ޔާމީންގެ މަރު: އުމުރަށް ޖަލަށް ލާފައި ވަނިކޮށް މިއަދު މިނިވަން ކުރި ދެ މީހުން، އަލުން ބަންދުކޮށްފި
ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ކުށް ސާބިތުވި ދެ މީހުންގެ ހުކުމް ހައިކޯޓުން ބާތިލުކޮށް، އެ މީހުން މިއަދު މިނިވަން ކުރި ނަމަވެސް، އެ މީހުން އަލުން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ. ޔާމީން ރަޝީދު މަރާލީ އޭޕްރީލް 23، 2017 ގައި އޭނާ ދިރިއުޅުނު ގޭގެ ސިޑިގޮޅީގައި އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީގެންނެވެ. އޭނާގެ ހަށިގަނޑުގެ 30 ތަނަކަށް ހަމަލާ ދީފައިވެއެވެ. މި މައްސަލައިގައި ކުށް ސާބިތުވީ ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ، އަހްމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ. އެ މައްސަލައިގައި އެ ދެ މީހުން އުމުރަށް ޖަލަށް ލުމަށާއި މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2022ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ. އެ މައްސަލައިގައި އިތުރު ހަތަރު މީހެއްގެ މައްޗަށް ވެސް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލިއެވެ. ނަމަވެސް، އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ ހަތަރު މީހުންނަކީ ގދ. ގައްދޫ، ސިންދުބާދުގެ، މުހައްމަދު ދިފްރާންއާއި، މ. ކުދެހިގެ، ހަސަން ޝިފާޒާއި، މ. ތާއިފް، އިސްމާއީލް ރަޝީދު އަދި، ކޮޅުފުށި، އީސްޓް، ހުސައިން ޒިޔާދެވެ. އޭގެ ތެރެއިން ދިފްރާނާއި އިސްމާއީލް ރަޝީދުގެ މައްޗަށް ދައުވާ ސާބިތުނުވި މައްސަލަ, ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އޮތީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ދައުވާ ސާބިތުވި ހައިޝަމާއި ޒިހާންގެ ފަރާތުން ވެސް އެ މީހުންގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ވަނީ، ކުށް ސާބިތުވާ ކަމަށް ދަށު ކޯޓުން ކަނޑައެޅި ހައިޝަމާއި ޒިހާންގެ ޖަލު ހުކުމް ބާތިލުކޮށްފައެވެ. އެހެންވެ، އެ މައްސަލަ އަލުން ކްރިމިނަލް ކޯޓުން ބަލަން ވަނީ އަމުރުކޮށްފައެވެ. ޔާމީން ރަޝީދުގެ މަރުގެ މައްސަލަައިގައި ނަގާފައިވާ ސީސީޓީވީ ފުޓޭޖުގެ މަންޒަރެއް--- މީގެ އިތުރުން، ކުށް ސާބިތުނުވި އިސްމާއިލް ރަޝީދާއި ދިފްރާންގެ މައްސަލަ ވެސް އަލުން ބަލަން އެ ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފައެވެ. މި މައްސަލައިގައި ޒިހާނާއި ހައިޝަމްގެ ހުކުމް ބާތިލުކުރުމުން ދައުލަތުން ވަނީ އެ މީހުން ބަންދުކޮށްދޭން ހައިކޯޓުގައި އެދިފައެވެ. އެކަމަކު، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ވަނީ އެއީ އެ ކޯޓަށް ނެރެދެވެން ނެތް އަމުރެއް ކަމަށް ހުކުމްކޮށްފައެވެ. މީގެ ކުރިން ދައުލަތުން ބުނެފައިވާ ގޮތުގައި ޔާމީންގެ މަރާލުމުގައި އަމަލީ ގޮތުން އެންމެ ބޮޑަށް ބައިވެރިވި ކަމަށް ތުހުމަތުކުރެވެނީ ހައިޝަމާއި ޒިހާނަށެވެ. އެކަމަކު، ހައިކޯޓުން މިއަދު ހުކުމާ އެކު އެ މީހުންގެ މައްޗަށް ދަށު ކޯޓުން އިއްވި ހުކުމް ބާތިލުވީއެވެ. https://sun.mv/216113 ހައިކޯޓުން އެ ހުކުމް ކުރި ފަހުން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ހައިޝަމާއި ޒިހާންގެ ބަންދާމެދު ގޮތެއް ކަނޑައަޅައިދިނުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. އެ ހުށަހެޅުމާ ގުޅިގެން، ކްރިމިނަލް ކޯޓުން ވަނީ ހައިޝަމާއި ޒިހާން މައްސަލައިގެ ޝަރީޢަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ. ފުލުހުންނާއި މަރު ކޮމިޝަނުން ބުނާ ގޮތުގައި ޔާމީން މަރާލީ ދީނީ ގޮތުން ހުރި ދެބަސްވުންތަކެއްގެ ސަބަބުންނެވެ. ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލަ ހިމެނޭ ގޮތަށް، ގޮތް ނޭނގޭ މަރުގެ މައްސަލަތައް ތަހުގީގުކުރަން ކުރީގެ އެމްޑީޕީ ސަރުކާރުން އެކުލަވައިލި މަރު ކޮމިޝަނުން އެ ދެ މައްސަލަ ތަހުގީގުކޮށް، ތިން މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވިއެވެ. އެއީ، އިސްމާއިލް އަބްދުއްރަހީމް (އިސޫ)ގެ އިތުރުން އަހްމަދު މުއާޒު (ގަޓު މުއާ)އާއި އަހުމަދު އިސްމާއިލް (އަހަނދު)ގެ މައްޗަށެވެ. ނަމަވެސް، މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 21 ގައި ކްރިމިނަލް ކޯޓުން ވަނީ މަދަނީ މިންގަނޑުން ބަލާއިރު، އިސޫއާއި މުއާޒުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތު ކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައި ނެތް ކަމަށް ކަނޑައަޅައި، އެ މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވައިލައިފައެވެ. އެހެންވެ، މީގެ ކުރިން ޓެގު އަޅުވާފައި ތިބި އިސޫއާއި މުއާޒުގެ ޓެގު ނައްޓަން ވެސް އޭރު ކޯޓުން ވަނީ އަންގައިފައެވެ. އޭގެ ކުރިން އަހަނދުގެ މައްސަލައިގައި ވެސް ސާބިތުވާ ވަރަށް ހެކި ހުށަހެޅިފައި ނެތް ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލައި، އަހަނދުގެ ފައިގައި އެޅުވި ޓެގު ވެސް ނައްޓަން އަމުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ