ދިވެހި ހުރިހާ ހައްޖުވެރިން ހެޔޮ ހާލުގައި އަރަފާތުގެ ބިމަށް ވަދެއްޖެ

މި އަހަރު ރާއްޖޭން ހައްޖަށްދިޔަ ހުރިހާ ހައްޖުވެރިން އަރަފާތު ބިމަށް ގޮސް ނިމިއްޖެ އެވެ.
ވީ ކިހިނެއް؟ - ހުރިހާ ހައްޖުވެރިން މިހާރުތިބީ ސަލަމާތްތެރިކަމާއެކު އަރަފާތު ބިމުގައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވަނީ ވިދާޅުވެފަ އެވެ.
"އެންމެހައި ދިވެހި ހާޖީން އަރާފަތަށް ވަދެ ނިމިއްޖެ. އަލްހަމްދުލިއްލާހް،" އެކަން ހާމަކޮށް މިއަދު ހެނދުނު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ. 
ތަފްސީލް - އިއްޔެ ހައްޖުވެރިން ހޭދަކުރީ މިނާގަ އެވެ. އަރަފާތު ބިމަށް ދިއުމަށް ހައްޖުވެރިން ދަތުރުފެށީ މައްކާ ގަޑިން ރޭ 9 ޖެހިއިރު އެވެ. އެގޮތުން:
މިނާ އާއި އަރަފާތާ ދެމެދު 13 ކިލޯމީޓަރުގެ ދުރުމިނެއް ހުރޭ 
އަރަފާތުގައި ތިބުމަށް ފަހު އެނބުރި މިނާއަށް ގޮސް އީދު ދުވަހާއި ދެން އަންނަ ދެ ދުވަހު ހައްޖުވެރިން މިނާގައި ހޭދަކުރާނެ 
ތިން ދުވަހު ޖަމްރާއަށް ހިލަ އުކުމަށް ފަހު އާންމު ފަހަރުތަކުގައި އެނބުރި މާއްކާއަށް ދިޔަ ނަމަވެސް މިފަހަރު މައްކާއަކަށް ނުގޮސް ފުރާނީ ރާއްޖެ އަންނަން
ހުރިހާ ދިވެހި ހައްޖުވެރިން މިއަހަރު ވެސް ހައްޖަށް ގޮސްފައިވަނީ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގަ އެވެ. އެ ކޯޕަރޭޝަނުން މިއަދު ބުނިގޮތުގައި ހުރިހާ ހައްޖުވެރިންގެ ހާލު ވެސް ރަނގަޅެވެ.
މިފަހަރު ރާއްޖެއިން 1000 މީހުން ހައްޖަށް ދިޔަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ