ދަތުރާ ގުޅިގެން ރޯދަތައް ހަމަކުރުން

ރަމަޟާންމަހުގެ ރޯދަޔާ ބެހޭ ގޮތުން މާތް ﷲ ވަޙީކުރައްވައިފައި ވަނީ ބަލިމީހުންނާއި ދަތުރުވެރިން ރޯދަ ނުހިފިއެއް ކަމަކު، ގެއްލޭ ރޯދަތައް އެހެން ދުވަސްތަކަކުން ހަމަކުރުމަށެވެ. ރަމަޟާންމަހުގެ ރޯދަ ހިފަން އުޒުރުވެރިވާ މީހުންނަށް ﷲ އެންގެވީ، ގެއްލުނު ރޯދަތައް ޤަޟާކުރާށެވެ. މި ވާހަކައާ ވިދިގެން އެންގެވީ ލުއިފަސޭހަ ގޮތް ﷲ އެދިވޮޑިގަންނަވާ ކަމަށާއި ދަތި އުނދަގޫ ގޮތް އެދިވޮޑިނުގަންނަވާ ކަމަށެވެ. އެހެނަސް އެއިލާހު އެދިވޮޑިގަންނަވަނީ އެ މަހުގެ ޢަދަދު ހަމަކުރެއްވުމަށް ކަމަށް ވެސް އެންގެވިއެވެ. ބަޤަރާ ސޫރަތުގެ 185ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. ﴿وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۗ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ﴾‏ ‎(البقرة: ١٨٥)‏ މާނައީ: "އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފި ނަމަ) އެހެން ދުވަސްތަކަކުން އެ އަދަދު ހަމަކުރުން ހުށްޓެވެ. ﷲ، ތިޔަބައިމީހުންނަށް ލުއިފަސޭހަ ގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫ ގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މި ކަންތައްތައް މި ގޮތަށް ކަނޑައަޅުއްވައިފައި ވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ އަދަދު ފުރިހަމަ ކުރުމަށް ޓަކައެވެ." މި އާޔަތުން އަޅުގަނޑުމެންނަށް އެނގެނީ ރޯދަ ހިފުމާއި، ރަމަޟާންމަހުގައި ހޭދަވި ދުވަސްތަކުގެ އަދަދަށް ރޯދަތައް ހަމަކުރުމަކީ މުހިންމު ކަމެއް ކަމެވެ. އަދި އެ ކަމަށް ލުއި ގޮތް، ﷲ އިރާދަކުރައްވައިފައިވާ ކަމެވެ. އެއީ އެ މީހަކަށް ފަސޭހަ ވީ ގޮތަކުން އެ ރަމަޟާންމަހުގެ އަދަދު ހަމަކުރުމެވެ. އެ "ރަމަޟާންމަހޭ" އަޅުގަނޑު މި ދަންނަވަނީ އެކި އަހަރުތަކުގެ ރަމަޟާންމަހުގައި ހިފާ ރޯދަ، އަދަދުގެ ގޮތުން ތަފާތުވާތީއެވެ. ރަމަޟާން މަސްތަކުގައި ހިފާ ރޯދައިގެ އަދަދު ކަނޑައަޅާ އެއްޗަކީ ޝައްވާލުމަހަށް ބަލާ ހަނދެވެ. އޮނަތިރީސް (29) ވަނަ ދުވަހުގެ ރޭ ހަނދު ފެނިއްޖެނަމަ، އެ މަހުގައި ހިފި ރޯދައިގެ އަދަދު 29އެވެ. ހަނދު ނުފެނުނު ނަމަ އަނެއް ދުވަސް ވާނީ ރޯދަ ދުވަހަކަށެވެ. އޭރުން އެ އަހަރުގެ ރަމަޟާންމަހުގެ އަދަދަކީ 30އެވެ. މި އަދަދަށް ބަލައި، ގެއްލުނު ރޯދަތައް ހިފަން ވާނީ ކަނޑައެޅިފައި އޮތް އަދަދުގެ ޖުމުލަ ހަމަވާ ގޮތަށެވެ. މި ލިޔުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭން ބޭނުންވަނީ ދަތުރުކުރާ މީހާއާ ދިމާވާ ހާލަތުތަކެއްގެ ސަބަބުން އޭނާގެ ރޯދައަށް ކަނޑައެޅޭ އަދަދުގެ މައްޗަށް ބަލައިލުމަށެވެ. ރޯދަމަހުގެ ފަހު ދުވަސްތަކުގައި ދަތުރުކުރަން ޖެހުނު މީހާ މިއަދަދާ މެދު ސަމާލުވުން މުހިންމެވެ. އޭނާގެ ރަށުގައި އުޅޭ އެހެން މީހުންނަށް ކަނޑައެޅިފައި އޮތް އަދަދާއި އޭނާއަށް ކަނޑައެޅޭ އަދަދު ތަފާތު ވެސް ވެދާނެއެވެ. މީހަކު 30ވަނަ ދުވަހު ދަތުރެއް ކޮށްފައި އޭނާގެ ރަށަށް އައިއިރު، ނުވަތަ އެހެން ރަށަކަށް ދިޔައިރު، އެ ރަށުގެ މީހުން ހިފަނީ 29ވަނަ ރޯދަކަމަށް ވެދާނެއެވެ. އަދި އެ މީހުންގެ ރަށަށް އެރޭ ހަނދު ނުފެނުމުގެ ސަބަބުން އަނެއް ދުވަހަކީ އެ ރަށަށް 30ވަނަ ރޯދައެވެ. މި ހާލަތުގައި އެ ރަށު މީހުން 30ވަނަ ރޯދަހިފާ ދުވަހު، އޭނާ ރޯދަހިފައިގެން ނުވާނެއެވެ. އަދި އޭނާއަށް އެކަނިމައިއެކަނި އަމިއްލައަށް ޢީދެއް ވެސް ނުކުރެވޭނެއެވެ. އެ ދުވަހު އޭނާ ޖެހޭނީ ރޯދަ ނުހިފާ ހުންނާށެވެ. އަދި އަނެއް ދުވަހު އެ ރަށު މީހުންނާ އެކު އޭނާ ވެސް ޢީދުކުރާނީއެވެ. މި ހާލަތުގައި އެ ރަށު މީހުންނާއި އޭނާގެ ވެސް ޖުމްލަ ރޯދައިގެ އަދަދަކީ 30 ރޯދައެވެ. ގެއްލޭ ރޯދަ ޤަޟާކޮށްގެން ވެސް ހަމަކުރަންވާނީ 30 ރޯދައެވެ. މީހަކު ރަށަކުން ފުރީ 28 ރޯދަހިފައިގެން ކަމަށްވެފައި އޭނާ ދިޔަ ރަށުގެ މީހުން އެ ދުވަހު ތިބީ 29ވަނަ ރޯދައަށް ކަމަށް ވެފައި އެރޭ ހަނދު ބެލިއިރު ހަނދު ފެނިގެން އަނެއް ދުވަހު ޢީދުކުރާ ނަމަ، އޭނާ ވެސް ޖެހޭނީ އެރަށު މީހުންނާ އެކު ޢީދުކުރާށެވެ. އެހެނަސް މި ހާލަތުގައި އޭނާގެ ޖުމްލަ ރޯދަ 28 ކަމުގައި ވާތީ، މައްސަރެއްގެ އަދަދު ކަމަށް ވާ 29، އޭނާ އެންމެ މަދުވެގެން ހަމަކުރަންވާނެއެވެ. އެ ރަށު މީހުން ޢީދުކުރި ދުވަސް ނިމިގެން އަންނަ ފުރަތަމަ ދުވަހު، ރަމަޟާންމަހުގެ ފަރުޟުރޯދައެއް ހިފުމުގެ ނިޔަތުގައި އޭނާ ރޯދައަށް ހުންނަން ވާނެއެވެ. ގެއްލޭ ރޯދަ ޤަޟާކޮށްގެން އޭނާ ހަމަކުރަންވާނީ ވެސް، 29 ރޯދައެވެ. މިއީ ރަމަޟާންމަހުގެ ރޯދައިގެ އަދަދު ހަމަކުރުމުގައި ކޮންމެ މީހަކު ވެސް ބަލަން ވާނެ ކަމެކެވެ. ޚާއްޞަކޮށް އެއްވެސް ސަބަބަކާ ހުރެ ރޯދައެއް ޤަޟާކުރަން ޖެހޭ މީހާ މި ދެންނެވި މަގުން ބަލައިގެން ރަމަޟާންމަހުގެ ޢަދަދު ހަމަކުރުން މުހިންމެވެ. މި ކަންކަން މި މަގުން ކުރުމީ ކިޔަމަންތެރިކަމެވެ. ތަޤުވާވެރިކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ