ހަނދުމަކޮށްދިނުމެއް!: ކުށު ސަޖިދައިގައި އަދި ސަޖިދައިން ތެދުވެ ދެސަޖިދަ މެދުގައި އިނދެ ކިޔާ ދުޢާ-

ކުށު ސަޖިދަ ކުރާއިރު އަދި ކުށުސަޖިދައިގެ ދެސަޖިދަ ދެމެދު އިށީނދެ އިންނައިރު ކިޔާނީ އެހެންނަމާދުގައިވެސް ކިޔާ ދުޢާތަކެވެ. 
އެބަހީ ސަޖިދަ ކުރާއިރު (سبحان ربي الأعلى) ތިންފަހަރު، އަދި ކުށުސަޖިދައިގެ ދެމެދު (رب اغفر لى) ދެފަހަރު އެވެ. 
މިގޮތުން ސުއޫދީ އަރަބިއްޔާގެ ފަތުވާދޭ ދާއިމީ ލަޖުނާއަށް ކުރެވުނު ސުވާލެއްގެ ޖަވާބުގައި އައިސްފައިވެއެވެ. 
" يقول الساجد في سجود السهو والتلاوة مثل ما يقول في سجوده في صلاته : ” سبحان ربي الأعلى ” والواجب في ذلك مرة واحدة ، وأدنى الكمال ثلاث مرات ، ويستحب الدعاء في السجود بما يسر الله من الأدعية الشرعية المهمة " انتهى . (فتاوى اللجنة الدائمة / جزء 6/ص445 ) 
"ކުށުސަޖިދައާއި ތިލާވަތުގެ ސަޖިދަކުރާމީހާ އެހެން ނަމާދު ތަކުގައިވެސް ކިޔާފަދައިން " سبحان ربي الأعلى " ކިޔާށެވެ. އެކަމުގައި ވާޖިބު މިންވަރަކީ އެއް ފަހަރު ކިޔުމެވެ. އަދި ތިންފަހަރު ކިޔުން އެއީ ފުރިހަމަ މިންވަރުގެ ތެރެއިން އެންމެ މަދު މިންވަރެވެ. ސަޖިދަ ކުރާ ހާލު ފަސޭހަވެގެންވާ މިންވަރަކަށް މުހިންމު ޝަރުޢީ ދުޢާތަށް ކުރުން މުސްތަޙައްބު ވެގެންވެއެވެ.".  
ކުށުސަޖިދަ ކުރާ ޙާލު” سُبْحَانَ مَنْ لا يَنَامُ وَلا يَسْهُو “މިދުޢާ ކިޔުން އެއީ މުސްތަޙައްބު ކަމެއް ކަމުގައި ބައެއް ޢިލްމުވެރީން ވިދާޅުވެއެވެ. ނަމަވެސް ކުރީގެ މަޝްހޫރު ހަދީޘް ޢިލްމުވެރިޔާ الحافظ ابن حجر މިދުޢާއާއި ބެހޭ ގޮތުން ވިދާޅުވެފައި ވަނީ މިދުޢާއަކީ އެއްވެސް އަސްލެއް ވާ ދުޢާއެއް ކަން އެކަލޭގެ ފާނަށް އެނގިވަޑައިގެން ނުވާ ކަމަށެވެ. (تلخيص الحبير/ ص12/ مجلد 2 / طبعة:مؤسسة قرطبة). 
އަދި فضيلة الشيخ مشهور حسن سلمان ވެސް فضيلة الشيخ أحمد شقيريގެ السنن والمبتدعات މިފޮތަށް ހަވާލާދީ އެފޮތުގައިވާ އިބާރާތް ނަގުލުކުރައްވަމުން  މި ދުޢާއަކީ رسول الله صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަޞްހާބުބޭފުޅުންގެ އަރިހުން ސާބިތުވެފައިވާ ދުޢާއެއް ނޫންކަމުގައި ވިދާޅުވެފައިވެއެވެ. 
(القول المبين في أخطاء المصلين/ص 142- 143 / طبعة:دار ابن القيم).
والله تعالى أعلم
 
- މަސްދަރު: ދިސަލަފިއްޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ