އަކްޝޭ އާއި ވީރް، ގެއްލުނު މެޑަލް އަސްކަރީ އޮފިސަރެއްގެ އާއިލާއަށް ހޯދައިދީފި

މި އަހަރުގެ ޖެނުއަރީ މަހު ރިލީޒްވި ފިލްމު "ސްކައި ފޯސް"ގެ ވާހަކަ ބިނާކޮށްފައިވާ އިންޑިއާގެ ވައިގެ އަސްކަރީ އޮފިސަރަށް ހައްގު ޤައުމީ މެޑަލް ފިލްމުގެ ދެ އެކްޓަރުންގެ އެހީގައި އަނބުރާ އާއިލާއާ ހަވާލުކޮށްފިއެވެ. އިންޑިއާގެ އެއާ ފޯސް އޮފިސަރު ސްކުއަޑްރޮން ލީޑަ އޭބީ ދެވައްޔާގެ ރޯލް މި ފިލްމުގައި ކުޅެފައި ވަނީ "ސްކައި ފޯސް"އިން ފިލްމީ ދާއިރާއަށް ތައާރަފްވި އެކްޓަރު ވީރު ޕަހަރިޔާއެވެ. ވީރުއާ އެކު ފިލްމުގެ އިސް ރޯލެއް ކުޅެފައި ވަނީ އެކްޓަރު އަކްޝޭ ކުމާރުއެވެ. އިންޑިއާގެ ސަރުކާރުން ދޭ 'މަހާވީރު ޗަކްރާ' މެޑަލް، އެއާ ފޯސް އޮފިސަރު ސްކޮޑްރޮން ލީޑަ އޭބީ ދެވައްޔާއަށް ނުދީ އޮތްކަން އެނގުމާ އެކު އަކްޝޭ އާއި ވީރު މަސައްކަތް ފެށީ ދެވައްޔާގެ އާއިލާއަށް އެ މެޑަލް ހޯދައިދިނުމަށެވެ. ފިލްމު "ސްކައި ފޯސް"ގެ ރޯލަށް ވީރު ތައްޔާރުވަމުން ދިޔަ ދުވަސްވަރު ކުރީގެ އެއާ ފޯސް އޮފިސަރު އޭބީ ދެވައްޔާގެ އާއިލާއާ ވެސް ބައްދަލުކުރިއެވެ. ފިލްމުގައި ވީރު ދައްކުވައިދޭން ހަމަޖެހިފައިވީ އޭބީ ދެއްވައްޔާގެ ރޯލް ކަމުން އޭނާގެ ދިރިއުޅުމުގެ އާދަކާދަތައް ދަސްކުރުމުގެ ގޮތުން ވަރަށް ގިނަ ވަގުތު އެ އާއިލާގެ މެމްބަރުންނާއެކު ވީރު ހޭދަކުރި ކަމަށް ވަނީ ބުނެފައެވެ. މި ބައްދަލުވުންތަކުގެތެރޭ އެނގުނު ގޮތުގައި އެއާ ފޯސް އޮފިސަރު ސްކުއަޑްރޮން ލީޑަ އޭބީ ދެވައްޔާއަށް ހައްގުވާ ހަގީގީ މެޑަލް ސަރުކާރުން ނުދީ އޮތްކަން އެނގުނު ކަމަށާއި އެއީ އޭބީ ދެވައްޔާގެ އެންމެ ފަހުގެ ހަނދާންތައް ރަމްޒުކޮށްދޭ މެޑަލްއެއް ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އޭބީ ދެވައްޔާގެ އަންހެން ދަރިފުޅު ޕްރީތާ ދެވައްޔާ ބުނިގޮތުގައި ބައެއް މީހުންނަށް އެއީ މެޑަލްއެއް ކަމަށް ވިޔަސް އޭބީ ދެވައްޔާގެ އަންހެނުންނަށް އެއީ އޭނާގެ ފިރިމީހާ ޤައުމަށް ޓަކައި ވެދިން ޤުރުބާނީ ރަމްޒުކޮށްދީ އޭނާގެ ހިތްވަރުގަދަކަން އަންގައިދޭ އެއްޗެކެވެ. އޭބީ ދެވައްޔާގެ އަންހެނުން އަދި ދަރިފުޅު ޕްރީތާއާ އެކު ފިލްމުގައި އޭބީގެ ރޯލް ކުޅުނު ވީރު ޕަހަރިޔާ--ފޮޓޯ/ހިންދުންސްތާންޓައިމްސް އެ މެޑަލް ފެންނަން އޮތުމަކީ އެ އާއިލާއަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި ބައްޕަގެ ހަނދާންތައް އަބަދާ އަބަދު ލޯ ކުރިމަތީ ފެންނަން ހުންނާނެ ކަމުގެ ނިޝާނެއް ކަމަށް ޕްރީތާ ވަނީ ބުނެފައެވެ. އަކްޝޭ އާއި ވީރުގެ އެހީގައި 'މަހާވީރު ޗަކްރާ' އެވޯޑު އޭބީ ދެއްވައްޔާގެ އާއިލާއާ ހަވާލުކޮށްފައި ވަނީ އެކަމަށްޓަކައި އިންޑިއާގެ ބެންގަލޫރުގެ އެއަ ފޯސް ޓްރެއިނިންގް ކޮމާންޑުގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ހަފްލާއަށް ފަހު ފިލްމުގައި އޭބީ ދެވައްޔާގެ ރޯލް ކުޅުނު ވީރު ބުނީ، އެކްޓަރަކަށް ވާން ނިންމި އެންމެ ބޮޑު އެއް ބޭނުމަކީ ވެސް އޭނާގެ ސަބަބުން ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސް އާއްމުންނަށް އެހީތެރިވެދީ އާއްމުންގެ ދިރިއުޅުމަށް އުފާވެރިކަން ގެނެސްދިނުމަށެވެ. ފިލްމު "ސްކައި ފޯސް" ބިނާކޮށްފައިވަނީ 1965 ވަނަ އަހަރު އިންޑިއާއާއި ޕާކިސްތާނާ ދެމެދު ކުރިއަށްދިޔަ ވައިގެ ހަނގުރާމައިގައި އިންޑިއާއިން ބަދަލުހިފުމުގެ ގޮތުން ޕާކިސްތާނުގެ ސަރްގޯދާ ބޭސްއަށް ދިން އެންމެ ފުރަތަމަ އަދި އެންމެ ނުރައްކާތެރި ވައިގެ ހަމަލާގެ މައްޗަށެވެ. މި ހަމަލާގައި އޭބީ ދެވައްޔާ ވަނީ ޝަހީދުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ