ނ. އަތޮޅުގައި ތަރައްގީކުރާ 790 މިލިއަން ޑޮލަރުގެ ޓައުންޝިޕް އެއްބަސްވުމުގައި ސޮއިކޮށްފި
"އައިލާ ސަސްޓެއިނެބަލް ޓައުންޝިޕް"ގެ ނަމުގައި ނ. އަތޮޅުގައި ދެމެހެއްޓެނިވި ޓައުންޝިޕެއް ތަރައްގީކުރަން 790 މިލިއަން ޑޮލަރު ނުވަތަ 12 ބިލިއަން ރުފިޔާގެ އިންވެސްޓުމަންޓުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުޙައްމަދު ސަޢީދެވެ. އަދި، އެ މަޝްރޫއު ހަވާލުކުރީ ކްރިސްޓަލް ހޯލްޑިންސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޕެރަޓް ކްރިސްޓިކެވެ. ނ. އަތޮޅުގައި ކްރިސްޓަލް ހޯލްޑިންސްއިން ތަރައްގީކުރާ، ފުރަތަމަ ދެމެހެއްޓެނިވި ޓައުންޝިޕް ތަރައްގީކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވަނީ 2028 ވަނަ އަހަރެވެ. އައިލާ ސަސްޓެއިނެބަލް ޓައުންޝިޕް ތަރައްގީކުރުމަށް އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ކުރިން އިކޮނޮމިކް މިނިސްޓަރު ސަޢީދާއި ކްރިސްޓަލް ހޯލްޑިންސްގެ ސީއީއޯ ޕެރަޓް --- ސަން ފޮޓޯ/ މުޙައްމަދު ރިޔާޒް ނ. އަތޮޅުގައި ޓައުންޝިޕް ތަރައްގީކުރަން ސަރުކާރުން ކްރިސްޓަލް ހޯލްޑިންސްއާ ހަވާލުކުރީ އެކަމަށްޓަކައި މި މަހުގެ 11 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު 'ފޭސްބުކް'ގައި އެ ދުވަހު ލިޔުއްވާފައިވަނީ، ނ. އަތޮޅުގައި ތަރައްޤީކުރާ ޓައުންޝިޕް ވާނީ މި ޒަމާނުގެ ވަސީލަތްތަކާއި ސިފަތަކާ އެކު އިންޑިއާ ކަނޑުގެ އިތުރުން ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ތަފާތު މަޝްރޫއަކަށް ކަމަށެވެ. މި ޓައުންޝިޕްގައި ދުނިޔޭގެ ފެންވަރުގައި ޚިދުމަތްދޭ ސިއްހީ ވަސީލަތްތައް ގާއިމުކުރުމުގެ އިތުރުން، ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމް ސްކޫލެއް ގާއިމުކުރެވޭނެ ކަމަށާއި މި ޓައުންޝިޕްގައި އިއާދަކުރުވަނިވި ހަކަތައިގެ 60 ޕަސެންޓު ކަރަންޓު އުފައްދަން ބޭނުންކުރުން ލާޒިމުވާނެ ކަމަށް ސައީދު ލިޔުއްވާފައިވެއެވެ. https://sun.mv/215188 މީގެ އިތުރުން، މި ޓައުންޝިޕްގައި ދަނޑުވެރިކަމުގެ ވަސީލަތްތަކާއި ޒަމާނީ ޓެކްނޮލޮޖީއާ އެކު އެކުއަކަލްޗާއާއި މެރިކަލްޗާގެ ޒޯނެއް ހިމެނޭނެ ކަމަށް ވެސް ސައީދުގެ ޕޯސްޓުގައިވެއެވެ. މި މަޝްރޫއުގެ ސަބަބުން ސަރުކާރަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ވެސް އޭނާ ލިޔުއްވިއެވެ. އަދި، މި މަޝްރޫއުން ޒުވާނުންނަށް ފުރިހަމަ މަންފާ ލިބޭނެ ކަމަށް ސިފަކުރެއްވިއެވެ. އިކޮނޮމިކް މިނިސްޓްރީން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ނ. އަތޮޅުގައި މުއްސަނދިންނަށް ޚާއްސަ ޚިދުމަތްތައް ގާއިމުކުރުން ހިމެނޭ ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގަން ފުރަތަމަ ހުއްދަ ދިނީ މިދިޔަ މާރިޗު މަހުގައެވެ. https://x.com/MoEDmv/status/2006265141256745406 އެ ޓައުންޝިޕުގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ލަގްޒަރީ ހޮސްޕިޓާލިޓީގެ ތަނަކާއި އެހެން ދާއިރާތަކުގެ ތަންތަން ވެސް ގާއިމުކުރާނެއެވެ. އޭގެ ތެރޭގައި، ފަތުރުވެރިކަމަށް މީހުން ތަމްރީނު ކުރާ މަރުކަޒަކާއި ޒަމާނީ ފެންވަރަށް ދަނޑުވެރިކަމާއި އެކުއަކަލްޗާގެ މަސައްކަތްކުރާ ނިޒާމުތަކުގެ އިތުރަށް ސިއްހީ ޚިދުމަތް ދޭ ތަނަކާއި ފުޑް ސެކިއުރިޓީއާ ގުޅޭ ތަނެއް ވެސް ހިމެނެއެވެ. އޭގެ އިތުރުން، އެ ޓައުންޝިޕްގައި ބޭނުންކުރާ ހަކަތައިގެ 60 ޕަސެންޓު އިއާދަކުރަނިވި ހަކަތައަށް ހަދާނެކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެއީ، ރާއްޖޭން ބޭރުކުރާ ކާބަން މަދުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ