ކްލިނިކްތަކާއި ފިހާރަތަކުން ހައްދާ އައިނަށް އާސަންދަ ދިނުން، އަންނަ މަހު ފުޅާކުރަނީ
އަމިއްލަ ކްލިނިކްތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނަށް، އާސަންދަ ދިނުން އަންނަ މަހުގެ 15އިން ފެށިގެން ފުޅާކުރާނެ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން ބުނެފިއެވެ. އެންސްޕާއިން އިއްޔެ ނެރުނު ބަޔާނެއްގައިވަނީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި އެކި ފޯރަމްތަކުގައި ލިބިވަޑައިގެންނެވި ޚިޔާލުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު، އާސަންދަ ސްކީމްގެ ދަށުން ފޯރުކޮށްދެވޭ ޚިދުމަތްތަކާ ގުޅުންހުރި ކަންކަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން، ނަންބަރު އައިނު ހެއްދުމުގެ ޚިދުމަތް ރައްޔިތުންނަށް ލުއިފަސޭހަވާނެ ފަދަ ގޮތަކަށް ހަމަޖެއްސުމުގެ ގޮތުން އެ ޚިދުމަތް އިތުރަށް ފުޅާކޮށް، ކްލިނިކްތަކުގައި އާއި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓިން ލިޔެ ދޭ އައިނުތަކަށް އާސަންދަ ސްކީމްގެ ދަށުން ކަވަރޭޖް ލިބޭ ގޮތަށް ހަމަޖެއްސުމަށް ނިންމައިފައިވާ ކަމަށް އެންސްޕާއިން ބުންޏެވެ. https://x.com/NSPAmaldives/status/2006056134587867299 އެކަން ތަންފީޒުކުރުމަށް ޓަކައި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އުސޫލުތައް އެކުލަވާލައި އާންމުކޮށް، އަންނަ މަހު 15އިން ފެށިގެން އެފަދަ ތަންތަނުން އާސަންދައިގެ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރަން ފަށާނެ ކަމަށް އެ އިދާރާގެ ބަޔާނުގައިވެއެވެ. ރާއްޖޭގައި އަމިއްލަ ވިޔަފާރިތަކުން ވިއްކާ އައިނުގެ އަގު ބޮޑުވުމުގެ ކަންބޮޑުވުންތައް އޮންނަތާ އެތައް ދުވަހެއް ވަނީ ވެފައެވެ. އައިނު ހައްދަން ލުޔެއް ދިނުމަށް ޓަކައި، މިދިޔަ ޖޫން މަހުން ފެށިގެން މި ސަރުކާރުން ވަނީ، ދެ އަހަރުން އެއް އަހަރު އައިނު ހައްދަން އާސަންދައިން ދޭ އެހީ 1،000 ރުފިޔާއިން 2،000 ރުފިޔާއަށް ބޮޑުކޮށްފައެވެ. މީގެ އިތުން، ސަރުކާރު މައި ހޮސްޕިޓަލް, އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި ވަނީ، ހިލޭ އައިނު ހެއްދޭ ގޮތަށް އައިނު ފިހާރަތައް ހުޅުވައިފައެވެ. އެހެންނަމަވެސް، ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ވަންނާތީ އެކަމުގެ ކަންބޮޑުވުން ވެސް ބައެއް މީހުން ފާޅުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ