ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު މަގާމުން ވަކިކުރުމަށް އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާ ބޭއްވޭނެ ގޮތެއް ހޯދަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވައްދައިފިއެވެ.
އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ މެންބަރަކު އެކަން ''ތިލަދުން'' އަށް ކަށަވަރުކޮށްދީފައިވާއިރު، ސްޕްރީމު ކޯޓުން އަދި އެ މައްސަލަ ބަލައިގަތްކަން އިނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީން ސުޕްރީމްކޯޓަށް ހުށަހެޅި މި މައްސަލާގައި އެދިފައި ވަނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުުގެ ނައިބު ރައީސަށް ކަމަށް ބަލައިގެން މިއަދުގެ ޖަލްސާ ކެންސަލް ކުރީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ. އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި މަޖިލީހުގެ ނާއިބު ރައީސް ހާޒިރުނުވާ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ވާ ގޮތުގެ މަތީން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދަންޖެހޭނޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ދިނުމަށް އެ މައްސަލާގައި އެމްޑީޕީން އެދިފަވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ މިއަދަށް އެޖެންޑާކުރިއެވެ. ނަަމަވެސް މަޖިލިސްގެ ނައިބު ރައީސް އީވާ އަބުދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމްގައި ހުންނެވުމުން މަޖިލީހުން ވަނީ ޖަލްސާ ކެންސަލްކޮށްފައެވެ.
މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގެ (ބ)ގައި ބަޔާންކޮށްފައިވާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލާގައި މަޖިލީހުގެ ރައީސް ވަކިކުރަން ޤަރާރެއް މަޖިލީހަށް ހުށަހަޅަންޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ބުނެފަވެއެވެ. ނަމަވެސް އެފަދަ ޖަލްސާއަކަށް ނައިބު ރައީސަށް ވެސް ހާޒިރު ނުވިވިއްޖެނަމަ ދެން ކަންކުރާނެގޮތެއް އެ ގަވާއިދުގައި ސާފުކޮށް ލިޔެފައެއް ނުވެއެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދުގައި މަޖިލީހުގެ ރައީސްގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އާއި އަދި ގަވާއިދުގައި ބަޔާންކުރާ އިތުރު މެންބަރުންނަށް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓޭނެ ހަމައެއް ބަޔާންކޮށްފަ އޮވެއެވެ. މިގޮތުން މަޖިލީހުގެ ރައީސާއި، ނައިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެއްޖެ ހާލަތެއްގައި، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން ޤާނޫނުއަސާސީއާއި އެއްގޮތްވާގޮތުގެ މަތީން މަޖިލީހުގެ ރައީސް ކަނޑައަޅަންވާނެ ކަމަށް އޮވެއެވެ. އަދި މިގޮތުން ކަނޑައަޅަންވާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރި ފަސް މެންބަރުން ކަމަށް ގަވާއިދުގައި ބުނެއެވެ. އެ ގޮތައް މެންބަރުން ކަނޑައަޅާފައިވީނަމަވެސް މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލައާއިގުޅިގެން މިކަން ސާފުކޮށް ބަޔާންކޮށްފައިނުވާތީ، މިހަމަ، މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ ހިންގޭ ޖަލްސާއެއްގައި ހިފެހެއްޓިދާނެކަން ނުވަތަ ނޫންކަމުގެ ޤާނޫނީލަފާ ދެއްވާނީ މަޖިލީހުގެ ކައުންސެލް ޖެނެރަލްއެވެ.
ނަޝީދުގެ އިތުބާރުގެ މައްސަލާގައި ޖަލްސާ ބޭއްވޭނެ ގޮތެއް ހޯދަން ސުޕްރީމް ކޯޓަށް މައްސަލަ ވައްދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ