ގޯލްޑަން ފުޓްސަަލް ޗެލެންޖަކީ ރާއްޖޭގެ ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުހިންމު މުބާރާތެއް ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖު ހިންގާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ އާއި ޖެނެރަލް ސެކްރެޓަރީ، އަހުމަދު ޝަހީމްއާ އެކު، މިނިސްޓަރު ރާފިއު ވަނީ ބައްދަލުކުރައްވައިފަ އެވެ.
އަންނަ މަހުގެ ތިން ވަނަ ދުވަހު ފަށާ ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ކަންތައްތަކާ ގުޅޭގޮތުން އިއްޔެގެ ބަައްދަލުވުމުގައި ވަނީ މަޝްވަރާ ކުރެވިފަ އެވެ. އެ ބައްދަލުވުމަށް ފަހު، މިނިސްޓަރު ރާފިއު ވިދާޅުވީ ގޯލްޑަން ފުޓްސަލް މުބާރާތަކީ، ރާއްޖޭގެ ހުރިހާ އަތޮޅަކުންނާއި ހުރިހާ ރީޖަން އަކުން ވެސް ވަރަށް ފޯރިއާ އެކު، ވަރަށް ޖޯޝާ އެކު ބައިވެރިވަމުން އަންނަ އެންމެ ކާމިޔާބު އެއް މުބާރާތް ކަމަށެވެ.
އަދި، މިހާރު ގޯލްޑަން ފުޓްސަލް ޗެލެންޖު ބާއްވަމުން އަންނަތާ 10 ވަރަކަށް އަހަރުވެފައިވާކަން ފާހަގަކޮށް، ރާފިއު ވިދާޅުވީ، އުންމީދަކީ މި ފަހަރު ވެސް ރާއްޖޭގެ ގިނަ ބައެއްގެ ބައިވެރިވުމާ އެކު ކުރިއަށްދާ މުބާރާތަކަށް ވުން ކަމަށެވެ.
"ކުރިއަށް ވުރެން ގިނަ ބޭފުޅުން މި އަށް އިންޓަރެސްޓް ނަގައިގެން، ގިނަ ޓީމުތައް ބައިވެރިވެ، އެ ޓީމުތަކުގެ މެދުގައި މޮޅެތި ކުޅުންތެރިން އުފެދި، އަދި ކުޅުންތެރިންނަށް، އަޅުގަނޑުމެންގެ ގައުމީ ޓީމަށް ވެސް ޖާގަ ލިބިގެންދާނެތަން ފެނުމަކީ ހަމަގައިމު ވެސް އަޅުގަނޑުމެން އުންމީދުކުރާ ކަމެއް،" ރާފިއު ވިދާޅުވި އެެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ އާއި ޖެނެރަލް ސެކްރެޓަރީ، އަހުމަދު ޝަހީމްއާ އެކު، މިނިސްޓަރު ރާފިއު ބޭއްވި ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
"މި މުބާރާތަކީ ޒުވާނުންގެ މެދުގައި، އާންމުންގެ މެދުގައި ވަރަށް ބޮޑަށް އިތުބާރު ލިބިގެން ކުރިއަށްދާ މުބާރާތެއްކަން ފާހަގަކޮށްލަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިނިސްޓްރީގެ ފަރާތުން ހަމަ މި ދެނީ މި މުބާރާތަށް ކޮންމެ އަހަރަކު ވެސް އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދެން އޮތް މިންވަރަކުން ކޮންމެ އަހަރަކު ވެސް ފޯރުކޮށްދެމުން އެ ގޮތުގެ މަތިން، އަންނަ އަހަރު ވެސް މި އޮންނަ މުބާރާތުގައި އަޅުގަނޑުމެންގެ ފަރާތުން އިރާދަކުރެއްވިއްޔާ އެއްބާރުލުން ލިބޭނެ. އެއީ ވެނިއު ކަމުގައި ވިޔަސް، އެހެނިހެން އެރޭންްޖްމަންޓް ކަމުގައި ވިޔަސް،"
އޭނާ ވިދާޅުވީ، ގޯލްޑަން ފުޓްސަލް ޗެެލެންޖް ފަދަ މި ކަހަލަ މުބާރާތްތައް ބޭއްވުމުން ވަރަށް ގިނަ ގޮތްގޮތުން ރާއްޖެ އަށް ފައިދާ ލިބޭ ކަމަށެވެ. އެ ގޮތުން، ކުޅިވަރު ކުޅޭ ކުދިންގެ ޑިސިޕްލިން އާއި މުބާރާތްތައް ހިންގުމުގައި އެ ފެންނަން ޖެހޭ ހެޔޮ ބަދަލުތައް ފެނިގެންދާ ކަމަށެވެ.
"ކުރީގައި މި މުބާރާތް ހިންގި ގޮތާއި މިހާރު މި މުބާރާތް ހިންގަމުން ދާ ގޮތަށް ބެލިކަމުގައި ވިޔަސް އާންމުންގެ މެދުގައި ކުޅިވަރުގެ ރޫހާ އެއްގޮތަށް އަމަލުކުރާތަން އެބަފެނިގެންދޭ، ވަރަށް ހެޔޮ ބަދަލު އެބަ އާދޭ ސަޕޯޓަރުންގެ ފަރާތުން ވެސް، ކުޅިވަރު ކުޅޭ ކުދިންގެ ވެސް ފަރާތުން، އެ ޑިސިޕްލިން އާއި އެ އެއްބައިވަންތަކަމާއި އެ ޖޯޝާއި ރޫހު ވަރަށް ބޮޑަށް އާލާވެގެން އެބަދޭ. ފޯރި އެބަ ގަދަވެގެންދޭ. އެއް އަހަރުން އަނެއް އަހަރަށް ވުރެން،" ރާފިއު ވިދާޅުވި އެެވެ.
ގޯލްޑަން ފުޓްސަލް ޗެެލެންޖުގެ ސަބަބުން ހުރިހާ ރަށަކަށް ހަމަހަމަ ފުރުސަތެއް ލިބިގެންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި، މިއީ މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ކުރިއަށްދާ މުބާރާތަކަށްވާއިރު، އުންމީދަކީ މީގެ ކުރިން އަހަރުތަކަށް ވުރެން އިތުރަށް ފުރިހަމަ މުބާރާތަކަށް އަންނަ މަހު ފަށާ މުބާރާތް ވެގެންދިއުން ކަމަށް މިިނިސްޓަރު ވިދާޅުވި އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުބާރާތެއް: މިނިސްޓަރު ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުބާރާތެއް: މިނިސްޓަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ