ޓީމުގެ ފެންވަރު ވަޒަންކުރަން ރާއްޖެ މެޗު ސިންގަޕޫރަށް މުހިންމު
މާދަމާ ސިންގަޕޫރުން ރާއްޖެއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަކީ ޓީމު މިހާރު އޮތް ހާލަތު ވަޒަންކުރަން ލިބޭ ފުރުސަތެއް ކަމަށާއި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކާމިޔާބީ ހޯދަން އަބަދުވެސް ޝައުގުވެރިވާ ކަމަށް ސިންގަޕޫރު ފުޓުބޯޅަ ޓީމުގެ ކޯޗު ޖަޕާނުގެ ސުޓޯމޫ އޮގޫރާ ބުނެފިއެވެ. ރާއްޖެއާ ދެކޮޅަށް މިއަދު ކުޅޭ އެކުވެރިކަމުގެ މެޗަށްފަހު މި މަހުގެ 10ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި އެ ގައުމު ރަށުން ބޭރުގައި ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ. ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިންގަޕޫރުގެ ކޯޗު ފާހަގަކުރީ ރާއްޖޭގެ މެޗުން އެ ޓީމަށް ފައިދާތަކެއް ކުރާނެ ކަމަށެވެ. ކޯޗު ބުނީ ރާއްޖެ މެޗާއެކު އެ ޓީމުގެ ހުރިހާ ވިސްނުމެއް ހުރީ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށާއި ރާއްޖެއާ ދެކޮޅަށް އެ ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި މޮޅެއް ލިބިއްޖެ ނަމަ އެއީ ބަންގްލަދޭޝްގެ މެޗު ކާމިޔާބުކުރުމަށް ލިބޭ ހިތްވަރެއްގެ ގޮތުގައިވެސް ކޯޗު ފާހަގަކުރިއެވެ. އޭޝިއަން ކަޕްގެ ކޮލިފައިންގައި ސިންގަޕޫރު ކުޅުނު ފުރަތަމަ މެޗުން އަމިއްލަ ދަނޑުގައި ވަނީ ހޮންްކޮންގާ 0-0 އިން އެއްވަރުވެފައެވެ. ކޯޗު ބުނީ ކުރީގެ މެޗުން ރަނގަޅުކުރަންޖެހޭ ގިނަ ކަންކަން ފާހަގަވި ކަމަށާއި ރާއްޖެ މެޗުން އެ ކަންކަން ރަނގަޅުކުރަން މަސައްކަތްކުރާނެ ކަމަށެވެ. އަދި ޓީމު މިހާރު އޮތް ހާލަތާމެދު ހިތްހަމަޖެހޭ ކަމަށް ވެސް ކޯޗު ބުންޏެވެ. ސިންގަޕޫރު ކޯޗު ވަނީ އެ ގައުމުގައި ކުޅެންލިބޭ އެކުވެރިކަމުގެ މެޗުތަކުގެ އަދަދު މަދުކަން ފާހަގަކޮށްފައެވެ. އަދި މިގޮތަށް ކުޅެން ލިބޭ މަދު ފުރުސަތުތަކުގެ ބޭނުން ހިފަންޖެހޭ ކަމަށާއި އެއީ މުޅި ޓީމަށް ވެސް އޭގެ ފައިދާކުރާނެ ކަމެއްގެ ގޮތުގައި ކޯޗު ފާހަގަކުރިއެވެ. ސިންގަޕޫރާއި ރާއްޖެ ބައްދަލުކުރާ އެކުވެރިކަމުގެ މެޗު ކުޅޭނީ ބުރާސްފަތި ދުވަހުގެ ހަވީރު ރާއްޖެގަޑިން 16:30 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ