ތެލުގެ އަގު ބޮޑުވުމާއެކު މުދާ އުފުލާ ބޯޓުފަހަރުގެ ނާލު ބޮޑުކުރަން ފަށައިފި ތެލުގެ އަގު ބޮޑުވުމާއެކު މުދާ އުފުލާ ބޯޓުފަހަރުގެ ނާލު ބޮޑުކުރަން ފަށައިފި

އިރާނު ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ބާޒާރުގައި ވެސް ތެލުގެ އަގު ދެގުނަ މައްޗަށް ދިއުމާ ގުޅިގެން، ރަށްރަށަށް މުދާ އުފުލާ ބޯޓުފަހަރުގެ ނާލު ބޮޑުކުރަން ފަށައިފިއެވެ.
"އަދަދު" ނޫހާ ވާހަކަ ދެއްކި ބައެއް ބޯޓުފަހަރުގެ ވެރިން ބުނި ގޮތުގައި، ތެލުގެ އަގަށް އައި ބަދަލާ އެކު ނާލު ވެސް ދެގުނަ ބޮޑުކުރަން ވަނީ މަޖުބޫރުވެފައެވެ. ނަމަވެސް ބައެއް ބޯޓުތަކުން ބުނީ އެންމެ ފަހުން ކުރި ދަތުރުގައި އަގު ބޮޑުނުކުރާ ކަމަށާއި، އެއީ ކުރިން ހެޔޮ އަގުގައި ގަނެފައި ހުރި ތެޔޮ ހުރުމުން ކަމަށެވެ.
ނާލު ބޮޑުކުރި ބޯޓެއްގެ ވެރިޔަކު މައުލޫމާތު ދިން ގޮތުގައި ކުރިން 10ރ. އަށް އުފުލައިދިން ފެން ކޭހެއްގެ ނާލު މިހާރު ވަނީ 20ރ. އަށް ބޮޑުކޮށްފައެވެ.
ކުޅުދުއްފުށީ "ބަހާދަރު" ބޯޓުގެ ވެރިޔާ ޒުހައިރު ބުނީ، އެންމެ ފަހުން ކުރި ދަތުރުގައި ނާލު ބޮޑުނުކުރި ނަމަވެސް، ދެން ކުރާ ދަތުރުތަކުގައި އަގަށް ބަދަލު އަންނަން މަޖުބޫރު ވާނެ ކަމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި މިހާރު ތެޔޮ ގަންނަން ލިބެނީ ލީޓަރެއް 29.27ރ. ގެ ރޭޓުން ކަމަށާއި ނާލު ބޮޑުނުކޮށް ފަރުނުޖެއްސޭނެ ކަމަށެވެ.
އެހެން ބޯޓެއްގެ ވެރިޔަކު ބުނީ، ނާލުގެ އަގު ދާއިމީކޮށް ބޮޑުކުރުމުގެ ބަދަލުގައި، ކޮންމެ ދާގީނާއަކުން "ފިއުލް ޗާޖެއް" ނެގުމަށް ވިސްނަމުންދާ ކަމަށެވެ. އޭރުން ތެލުގެ އަގު ހެޔޮވާ ދަނޑިވަޅެއްގައި، އެ ޗާޖު ކުޑަކޮށް ނުވަތަ އުނިކޮށްލުމަށް ފަސޭހަވާނެ ކަމަށް އޭނާ ބުންޏެވެ.
މި ބަދަލުތަކުގެ ސަބަބުން، އަތޮޅުތެރޭގެ ރަށްރަށުގައި ވިއްކާ މުދަލުގެ އަގު ކުރިއަށް އޮތް ތަނުގައި ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ.
އިރާނު ހަނގުރާމައާ ގުޅިގެން ސާފުކުރި ތެޔޮ ފީފާއެއްގެ އަގު ވަނީ 200 ޑޮލަރަށް ވުރެ މައްޗަށް އަރައިފަ އެވެ. އެހެންވެ، ލޯންޗު ފަހަރާއި ޓެކްސީތަކުގެ ދަތުރުތައް ވެސް ވަނީ މަދުކޮށްފަ އެވެ.
މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އަދިވެސް އެކަމެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ