އާ ޓާމިނަލްގައި އީ-ގޭޓުގެ ޚިދުމަތް ދިވެހީންނަށް ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޒަމާނީ ފެންވަރަކަށް ހަދައި, މިދިޔަ ޖުލައި މަހު ބޭނުން ކުރަން ފެށި ޓާމިނަލް އެކެއްގައި ދިވެހީންނަށް އީ ގޭޓްގެ ޚިދުމަތް ދޭން ފަށައިފިއެވެ. މި ޚިދުމަތް މިއަދު ފައްޓަވައި ދެއްވީ, ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންސް, އަޙްމަދު ފަސީހުއެވެ. އެ ކަމަށް ހަފުލާއެއް އާ ޓާމިނަލްގައި ބޭއްވިއިރު އެ ހަފުލާގައި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީނާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސީއީއޯ އަދި މެނޭޖިން ޑިރެންޓަރު އިބްރާހީމް ޝަރީފާއި އެހެން އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިއަދުން ފެށިގެން އާ ޓާމިނަލްގެ އެރައިވަލްގައި ފަސް އީ-ގޭޓު އަދި ޑިޕާޗާގައި ފަސް އީ-ގޭޓު ވަނީ ބަހައްޓައިފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގައި އީ ގޭޓްގެ ޚިދުމަތް ފެށުން: ދިވެހީންނަށް ޚާއްސަކޮށް ފެށި މި ޚިދުމަތް ދިނުމަށް 10 ގޭޓް ވަނީ ބަހައްޓައިފައި-- ފޮޓޯ: އިމިގްރޭޝަން އިމިގްރޭޝަނުން ބުނީ މި ޚިދުމަތް ފެށީ ހަމައެކަނި ދިވެހީންނަށް ކަމުގައި ވީނަމަވެސް، ކުރިއަށް އޮތްތަނުގައި މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އެރައިވަލްގައި 10 އީ-ގޭޓު އަދި ޑިޕާޗާގައި 10 އީ-ގޭޓު ބަހައްޓައި، ބިދޭސީން ހިމެނޭނޭހެން ޚިދުމަތް ފަށާނެ ކަމަށެވެ. އެ ޚިދުމަތް މި ފެށޭ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާ ތެރޭގައި ލިބިގެންދާނެކަމަށް އިމިގްރޭޝަނުން ބުނެއެވެ. ރާއްޖޭގައި އެންމެ ފުރަތަމަ އީގޭޓެއް ގާއިމުކުރީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެ ޚިދުމަތް އާ ޓާމިނަލްގައި މި ފެށީ މިއަދެވެ. އީ ގޭޓް ބޭނުން ކުރަން ޖެހޭނީ އީގެޓް ކައިރިއަށް ދިޔުމަށްފަހު ބޯޑިން ޕާހުގެ ބާކޯޑު ޖައްސައިލާށެވެ. ޕާސް ރީޑުކުރި ކަމުގެ ހެޔޮ ފާހަގަ ސްކްރީނަށް އެރުމުން ބޯޑިން ފާސް ނަގާނީއެވެ. އެއަށްފަހު ދެން ޖެހޭނީ ޕާސްޕޯޓުގެ ބަޔޯ ޑާޓާ ޕޭޖް ސްކްރީނުގައި ޖައްސާލާށެވެ. އެންމެ ފަހު ކަމަކަށް ޕާސްޕޯޓާ ހަވާލުވި ވަގުތު ވެރިފިކޭޝަން ނަގާފައިވާ އިނގިލި ފިންގަ ޕްރިންޓު ރީޑުގައި ޖައްސާލުމުން ގޭޓު ހުޅުވޭނެއެވެ. މި ޚިދުމަތާއެކު ދަތުރުކުރާ ފަސިންޖަރުންނަށް ހިދުމަތް ހޯދުމަތް ފަސޭހަ ވެގެން ދާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ