ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ލާ ހެދުމުގެ ދިގުމިން ހުންނަންޖެހޭ ވަރު ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅައި، ސިވިލް ސާވިސް ގަވާއިދު އިސްލާހުކޮށްފި އެވެ.
ސަރުކާރުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުން ހެދުން އަޅަން ޖެހޭ ގޮތް ބަޔާންކުރާ ގަވާއިދު އިސްލާހުކޮށްފައިވަނީ ފިރިހެނުންގެ އިތުރުން ވަކިން ހާއްސަކޮށް އަންހެނުން ހެދުން ލާން ޖެހޭގޮތް ވަރަށް ބޮޑަށް ހަރުކަށިކޮށްފަ އެވެ.
ގަވާއިދު އިސްލާހުކޮށްފައިވާ ގޮތުން އަންހެން މުވައްޒަފުން ލާ ހެދުން ހުންނަން ޖެހެނީ ބުޑުގެތިރީ ކައިރިން ފެށިގެން މައްޗަށް ދެ އިންޗިއަށްވުރެ ހެދުން ކުރުނުވާ ވަރަށެވެ. އަންހެނުން ލާ ހެދުމުގެ ފޮއްޗަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކަށް ވާން ޖެހެ އެވެ. ފަޓުލޫނު އަދި ހަރުވާޅު ނުވަތަ ޖެކެޓާއެކު ލާ ފަޓުލޫނު ނުވަތަ ހަރުވާޅަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކޮށްފައިވާ އެއްޗަކަށްވެސް ވާން ޖެހެ އެވެ.
އަންހެން މުވައްޒަފުންގެ ހެދުމުގެ މަތީބައި، ގަމީސް އަދި ސޫޓު ޖެކެޓުގެ މަތީބައިގެ އަރިމަތިން، ކުރިމަތިން، ފުރަގަހުން އަދި ތިރިން ފަޅައިފައި ހުންނަނަމަ، ފަޅައިފައި ހުންނަބައި ހުންނަން ޖެހެނީ މައްޗަށް އަތް ދަމާލީމަ އުނަގަނޑުން ތިރީބަޔާއި އުނަގަނޑުން މަތީބަޔާ ދެމެދުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ގޮތަށެވެ.
ކޮންމެ އަންހެން މުވައްޒަފެއް ލާ ހެދުމެއްގެ ވެސް ކަރު ހުންނަން ޖެހޭނީ، ކަރުވަޅު ނިވާވާގޮތަށެވެ. އަތްކުރު ހެދުމެއްނަމަ އަތް ހުންނަންޖެހޭނީ، އެ މީހެއްގެ ކޮނޑުހުޅާއި އުޅާބޮށްޓާ ދެމެދަށްވުރެ ކުރުނުވާ ވަރަށެވެ. ހެދުމެއް ނަމަ، ހެދުމުގެ އަތް ހުންނަންޖެހެނީ އަތުގެ ކުޑަހުޅަށްވުރެ ދިގުނުވާ ވަރަށެވެ.
އަންހެން މުވައްޒަފުންގެ ހެދުމުގެ ގޮތުގައި ދިގު ހެދުން ނުވަތަ ދިވެހި ލިބާސް ނުވަތަ އޮފީސް ހެދުން ބޭނުން ކުރެވޭއިރު، އެ ހެދުން ހުންނަން ޖެހެނީ ފައިގެ ތަނބިކަށްޓަވުރެ ކުރު ނުވާ ގޮތަށެވެ.
ނަމަވެސް އަންހެނުން އޮފީހަށްދާއިރު މޭކަޕްކޮށް ޒީނަތްތެރިވުމުގެ ގޮތުން ގަހަނާ އެޅެ އެވެ. އެކަމަކު އިސްތަށިގަނޑު ހުންނަން ޖެހެނީ ރީތިކޮށެވެ. އިސްތަށިގަނޑު ކަޅުކުރުން ފިޔަވައި، ފާޅުކަން ބޮޑު ކުލައެއް ޖެއްސުމަކީ ނުވަތަ ކުލައިން ޝޭޑްކޮށް ހައިލައިޓް ކުރުން ވަނީ މަނާކޮށްފަ އެވެ.
ސިވިލް ސާވިސްގެ ގަވާއިދު ފުރަތަމަ އެކުލަވާލިއިރު އަންހެން މުވައްޒަފުން ހެދުން އަޅަންޖެހޭ ގޮތް ހަރުކަށިކޮށްފައެއް ނުވެ އެވެ. އެކަމަކު ގަވާއިދު މިހާރު އިސްލާހުކޮށްފައި އޮތްއިރު ވަރަށް ތަފްސީލުކޮށް ހެދުން އަޅަން ޖެހޭ ގޮތް ވަނީ ބަޔާން ކުރުމާއެކު މަޖުބޫރުކޮށްފަ އެވެ.
ފިރިހެން މުވައްޒަފުންނަށް ގަމީހުގެ ގޮތުގައި އަތްދިގު ނުވަތަ އަތްކުރު ގަމީސް ނުވަތަ ބުސް ގަމީސް ލެވެ އެވެ. ގަމީހުގެ އަތް ހުންނަންޖެހޭނީ އަތް ދިގު ގަމީހެއްނަމަ އަތުގެ ކުޑަހުޅާ ހަމައަށެވެ. އަތްކުރު ގަމީހެއްނަމަ، އަތް ހުންނަންވާނީ އަތުގެ އުޅަނބޮށްޓަށްވުރެ ދެ އިންޗި ކުރުނުވާ ގޮތަށެވެ.
ފިރިހެން މުވައްޒަފުންގެ ހެދުމުގައި ފަޓުލޫނުގެ ގޮތުގައި ބޭނުންކުރަންޖެހޭނީ ދިގު ފަޓުލޫނެވެ. ފަޓުލޫނަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކޮށްފައިވާ ފަޓުލޫނަކަށްވާން ޖެހެ އެވެ.
ބޭރަށް ބަހައްޓާ ގޮތަށް، އޮފީސް ގަމީހުގެ ގޮތުގައި ފަހައިފައި ހުންނަ އަތްދިގު ބުސް ގަމީސް ފިޔަވައި، އެހެން ގަމީސްތައް ދަށަށް ޖަހަން ޖެހެ އެވެ. ދަށަށް ޖަހާފައި ހުންނައިރު ހުންނަން ޖެހެނީ ގަމީސް ދަށަށް ޖަހައި ބެގީކުރުމުން، އަޅައިފައި ހުންނަ ކމަރު އެއްކޮށް ނުފޮރުވޭ ވަރަށެވެ.
ރަސްމީ ގަޑީގައި ފިރިހެން މުވައްޒަފުން އަތްދިގު ގަމީހާއި އަތްކުރު ގަމީހަކާއެކު ދަށަށް ޖަހައި، ޓައި ބޭނުން ކުރަން ޖެހެ އެވެ. ޓައީގައި އަހްލާގީ ގޮތުން އެކަށީގެން ނުވާ ފަދަ ބަސް، މަންޒަރު، ކުރެހުން، ކާޓޫނު ނުވަތަ ފޮޓޯ ނުވަތަ އެފަދަ އެއްޗެއް ހުރެގެން ނުވެ އެވެ.
މީގެއިތުރުން ފިރިހެން މުވައްޒަފުން އޮހަށް ހާޒިރުވާއިރު ފާޅުކަންބޮޑު މޭކަޕެއް، ގަހަނާއެއް (އަނގޮޓި ފިޔަވައި) ބޭނުން ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. އެއްވެސް ގުނަވަނެއްގައި ގަހަނާއަށްވާ އެއްޗެއް ލައިފައި ހުރުމަކީ ވެސް ހުއްދަ ކަމެއް ނޫނެވެ.
އަންހެން މުވައްޒަފުން ލާ ހެދުމުގެ ދިގުމިން ހުންނަންޖެހޭ ވަރު ކަނޑައަޅައިފި އަންހެން މުވައްޒަފުން ލާ ހެދުމުގެ ދިގުމިން ހުންނަންޖެހޭ ވަރު ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ