ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ކުވޭތަށް ފުރާވަޑައިގެންފި

ކުވޭތުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޢަލީ އަލް ޔަހްޔާގެ ދަޢުވަކަށް ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުالله ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ކުވޭތަށް ފުރާވަޑައިގެންފިއެވެ. ފޮރިން މިނިސްޓަރ ޚަލީލުގެ މިދަތުރުފުޅުގައި ކުވެއިތުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި ކުވޭތާ ދެމެދު އުފެދިފައިވާ ޒަމާންވީ އަޙްވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ދެޤައުމުގެ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ އެހީ ހޯދުމާގުޅޭގޮތުން މަޝްވަރާކުރެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ. 
މީގެ އިތުރުން، ކުވޭތުގެ މިނިސްޓަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީޒް އާއި، މިނިސްޓަރ އޮފް އިންވެސްޓްމަންޓް، އަދި މިނިސްޓަރ އޮފް ފިނޭންސާ  ސަރުކާރުގެ އެހެނިހެން އިސް ވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީ އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖެއަށް ކުވޭތުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. 
ކުވޭތަކީ ދިވެހިރާއްޖޭއަށް ތަރައްޤީގެ ތަފާތު އެކި މަޝްރޫޢުތަކަށް އެހީތެރިވެދޭ ޤައުމެކެވެ. މިގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަށް  ކުވޭތް ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އެހީތެރިކަން ފާހަގަކޮށްލެވެއެވެ. އަދި މީގެ އިތުރުންވެސް ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ދެއްވާ އެހީތެރިކަމަކީ ވެސް ފާހަގަކޮށްލެވޭ އެހީތެރިކަމެކެވެ. 
މިނިސްޓަރ ޚަލީލްގެ މިދަތުރުފުޅުގައި އަރިހުގައި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީހާ އަދި ޕޮލިޓިކަލް ޑިރެކްޓަރ ފާތިމަތު ނަޝާ އިސްމާއީލް ބައިވެރިވެވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ