ބިދޭސީންނަށް ދިވެހިރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމުގެ މަޝްވަރާތައް ކެބިނެޓުގައި ކުރަމުން އަންނަކަން އަދަދު ނޫހަށް އެނގިއްޖެ އެވެ.
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެދިގެން އައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ވެރިކަމުގައި 2015 ވަނަ އަހަރު ވެސް މި ބަދަލު ގާނޫނުއަސާސީއަށް ގެނަ އެވެ. ނަމަވެސް، ޖެހިގެން އައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ވެރިކަމުގައި ބިދޭސީންނަށް ބިން މިލްކު ނުކުރެވޭ ގޮތަށް ގާނޫނު އަސާސީ އިޔާދަކުރި އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ނިންމުމާ ގުޅޭ ގޮތުން އިތުބާރު ކުރެވޭ ބައެއް މަސްދަރުތަކުން ބުނީ ބިދޭސީންނަށް ބިން މިލްކު ކުރެވޭ ގޮތް ހެދުމަށް މުއިއްޒު ބޭނުންފުޅު ވާތީ އެކަމުގެ މަޝްވަރާތަކެއް ކެބިނެޓުގައި ކޮށްފައިވާ ކަމަށާއި، މަޝްވަރާތަކުގައި އެކަމަށް ކެބިނެޓުގެ ބައެއް މިނިސްޓަރުން ދެކޮޅު ހެއްދެވި ކަމަށެވެ.
"އެކަމަށް ދެ މިނިސްޓަރަކު ދެކޮޅު ހެއްދެވި. ނަމަވެސް، އެކަން ނިންމުމަށް ވޯޓު ނުދެއްވީ އެންމެ މިނިސްޓަރެއް،" މައުލޫމާތު އެނގޭ މީހަކު ވިދާޅުވި އެވެ.
އެޕްރީލް 23، 2019 ގައި އެމްޑީޕީގެ ވެރިކަމުގައި ގާނޫނުއަސާސީގެ 251 ވަނަ މާއްދާއަށް ޕީޕީއެމްއިން ގެނައި ބަދަލު ބާތިލުކުރުމުން މިހާރު ރާއްޖޭގެ ބިމެއް ކުއްޔަށް ނުވަތަ އެހެން ބޭނުމަކަށް ވެސް ބޭރުގެ ފަރާތްތަކަށް ދެވެނީ އެންމެ ގިނަވެގެން 99 އަހަރަށެވެ.
ބިދޭސީންނަށް ބިން މިލްކު ކުރެވޭ ގޮތް ހަދަން މުއިއްޒު އުޅުއްވަނީ ކީއްވެގެން ކަމެއް ނޭނގެ އެވެ. އަދި އެ ސިޔާސަތާ ގުޅޭ ގޮތުން، އަދި ކެބިނެޓުގެ މަޝްވަރާތަކާއި ނިންމުމާ ގުޅޭ ގޮތުން ވެސް ސަރުކާރުން އެއްވެސް އެއްޗެއް ހާމައެއް ނުކުރެ އެވެ.
"އެކަން ކެބިނެޓު ލެވެލްގައި ގޮތެއް ކަނޑައަޅާފައިވުމުން، ގަބޫލު ކުރަނީ މަޖިލީހަށް ގެންދާނެ ކަމަށް. މަޖިލީހަށް ގެންދާނެ ވަކި ތާރީހެއް، ދުވަސްވަރެއް ނޭނގޭ،" ސަރުކާރުގެ އޮފިޝަލަކު ބުންޏެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ގެންދަނީ ގާނޫނުއަސާސީއަށް އަވަސް އަރުވާލައިގެން އެކި ބަދަލު ގެންނަމުންނެވެ.
ނޮވެމްބަރު 20، 2024 ގައި ވެސް ހެނދުނު ބިލެއް ހުށަހަޅައި ހަވީރަށް އެ ބިލު ފާސްކޮށް ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނަ އެވެ.
ބޭރު ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރަން ކެބިނެޓުގައި މަޝްވަރާކުރުމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލުއާ ސުވާލުކުރުމުން ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ވިދާޅުވީ ކަމާ ގުޅޭ މިނިސްޓަރާ ސުވާލު ކުރުމަށެވެ. އެ މިނިސްޓަރަކީ މުހައްމަދު ސައީދު ކަމަށް އޭނާ ވިދާޅުވި އެވެ.
ހ. ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް މިލްކުކޮށްނުދިނުމާއި، އަސްކަރީ ބޭނުންތަކަށް ދިނުން.
ށ. ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށެއް ނުދެވޭނެއެވެ.
ނ. ދިވެހިރާއްޖޭގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫންގޮތަކަށް ވެސް ދެވޭނީ އެންމެ ދިގުވެގެން ނުވަދިހަނުވަ އަހަރުގެ މުއްދަތަކަށެވެ.
ރ. ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ، އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކަށް، ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް ޢަސްކަރީ ބޭނުމަކަށް ބޭނުންކުރުމަށް ހުއްދަ ދީގެނެއްނުވާނެއެވެ. އަދި، އެއްބަސްވުމެއްގެ ދަށުން ބާއްވާ ޢަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ، ޢަސްކަރީ ބޭނުމަކަށް، ދިވެހިރާއްޖޭގެ ސަރަޙައްދުގައި ބޭރުގެ ސިފައިން އެއްވެސް ސިފައެއްގައި ޢަމަލީގޮތުން ޙަރަކާތްތެރިވުމަށް ހުއްދަ ދީގެނެއްނުވާނެއެވެ.
ގާނޫނުއަސާސީ ތަސްދީގު ކުރިފަހުން ދެވަނަ ބަދަލެއް ގެނައުމަށް ހުށަހެޅީ ޖުލައި 21، 2015، ގައި އޭރުގެ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން އެވެ. އޭގެ ކުރިން ޖޫން 2015، ގައި ގާނޫނުއަސާސީ ބަދަލުކުރީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތުގައި ހިމެނޭ އުމުރު 30 އަހަރަށް ދަށްކުރުމަށެވެ.
އޭރު ޕީޕީއެމްއިން މަޖިލީހަށް ވެއްދި ބިލުގައި އޮތީ ރާއްޖޭގައި އެއް ބިލިއަން ޑޮލަރުގެ އަގުހުރި މަޝްރޫއު ހިންގާނަމަ ބިން މިލްކު ކުރެވޭ ގޮތަށެވެ. އެ މަޝްރޫއުއެއް ހިންގާ ބަޔަކު އެ ބިމެއްގެ 70 ޕަސެންޓު ހިއްކަން ޖެހޭ ކަމަށް ޝަރުތުކޮށްފައި އޮތެވެ. އަދި އެ ބަދަލު އޮތީ ބިން މިލްކުވުމުން އެ ބިމުގެ އޯނާޝިޕް ބަދަލުކޮށް ނުވަތަ ލީސް ކުރުމުގެ ހައްގު ވެސް ބޭރު މީހުންނަށް ދެވޭ ގޮތަށެވެ.
ނިހާނު އެ ބިލު މަޖިލީހަށް ވެއްދިތާ މަދު ގަޑިއިރުތަކެއް ތެރޭ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވަން ތާވަލުކުރި އެވެ. ދައުރުން ބޭރުން ޖުލައި 21، 2025 ގެ ރޭ ބޭއްވި ޖަލްސާގައި އެ ބިލުގެ ބަހުސް ކުރިއަށްގެންގޮސް ކޮމިޓީއަށް ފޮނުވި އެވެ.
ކޮމިޓީ މަރުހަލާ ނިންމުމަށް ފަހު ޖެހިގެން އައި ޖުލައި 22، 2015 ގައި އެ ބިލަށް ވޯޓަށް އެހި އެވެ. ބިލު ފާސްކުރީ 70 މެންބަރުންގެ ވޯޓާއެކު އެވެ. ޖެހިގެން އައި ޖުލައި 23، 2015 ގައި ޔާމީން އެ ބިލު ތަސްދީގުކުރެއްވި އެވެ.
ގާނޫނުއަސާސީ ބަދަލުކުރުމަށް އޭރު ބޭނުންވަނީ 64 ވޯޓު ކަމަށްވުމުން އެ ބަދަލު ޕީޕީއެމްއަށް ގެނެވުނީ އެމްޑީޕީގެ ބައެއް މެންބަރުންގެ ވޯޓާވެސް އެކު އެވެ.
އެ ބަދަލު ބާތިލުކުރުމަކީ 2018 ވަނަ އަހަރަށް އެމްޑީޕީން ކުރި ކެމްޕޭނުގައި ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް އެޕްރީލް 15، 2019 ގައި ބޭއްވި މަޖިލިސް ޖަލްސާގައި ފާސްކުރި ބިލު އެޕްރީލް 23، 2019 ގައި ސޯލިހު ތަަސްދީގު ކުރުމާއެކު ބޭރުގެ ފަރާތްތަކަށް ބިން މިލްކު ނުކުރެވޭ ގޮތަށް އަނެއްކާ ވެސް ގާނޫނުއަސާސީ އިއާދަވެގެންދިޔަ އެވެ.
ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ކެބިނެޓުގައި މަޝްވަރާތަކެއް! ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ކެބިނެޓުގައި މަޝްވަރާތަކެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ