން ފެށި ކީވޫ ވަނީ އެ ކްލަބްގެ ހަތަރު އުމުރުފުރާގެ ޓީމުތަކަށް 2024 ވަނަ އަހަރާ ހަމައަށް ކޯޗުކޮށްދީފަ އެވެ. އޭގެ ފަހުން، މިދިޔަ ސީޒަނުގައި ކީވޫ ހުރީ ޕާމާގެ ކޯޗަކަށެވެ.
ހަތަރު އަހަރު އިންޓަ އަށް ކޯޗުކޮށްދިން ސިމޯން އިންޒާގީ ވަނީ، އެ ޓީމާ އެކު، މި ފަހަރުގެ ޗެމްޕިއަންސް ލީގުން ބަލިވިތާ ހަފްތާއެއް ފަހުން، އެ ކްލަބް ދޫކޮށްލައި، ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގުގެ ގަދަބާރު، އަލް ހިލާލްއާ ހަވާލުވެފަ އެވެ. އިންޓަ އިން ފުރަތަމަ ގެންނަން މަޝްވަރާކުރި، ކޯމޯގެ ކޯޗު، ސެސްކް ފަބްރެގަސް ވަނީ އެ ކްލަބްގައި މަޑުކުރަން ނިންމައިފަ އެވެ.
އެއާ އެކު، އިންޓަ އިން ނިންމީ، އެ ކްލަބްގެ އޮނިގަނޑަށް ފެތޭ، އެ ކްލަބަށް ދެކެފަރިތަ ކޯޗެއް ހޯދުމަށެވެ. އެ ގޮތަށް ބެލި ބެލުމުގައި، މިދިޔަ ސީޒަނުގައި ޕާމާ އަށް ކޯޗުކޮށްދިން ކީވޫ އެ ކްލަބުން ބޭނުންވާ ކޯޗެއްގެ ޕްރޮފައިލް އަށް ފެތޭތީ އޭނާ ގެންނަން ނިންމީ އެވެ.
އިންޓަގެ ކޯޗުކަމާ ކީވޫ ހަވާލުވަނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޕާމާގެ ކޯޗަކަށް ކީވޫ ހުރީ އެއް މިިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއްގަ އެވެ. އަދި، އިންޓަ އިން ކީވޫ އަށް ދޭން ނިންމައިފައި އޮތީ އަހަރަކަށް ދެ މިލިއަން ޑޮލަރަށް ވުރެ އިތުރު މުސާރައެކެވެ.
އިންޓަގެ އާ ކޯޗަކަށް ކީވޫ އިންޓަގެ އާ ކޯޗަކަށް ކީވޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ