ފްރެންޗް އޯޕަންގެ ފައިނަލްގައި ސަބަލެންކާއާއި ގައުފްގެ ކުރިމަތިލުމެއް

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ފައިނަލުން މުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ އަރީނާ ސަބަލެންކާއާއި ދެވަނައަށް ސީޑު ކުރެވިފައިވާ ކޮކޯ ގައުފް ޖާގަ ހޯދައިފިއެވެ. ފައިނަލުން ބެލަރޫސްގެ ސަބަލެންކާ ޖާގަހޯދީ ރޭ ކުޅުނު ސެމީ ފައިނަލްގައި ފަސްވަނައަށް ސީޑު ކުރެވިފައިވާ ޕޯލަންޑްގެ އީގާ ޝްވާޓެކްއާ ބައްދަލުކުރި މެޗު ދެ ސެޓު އެއް ސެޓުން ކާމިޔާބުކޮށްގެންނެވެ. ކްލޭ ކޯޓަށް ވަރުގަދަ ކަމަށް ފާހަގަކުރެވިފައިވާ ޝްވާޓެކްއާ ބައްދަލުކުރި މެޗުގެ ފުރަތަމަ ސެޓު ސަބަލެންކާ ކާމިޔާބުކޮށްފައިވަނީ ޓައި ބްރޭކަކަށް ގޮސް 7-1 އިންނެވެ. ނަމަވެސް، ދެވަނަ ސެޓު ޝްވާޓެކް ވަނީ 4-6 އިން ކާމިޔާބުކޮށް މެޗު ތިންވަނަ ސެޓަކަށް ގެންގޮސްފައެވެ. ތިންވަނަ ސެޓު ވީ ސަބަލެންކާ އޭނާގެ މޮޅު ކުޅުން ރަނގަޅަށް ދައްކާލުމުގެ އިތުރުން ޝްވާޓެކްއަށް އަމިއްލަ މިސްޓޭކް ގިނަ ސެޓަކަށެވެ. މި ސެޓު ސަބަލެންކާ ކާމިޔާބުކޮށްފައިވަނީ 6-0 އިންނެވެ. މިއީ ސަބަލެންކާއަށް ފްރެންޗް އޯޕަންގެ ފައިނަލުން ޖާގަ ހޯދުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން އޭނާއަށް ކާމިޔާބުކުރެވިފައިވާ ގްރޭން ސްލޭމް މުބާރާތެއް ކާމިޔާބުކުރެވިފައިވަނީ ހާޑް ކޯޓުގައި ކުޅެގެންނެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ސަބަލެންކާ ބުނީ، އޭނާ ހުރީ މެޗުގައި ދެއްކުނު ކުޅުމާ މެދު ވަރަށް ހިތްހަމަ ޖެހިފައި ކަމަށާއި ނަމަވެސް އަދި އޭނާގެ މަސައްކަތް އެއްކޮށް ނުނިމޭ ކަމަށެވެ. ކުރިން 2022 ވަނަ އަހަރުގެ މުބާރާތުގައި ޝްވާޓެކް އަތުން ފައިނަލްގައި ބަލިވި ގައުފް މި ފަހަރުގެ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލްގައި ފަރަންސޭސިވިލާތަށް ނިސްބަތްވާ ލޮއި ބޮއިސޮންއާ ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ. މެޗު ގައުން ގެންގޮސްފައިވަނި 6-1 އަދި 6-2 އިންނެވެ. މިއީ 2011 ވަނަ އަހަރަށް ފަހު ފްރެންޗް އޯޕަންގެ އަންހެން ސިންގަލްސް އިވެންޓްގެ ސެމީ ފައިނަލަށް އެ ޤައުމުގެ ކުޅުންތެރިއެއް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް، މި ފަހަރު ވެސް ބޮއިސޮންއަށް ގައުފް ކައިރީ މާ ބޮޑުވަރެއް ކުރެވޭގޮތެއް ނުވިއެވެ. ސަބަލެންކާއާއި ގައުފްގެ މެދުގައި ކުޅޭ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ