ޕީއެންއެފްއަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ ރައީސް ޔާމީން
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)އަށް އެމަނިކުފާނު ސޮއިކުރައްވައިފިއެވެ. 'ސަން' އަށް މައުލޫމާތުދެމުން ޕީއެންއެފް އުފެއްދެވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ، ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ އެ ޕާޓީއަށް އެންމެ ފުރަތަމަ ވެސް ސޮއި ކުރެއްވީ ރައީސް ޔާމީން ކަމަށެވެ. ޕީއެންއެފް އުފެއްދުމަށް ބޭނުންވާ ފޯމް ފުރުން، ހ. ހުރަފާގޭގެ ތިން ވަނަ ފަންގިފިލާގައި މިރޭ ކުރިއަށްދަނިކޮށް ޔާމީން ވަނީ އެ އޮފީހަށް ވަޑައިގެންފައެވެ. ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން އެތަނަށް ވަޑައިގަތުމާ ގުޅިގެން 'ސަން' އިން ސުވާލުކުރުމުން ކަރެކްޝަންސްއިން ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމަށް ވެސް ކަރެކްޝަންސްއިން ބުންޏެވެ. ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު އެ މަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތިން ގޭބަންދަށް ބަދަލު ކުރި ރައީސް ޔާމީނަށް ކަސްރަތު ކުރުންފަދަ ޚާއްސަ ކަންކަމަށް ގެކޮޅުން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ކަރެކްޝަންސްއިން ވަނީ ދީފައެވެ. https://sun.mv/185272 ނަމަވެސް އެ ހުއްދައިގެ ދަށުން ޔާމީން ވަނީ ސިޔާސީ ހަރަކާތްތައް ހިންގަވާފައެވެ. އެގޮތުން އެ މަނިކުފާނު މީގެ ކުރިން ޕީޕީއެމްގެ އޮފީހަށް ވަޑައިގެން، ޕާޓީގެ މެންބަރުންނާ ބައްދަލުކުރެއްވިއެވެ. އެއާއެކު ކަރެކްޝަންސްއިން ވަނީ އެއްބަސްވުމާ ޚިލާފަށް އަމަލުތައް ތަކުރާރުކުރައްވާނަމަ އިގުރާރު ބަދަލުކުރާނެ ކަމުގެ އިންޒާރު ދީފައެވެ. ދިވެހި ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީންނަށް ސިޔާސީ ކަންކަމުގައި ބައިވެެރިއެއް ނުވެވޭނެއެވެ. އެހެންކަމުން ޔާމީން ގާނޫނަށް ތަބާނުވާ ކަމަށް ބުނެ އަންނަނީ ފާޑުކިޔަމުންނެވެ. ސިޔާސީ ގޮތުން އުފެދުނު ހިތްހަމަނުޖެހުންތަކަށް ފަހު، ޔާމީން ރައީސްކަން ކުރައްވަމުން ގެންދެވި ޕީޕީއެމުން އެ މަނިކުފާނު އިސްތިއުފާ ދެއްވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ