އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ފޯޑްގައި އަލިފާންގެ ހާދިސާއެއް ހިނގައިފި

އިޒުރޭލާއި އެމެރިކާ އިން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމާގައި ހަރަކާތްތެރިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޖެރަލްޑް އާރު ފޯޑްގައި އަލިފާންގެ ހާދިސާއެއްް ހިނގުމުން ވަގުތީ ގޮތުން ބަނދަރު ކުރާ ގޮތަށް ނިންމާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން މިއަދު ބުނެފި އެވެ.
އެ ހަނގުރާމައަށް މިއަދަށް ވަނީ 18 ދުވަސް ވެފަ އެވެ.
އެމެރިކާގެ އެންމެ ފަހުގެ އަދި ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު އުފުލާ މަނަވަރު މިހާރު އޮތީ ރަތް ކަނޑުގަ އެވެ. އެ މަނަވަރު ވަގުތީ ގޮތުން ގްރީސްގެ ކްރީޓްގެ ސައުޑާ ބޭ އަށް ދާނެ ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ ދެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ބުނެ އެވެ.
މެދުކެނޑުމެއް ނެތި މި ހަނގުރާމަމަތީ މަނަވަރު ކަނޑުމަތީގައި އޮންނަތާ ނުވަ މަސް ވެއްޖެ އެވެ. އަދި މި މަނަވަރު މެދުއިރުމައްޗަށް ދިއުމުގެ ކުރިން ކެރީބިއަން ކަނޑުގައި ވެނެޒުއޭލާއާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި ވެސް ވަނީ ބައިވެރިވެފަ އެވެ. އެ މަނަވަރު ކަންޑުމަތީގައި އޮތް ދިގު މުއްދަތަށް ބަލާ އިރު، ބޯޓުގައި ތިބި ފަޅުވެރިންގެ މޯރަލް އާއި ހަނގުރާމައަށް ބޯޓުގެ ތައްޔާރީއާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ރޮއިޓާސްއާ ވާހަކަ ދެއްކި އޮފިޝަލުން ފޯޑް ކްރީޓްގައި މަޑުކުރާނީ ކިހާ ދުވަހަކު ކަމެއް ވިދާޅެެއް ނުވެ އެވެ. އަދި މަނަވަރުގައި އަލިފާން ރޯވާން ދިމާވީ ކީއްވެގެން ކަމެއް ވެސް ވިދާޅެއްް ނުވު އެވެ.
އެއް އޮފިޝަލަކު ވިދާޅުވި ގޮތުގައި ބޯޓުގެ މައި ލޯންޑްރީ ސަރަހައްދުގައި އަލިފާން ރޯވުމުން 200 އަށް ވުރެ ގިނަ ފަޅުވެރިންނަށް ފަރުވާދޭން ޖެހުނެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރަން އެތައް ގަޑިއިރެއް ނެގި އެވެ. އަދި އެ ވަގުތު ނިދާފައި ތިބި 100 އަށް ވުރެ ގިނަ ފަޅުވެރިންނަށް އަސަރުކުރި އެވެ.
އޭގެ ތެރެއިން އަނިޔާ ލިބުނު ފަޅުވެރިއަކު ވައިގެ މަގުން ފަރުވާއަށް ގެންދަން ޖެހުނު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެ ހާދިސާ ހިނގި ކަން ފުރަތަމަ ރިޕޯޓް ކުރީ ނިއު ޔޯކް ޓައިމްސް އިންނެވެ. ނަމަވެސް އެ ހާދިސާއާ ގުޅޭ ގޮތުން ޕެންޓަގަން އިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
އަލިފާންގެ ހާދިސާއަށް ފަހު އެމެރިކާގެ އަސްކަރިއްޔާ އިން ބުނީ ބޯޓުގެ ޕްރޮޕަލްޝަން ޕްލާންޓަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި މަނަވަރު ބަރާބަރަށް މަސައްކަތް ކުރާ ކަމަށެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް އެމެރިކާ އިން ފެށި ހަނގުރާމާގައި މިހާތަނަށް އެމެރިކާ އިން ވަނީ އީރާނުގެ 7،000 އަށް ވުރެ ގިނަ އަމާޒުތަކަށް ހަމަލާ ދީފަ އެވެ.
ފޯޑްފައި 5،000 އަށް ވުރެ ގިނަ ފަޅުވެރިންނާ އެކު 75 އަށް ވުރެ ގިނަ އަސްކަރީ މަތިންދާ ހިމެނެ އެވެ. އަދި އެ މަނަވަރަކީ އެންމެ ޒަމާނީ އާތްލާތްތަކުން މުއްސަނދިކޮށްފައިވާ،  އެއާ ޓްރެފިކް އަދި ނެވިގޭޝަން މެނޭޖު ކުރުމަށް ޒަމާނީ ރާޑަރު ހުންނަ މަނަވަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ