ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ އިސްތަށިގަނޑުގައި ފާޅުކަން ބޮޑޫ ކުލައެއް ޖައްސައި ޝޭޑުކޮށް ހައިލައިޓްކުރުން މަނާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅައި، ސިވިލް ސާވިސް ގަވާއިދު އިސްލާހުކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ގަވާއިދު އިސްލާހުކޮށްފައިވާ ގޮތުން އަންހެން މުވައްޒަފުންގެ އިސްތަށިގަނޑު ހުންނަން ޖެހެނީ ރީތިކޮށެވެ. އެގޮތުން އިސްތަށިގަނޑު ކަޅުކުރުން ފިޔަވައި، ފާޅުކަން ބޮޑު ކުލައެއް ޖެއްސުން ނުވަތަ ކުލައިން ޝޭޑްކޮށް ހައިލައިޓް ކުރުން ވަނީ މަނާކޮށްފަ އެވެ.
ގަވާއިދު އިސްލާހުކޮށްފައިވާ ގޮތުން އަންހެން މުވައްޒަފުން ލާ ހެދުން ހުންނަން ޖެހެނީ ބުޑުގެތިރީ ކައިރިން ފެށިގެން މައްޗަށް ދެ އިންޗިއަށްވުރެ ހެދުން ކުރުނުވާ ވަރަށެވެ. އަންހެނުން ލާ ހެދުމުގެ ފޮއްޗަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކަށް ވާން ޖެހެ އެވެ. ފަޓުލޫނު އަދި ހަރުވާޅު ނުވަތަ ޖެކެޓާއެކު ލާ ފަޓުލޫނު ނުވަތަ ހަރުވާޅަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކޮށްފައިވާ އެއްޗަކަށްވެސް ވާން ޖެހެ އެވެ.
އަންހެން މުވައްޒަފުންގެ ހެދުމުގެ މަތީބައި، ގަމީސް އަދި ސޫޓު ޖެކެޓުގެ މަތީބައިގެ އަރިމަތިން، ކުރިމަތިން، ފުރަގަހުން އަދި ތިރިން ފަޅައިފައި ހުންނަނަމަ، ފަޅައިފައި ހުންނަބައި ހުންނަން ޖެހެނީ މައްޗަށް އަތް ދަމާލީމަ އުނަގަނޑުން ތިރީބަޔާއި އުނަގަނޑުން މަތީބަޔާ ދެމެދުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ގޮތަށެވެ.
ސިވިލް ސާވިސްގެ ގަވާއިދު ފުރަތަމަ އެކުލަވާލިއިރު އަންހެން މުވައްޒަފުން ހެދުން އަޅަންޖެހޭ ގޮތް ހަރުކަށިކޮށްފައެއް ނުވެ އެވެ. އެކަމަކު ގަވާއިދު މިހާރު އިސްލާހުކޮށްފައި އޮތްއިރު ވަރަށް ތަފްސީލުކޮށް ހެދުން އަޅަން ޖެހޭ ގޮތް ވަނީ ބަޔާން ކުރުމާއެކު މަޖުބޫރުކޮށްފަ އެވެ.
ފިރިހެން މުވައްޒަފުންނަށް ގަމީހުގެ ގޮތުގައި އަތްދިގު ނުވަތަ އަތްކުރު ގަމީސް ނުވަތަ ބުސް ގަމީސް ލެވެ އެވެ. ގަމީހުގެ އަތް ހުންނަންޖެހޭނީ އަތް ދިގު ގަމީހެއްނަމަ އަތުގެ ކުޑަހުޅާ ހަމައަށެވެ. އަތްކުރު ގަމީހެއްނަމަ، އަތް ހުންނަންވާނީ އަތުގެ އުޅަނބޮށްޓަށްވުރެ ދެ އިންޗި ކުރުނުވާ ގޮތަށެވެ.
ރަސްމީ ގަޑީގައި ފިރިހެން މުވައްޒަފުން އަތްދިގު ގަމީހާއި އަތްކުރު ގަމީހަކާއެކު ދަށަށް ޖަހައި، ޓައި ބޭނުން ކުރަން ޖެހެ އެވެ. ޓައީގައި އަހްލާގީ ގޮތުން އެކަށީގެން ނުވާ ފަދަ ބަސް، މަންޒަރު، ކުރެހުން، ކާޓޫނު ނުވަތަ ފޮޓޯ ނުވަތަ އެފަދަ އެއްޗެއް ހުރެގެން ނުވެ އެވެ.
މީގެއިތުރުން ފިރިހެން މުވައްޒަފުން އޮހަށް ހާޒިރުވާއިރު ފާޅުކަންބޮޑު މޭކަޕެއް، ގަހަނާއެއް (އަނގޮޓި ފިޔަވައި) ބޭނުން ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. އެއްވެސް ގުނަވަނެއްގައި ގަހަނާއަށްވާ އެއްޗެއް ލައިފައި ހުރުމަކީ ވެސް ހުއްދަ ކަމެއް ނޫނެވެ.
ސަރުކާރުގައި މަސައްކަތްކުރާ ސިވިލް ސާވިސްގެ މުވައްޒަފުން ހެދުން އަޅަންވީ ގޮތް ހަރުކަށިކޮށްފައި މިވަނީ މާލެ ސިޓީގެ އެކި އަވަށްތަކާ މުހައްމަދު މުއިއްޒު ބައްދަލުކުރެއްވިއިރު ބައެއް ރައްޔިތުން އެކަމަށް އެދިފައިވާ ދަނޑިވަޅެއްގަ އެވެ.
އަންހެން މުވައްޒަފުންގެ އިސްތަށިގަނޑުގައި ކުލަ ޖައްސައި ޝޭޑުކުރުން މަނާކޮށްފި އަންހެން މުވައްޒަފުންގެ އިސްތަށިގަނޑުގައި ކުލަ ޖައްސައި ޝޭޑުކުރުން މަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ