ހަނިމާދުއަށް މީހުން ބަދަލުކުރި ގަރާރާ ގުޅިގެން ހިރިމަރަދޫ: ކަންބޮޑުވުމެއް ނެތް، ރައްޔިތުން ތިބީ އުފަލުން
ހދ. ހިރިމަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރުމަށް ނިންމަވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނެރުއްވި ގަރާރާ މެދު އެންމެ ކަންބޮޑުވުމެއް ވެސް ނެތް ކަމަށާއި ރަށު ރައްޔިތުން ތިބީ އުފަލުން ކަމަށް ހިރިމަރަދޫން މިއަދު ބުނެފިއެވެ. 'ސަން'އިން ސުވާލުކުރުމުން ހިރިމަރަދޫ ކައުންސިލްގެ ކުރީގެ ރައީސް މުޙައްމަދު ވަހީދު މިއަދު ވިދާޅުވީ، ހަނިމާދޫގައި ބޯހިޔާވަހިކަން ގާއިމުކޮށް، ދޮޅު އަހަރު ދުވަހުގެ ތެރޭ ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދާ ކަމަށާއި، ރައްޔިތުން ބޭނުންވަނީ ވީ އެންމެ އަވަހަށް ހަނިމާދުއަށް ބަދަލުވާން ކަމަށެވެ. "މީގެ އެތައް އަހަރެއް ކުރިން ޕެޓިޝަން ހުށަހަޅައި އެތައް ސަރުކާރެއްގައި ސަލާން ޖަހަމުން ދިޔަ ކަމެއް [ރަށު ރައްޔިތުން ބަދަލުކުރުމަށް]، ރަށުގެ މީހުން [އެހެން ރަށަކަށް] ބަދަލުކޮށްދިނުން އެއްވެސް ގޮތެއް ނެތީމާ، ދެން އެ ހިސާބަށް އައިސް މި ވެރިކަމުގައި އޭގެ އަލިމަގެއް ފެނުނީ،" ވަޙީދު ވިދާޅުވިއެވެ. "އަޅުގަނޑު ގަބޫލުކުރަނީ މިހާރު އެ މަގު މި އޮތީ ތަނަވަސްވެފައޭ،" https://sun.mv/210373 ހިރިމަރަދޫގައި ނޯންނަނީ ލޯކަލް ކައުންސިލް އިންތިޚާބު އެކަނި ކަމަށާއި އެ ރަށް މިހާރު އޮތީ ހަނިމާދޫގެ އިހުތިސާސްގައި ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ކުރިއަށް ދަނީ ރަށުގެ ބިން ސާފުކޮށް، ރަށުގެ ރުއްތަކުގެ ވެރިން ހޯދުމުގެ މަސައްކަތް ކަމަށް ވެސް ވަޙީދު ވިދާޅުވިއެވެ. މި ކަމާ ގުޅިގެން ހަނިމާދޫ ކައުންސިލްގެ ރައީސް ޢަބްދުއްސައްތާރު ޙަސަން 'ސަން'އަށް ވިދާޅުވީ، ރައްޔިތުންނަށް އަންނަ ކޮންމެ ކުރިއެރުމަކީ ރަނގަޅު ކަމެއް ކަމަށެވެ. "ދިވެހިރާއްޖޭގެ ރައްޔިތުން އެއް ރަށުން އަނެއް ރަށަށް ބަދަލުވާން އެދެންޏާ އެއީ މައްސަލައެއް ނޫން،" އޭނާ ވިދާޅުވިއެވެ. https://sun.mv/202192 ޢަބްދުއްސައްތާރު ވިދާޅުވީ، ބޯހިޔާވަހިކަން ފުރިހަމަނުކޮށް ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރާނަމަ ހިރިމަރަދޫ ރައްޔިތުންނަށް ބައެއް ދަތިތައް ދިމާވާނެ ކަމަށާއި، އެންމެ ރަނގަޅުގޮތަކީ ބޯހިޔާވަހިކަމާއި އަސާސީ ޚިދުމަތްތައް ކަށަވަރުކުރުމަށް ފަހު ބަދަލުކުރުން ކަމަށެވެ. "އެހެންނޫން ކަމުގައި ވަނީ ވިއްޔާ ގިނަ ދަތިތަކެއް ހިރިމަރަދޫގައި ތިބެގެން ހޯދަން އުނދަގޫވާނެ ކަމަށް ގަބޫލުކުރަނީ،" ޢަބްދުއްސައްތާރު ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކުރިން، ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ވޯޓުލާން ޖެހޭ ގޮތަށް ނިންމުމަކީ ގާނޫނާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް ވިދާޅުވެ އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އިއްޔެ 'އެކްސް'ގައި ޕޯސްޓެއް ކުރައްވާފައިވެއެވެ. https://sun.mv/216069 އޭނާ އެފަދައިން ޕޯސްޓެއް ކުރެއްވީ، އާބާދީ ވަރަށް މަދު ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ނިންމަވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގަރާރެއް ނެރުއްވުމާ ގުޅިގެންނެވެ. އެ ގަރާރުގައިވާ ގޮތުން، ގަރާރުގެ ބޭނުމަކީ އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ހިރިމަރަދޫ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ ހަނިމާދޫ ކަމަށް ބެލުމަށް އިލެކްޝަންސް ކޮމިޝަނަށް މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ. އޭރުން އަންނަ ކައުންސިލް އިންތިޚާބަށް ފަހު، ހިރިމަރަދޫ ފަޅުވަންދެން އެ ރަށުގެ ކަންކަން ބަލަހައްޓަން ޖެހޭނީ ހަނިމާދޫ ކައުންސިލުންނެވެ. ގަރާރާ އެކު ހިރިމަރަދޫ ރައްޔިތުން ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓްރީކޮށް ނިމުމުން، އެ ރަށަކީ ފަޅު ރަށެއް ކަމަށް ކަނޑައަޅާނެއެވެ. އަދި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ހިރިމަރަދޫ އުނިކޮށް، އެ ލިސްޓު އަދާހަމަކޮށް، ގަރާރުގެ ޖަދުވަލެއްގެ ގޮތުގައި އެ ލިސްޓު ވަނީ ހިމަނުއްވާފައެވެ. މި އިސްލާހަށް އަމަލުކުރަން ފަށާނީ ހިރިމަރަދޫ ރައްޔިތުން ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމާ އެކު، އެކަން ސަރުކާރުން އާންމުކޮށް އިއުލާނުކުރާ ތާރީޚުން ފެށިގެން ކަމަށް ގަރާރުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ