ބައްސާމް، 1 މިލިއަން ޑޮލަރު މައްސަލައިގެ ހުކުމް އާދިއްތަ ދުވަހު
އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެ، މިހާރުވެސް ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލައެއްގެ ހުކުމް އާދިއްތަ ދުވަހަށް ތާވަލު ކޮށްފިއެވެ. ބައްސާމްއާ ދެކޮޅަށް ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލައަކީ، ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު ނުވަތަ 18 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ބައްސާމް ޚިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލައިގައި ވެސް ބައްސާމްގެ މައްޗަށް ޚިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ވަނީ ކޮށްފައެވެ. ފީފާގެ ބަހެއް ނެތި މި މައްސަލަ ނުބެލޭނެ ކަމަށް ބުނެ ބައްސާމުގެ ފަރާތުން މި މައްސަލަ ހައިކޯޓަށް ވެސް ހުށަހެޅިއެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ. https://www.sun.mv/214969 ކްރިމިނަލް ކޯޓުން މިއަދު "ސަން" އަށް ޔަގީން ކޮށްދިން ގޮތުގައި އަންނަ އާދިއްތަ ދުވަހު އެ މައްސަލައިގެ ހުކުމް އިއްވުން އެބައޮތެވެ. މި މައްސަލަ ސާބިތު ވެއްޖެނަމަ ބައްސާމްގެ މައްޗަށް އިތުރު ޖަލު ހުކުމެއް އަންނާނެއެވެ. ބައްސާމް މިހާރުވެސް ހުރީ ޖަލުގައެވެ. އެއީ، އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެގެން އިއްވާފައިވާ ހަތަރު އަހަރުގެ ހުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ ފަސް އަހަރުގެ ހުކުމަކާއެކު ޖުމްލަ ނުވަ އަހަރުގެ ހުކުމް ތަންފީޒު ކުރުމަށެވެ. ފީފާގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ, މި މައްސަލައިގައި އެފްއޭއެމްގެ ކުރީގެ އިސްވެރިންނާއި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ