ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ ލެވަކޫސަން އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.
ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން އާސެނަލް ކާމިޔާބުކުރިއިރު ފުރަތަމަ ލެގު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
ލެވަކޫސަން އިން މުޅި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މި މެޗުގައި އާސެނަލް އިން ވަނީ ގިނަ ހަމަލަތަކެއް ލެވަކޫސަންގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފަ އެވެ. އެގޮތުން މުޅި މެޗުގައި އެ ޓީމުން ވަނީ 12 ހަމަލައެއް ލެވަކޫސަންގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފަ އެވެ.
ފުރަތަމަ ލެގު އެއްވަރުވެފައިވާތީ މި މެޗުން މޮޅުވެގެން ކުއާޓަރ ފައިނަލުގެ ޖާގައެއް ކޮންމެ ޓީމަކަށްވެސް ލިބެން އޮތްއިރު މެޗުގެ 36 ވަނަ މިނިޓުގައި އާސެނަލް އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑަކީ އެބެރެޗީ އެޒޭ ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ކާމިޔާބުކޮށްދީފައިވާ ހިތްގައިމު ލަނޑެކެވެ.
އާސެނަލް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ 63 ވަނަ މިނިޓުގައި ޑެކްލަން ރައިސް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މީގެ އިތުރުންވެސް މި މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އާސެނަލް އަށް ވަނީ ލިބިފަ އެވެ. އެގޮތުން އެ ޓީމަށް ލިބުނު ކޯނަރުތަކުން ގެބްރިއެލް ފޮނުވާލި ނުރައްކާތެރި ހަމަލަތަކެއް ލެވަކޫސަންގެ ގޯލުކީޕަރު ޔަނިސް ބްލަސްވިޗް ވަނީ މަތަކޮށްފަ އެވެ.
މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި އާސެނަލް އާއި ދެކޮޅަށް ނިކުންނާނީ ޕޯޗުގަލްގެ ސްޕޯޓިން އެވެ. ސްޕޯޓިން މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ބޯޑޯ/ގްލިމްޓް އާއި ދެކޮޅަށް ރޭ ކުޅުނު މެޗު 5-0ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
އާސެނަލް ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ