އުމުރަށް ޖަލަށްލި ދެ މީހުންގެ ހުކުމް ބާތިލުކޮށް ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަލުން ބަލަން އަންގައިފި އުމުރަށް ޖަލަށްލި ދެ މީހުންގެ ހުކުމް ބާތިލުކޮށް ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަލުން ބަލަން އަންގައިފި

ބްލޮގަރު ޔާމީން ރަޝީދު މަރާލި ކަމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވި ކަމަށް ކަނޑައެޅި މ. އަންނާރުމާގޭ، އިސްމާއީލް ހައިޝަމް ރަޝީދު އަދި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށް ކުރި ހުކުމް ބާތިލުކޮށް، އެ މައްސަލަތައް އަލުން ބެލުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އެ ދެ މީހުންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ ޖެނުއަރީ 19، 2022 ގަ އެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި އަނެއް ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވާކަމަށް ވެސް އެ ދުވަހު ކޯޓުން ހުކުމް ކުރި އެވެ. އެއީ، މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި ގދ. ގައްދޫ، ސިންދުބާދުގޭ، މުހައްމަދު ދިފްރާނެވެ.
އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ހައިޝަމް އާއި ޒިހާންގެ މައްސަލަ އެ ދެ މީހުންގެ ފަރާތުން އިސްތިއުނާފު ކުރިއިރު އިސްމާއީލް ރަޝީދާއި ދިފްރާނުގެ ބައި އިސްތިއުނާފު ކުރީ ދައުލަތުގެ ފަރާތުންނެވެ. އަނެއް ދެ މީހުންގެ މައްސަލް އިސްތިއުނާފަށް ހުށަހަޅާފައި ނުވެ އެވެ.
އެ ހަތަރު މައްސަލަ ވެސް އެއްކޮށް ކުރިއަށްގެންދިޔައިރު ތިން ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ހުކުމް ކުރީ ހައިޝަމް އާއި ޒިހާންގެ މައްޗަށް 2022 ވަނަ އަހަރު އިއްވި ޖަލު ހުކުމް ބާތިލު ކުރުމަށެވެ. އިސްމާއީލް ރަޝީދާއި ދިފްރާނުގެ ބައި އަލުން ބެލުމަށް ވެސް ހައި ކޯޓުން އަމުރުކުރި އެވެ.
އެ ހުކުމް ބާތިލުވުމާއެކު ހައިޝަމް އާއި ޒިހާން ޖަލު ބަންދުން މިނިވަން ވާނެ އެވެ. އެ ދެ މީހުން ބަންދުކުރަން ދައުލަތުގެ ފަރާތުން އެދުނު ނަމަވެސް ހައި ކޯޓުގެ ފަނޑިޔާރުން ނިންމެވީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ޔާމީން ރަޝީދު މަރައިލީ އޭނާގެ ރަހުމަތްތެރިޔާ އަދި ނޫސްވެރިޔާ ރިލްވާން އަބްދުﷲ ވަގަށް ނަގައި، ގެއްލުވާލާފައިވާ މައްސަލައިގައި އިންސާފު ހޯދުމަށް ވާހަކަ ދައްކަމުން ގެންދަނިކޮށް އޭޕްރީލް 23، 2017 ގަ އެވެ.
ޔާމީން މަރައިލީ، އޭނާ ވަރަށް ލަސްވަންދެން އޮފީހުގައި މަސައްކަތް ކުރުމަށްފަހު ގެއަށް ގޮަސް، ލިފްޓުން އަރަން އުޅެނިކޮށް ގޭ ތެރޭގަ އެވެ. ޔާމީންގެ ހަށިގަނޑު ފެނުނީ އެ ގޭގައި ދިރިއުޅެމުންދިޔަ މީހަކަށެވެ. ޔާމީން ރަޝީދު މަރައިލީ، ދުރާލާ ރާވައި، އޭނާއަށް އެކި ދުވަހުގެ މަތިން ފާރަލުމަށްފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ