ފިލްމީ ދާއިރާއިން ރިޓަޔާވީ ސަޕޯޓަރުންނަށް އެހީވާން: ވިޖޭ
ދެކުނު އިންޑިއާގެ އެންމެ ނުފޫޒު ގަދަ އެކްޓަރުންގެ ތެރޭ ހިމެނޭ ތަލަޕަތީ ވިޖޭ ސިނަމާއިން ދުރަށް ޖެހި، އަމިއްލައަށް އެ ދާއިރާއިން ރިޓަޔަވީ ސަޕޯޓަރުންގެ ދިފާއުގައި ތެދުވުމަށް ކަމަށް ބުނެފިއެވެ. ވިޖޭގެ ފިލްމީ ކެރިއަރުގެ އެންމެ ފަހު ފިލްމު "ޖާނާ ނަޔާގަން"ގެ އޯޑިއޯ ލޯންޗުކުރުމަށް ދާދި ފަހުން ބޭއްވި ހަފުލާގައި އެކްޓަރު ވަނީ ސަޕޯޓަރުންނާ މުޚާތަބުކޮށް ވަރަށް ޖަޒުބާތީ ޝުއޫރުތަކެއް ފާޅުކޮށްފައެވެ. މެލޭޝިޔާގެ ކުއާލަ ލަމްޕޫރުގެ ބުކިޓް ޖަލީލް ސްޓޭޑިއަމްގައި ބޭއްވި މި ހަފުލާގައި ވާހަކަދައްކަމުން ވިޖޭ ބުނީ، އޭނާ ސިނަމާއާ އެންމެ ފުރަތަމަ ގުޅުނުއިރު ވެލިން ތައްޔާރުކޮށްފައިވާ އާދައިގެ ކުޑަ ގެއެއް ބިނާކުރުމުގެ ވިސްނުން ގެންގުޅުނު ކަމަށެވެ. އެހެންނަމަވެސް، ސަޕޯޓަރުންގެ އެހީގައި އެކްޓަރަށް ބިނާކުރެވުނީ ހައިބަތު ބޮޑު ޕެލެސްއެއް ކަމަށާއި ވިޖޭއަށްޓަކައި އެތަކެއް ގުރުބާނީތަކެއްވި ސަޕޯޓަރުންނަށްޓަކައި ސިނަމާ ދޫކޮށް ސަޕޯޓަރުންގެ ހައްގުގައި ތެދުވުމަށް ނިންމީ ކަމަށް ވިޖޭ ވަނީ ބުނެފައެވެ. ވިޖޭގެ ފިލްމީ ކެރިއަރުގެ އެންމެފަހު ފިލްމު "ޖާނާ ނަޔާގަން"ގެ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ އަމިއްލަ ސިޔާސީ ޕާޓީއެއް އުފައްދައި ސިޔާސީ ދާއިރާއިން ކުރިއަށް ދާން ނިންމިކަން ވިޖޭ އިއުލާނުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހެވެ. އުމުރުން 49 އަހަރުގެ އެކްޓަރު ވަނީ "ތަމިލާގާ ވެތުރީ ކަޒާގަމް"ގެ ނަމުގައި އަމިއްލަ ސިޔާސީ ޕާޓިއެއް އުފައްދައި މި ފެށޭ 2026ގައި ބާއްވާ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގޭގެ އިންތިޚާބުގައި ވާދަކުރަން ތައްޔާރުވަމުން އަންނަކަން އިއުލާނުކޮށްފައެވެ. ވިޖޭ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދޭ ކެރިއަރުގެ އެންމެ ފަހު ފިލްމަކީ ޕޮލިޓިކަލް އެކްޝަން ތުރިލާއެކެވެ. މި ފިލްމުން ވިޖޭއާ އެކު ފެންނާނެ ތަރިންގެތެރޭ ބޮލީވުޑްގެ އެކްޓަރު ބޮބީ ޑިއޯލް އަދި ބަތަލާ ޕޫޖާ ހެގްޅޭ ހިމެނެއެވެ. މި ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ މަހުގެ ނުވަވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ