ކުއްލި ވަކިވުމުން 'ވޭން' ގެނުވިޔަސް، 'އޭނާ'ގެ ލެގަސީއަށް އޮތީ ތައުރީފު

އެއީ އެތައް ފިލްމެއްގެ ފަހަތުގައި ހުންނެވި ސިކުނޑިއެވެ. ދިވެހި ސިނަމާ ފަޅުފިލުވާލަދިން މޮޅު އެތައް ފިލްމެއް ލިޔެ، ޑައިރެކްޓުކޮށްދިން ޚިދުމަތްތެރިޔާއެވެ. އެއީ، އިތުރު ތައާރަފަކަށް ބޭނުންވާނެ ޑައިރެކްޓަރެއް ނޫނެވެ. ކުރީގެ ފިލްމު ޑައިރެކްޓަރު އަބްދުލް ފައްތާހާ އެކު މަސައްކަތްކުރި އެންމެންނަށް އިއްޔެ ލިބުނީ ކުއްލި ސިހުމެކެވެ. އެއީ، ހއ. ކެލައަށް ނިސްބަތްވާ ފައްތާހު، އުމުރުން 54 ގައި ނިޔާވި ޚަބަރުންނެވެ. އިއްޔެ އިރުއޮއްސުނު ވަގުތު މެޔަށް ތަދެއް އަރައިގެން އޭނާ ކެލާ ސިއްހީ މަރުކަޒަށް ގެންދިޔައެވެ. އޭގެ ފަހުން، އޭނާ ނިޔާވީ، އެ އަތޮޅު ދިިއްދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. މިއަދު ފަތިސް ނަމާދަށް ފަހު، އެ ރަށުގައި ވަނީ އޭނާގެ ޖަނާޒާ ބާއްވާފައެވެ. https://www.sun.mv/216077 އެކަމަކު، ކުއްލި ވަކިވުމަކުން ފައްތާހުގެ ޚިދުމަތް ފަނޑެއް ނުވާނެއެވެ. 2012ގައި ބޭއްވި ދެވަނަ މޯލްޑިވްސް ފިލްމު އެވޯޑު ހަފުލާގައި ފައްތާހު ---- މަދަރުސީ ހަޔާތުން ފިލްމީ ދާއިރާއަށް! ޑިސެންބަރު ހައެއް، 1971ގައި އުފަންވި ފައްތާހު ފުރަތަމަ އުޅުނީ އުފަން ރަށް ކެލާގައެވެ. އޭރު ކެލާ ސުކޫލުގައި ކިޔަވަމުން ދިޔައިރު، ލޯބީގެ ސްޓޭޖު ހުށަހެޅުމެއް ކަމަށްވާ ދޮން ހިޔަލައާއި އަލިފުޅު ވާހަކަ އޭނާ ވެސް ކުޅުނެވެ. އާއިލާއާ އެކު މާލެއަށް އޭނާ ބަދަލުވީ އުމުރުން އެންމެ ނުވަ އަހަރުގައެވެ. އޭރު ބަދަލުވެގެން އޭނާ ކިޔަވަން ފެށީ މާލޭގައެވެ. އެހެން އުޅެނިކޮށް، ޕްރޮޑިއުސަރު މަރްޔަމް ޝައުގީ ޓެލެޑްރާމާ މުބާރާތުގައި ބައިވެރިވާން ފައްތާހަށް ހުށަހެޅިއެވެ. އޭރު އޭނާ ކިޔަވަމުން ދިޔައީ ގްރޭޑު ނުވައެއްގައެވެ. އެ ޑްރާމާގައި ފައްތާހު ކުޅުނީ ބައްޕައެއްގެ ރޯލު ކަމަށްވާއިރު، އިތުރު އެހެން ޓެލެ ޑްރާމާތަކުގައި ވެސް އޭނާ އެކްޓުކުރިއެވެ. އޭރު ވެސް އޭނާ އުޅުނީ ސުކޫލުގައެވެ. މަދަރުސީ ހަޔާތް ނިންމުމަށް ފަހު، އޭނާ ދިޔައީ ރިސޯޓަކަށެވެ. އެކަމަކު، އެއީ އޭނާ އެހާ ގަޔާވި ދާއިރާއަކަށް ނުވިއެވެ. އެހެންވެ، އަލުން އެނބުރި އައީ މާލެއަށެވެ. ފައްތާހު ޑައިރެކްޓުކުރި ބޮޑުބެރު ލަވައެއްގެ ނެގިއިރު އެ ގުރޫޕާ އެކީގައި ---- މާލެ އައުމަށް ފަހު، އޭނާ މަސައްކަތްކުރީ ރެސްޓޯރެންޓެއްގައެވެ. އެ ތަނުގައި ދުވަސްކޮޅަކު އުޅުމަށް ފަހު، ހަ އަހަރު އޭނާ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އަށް ވެސް ޚިދުމަތް ކޮށްދިނެވެ. މިގޮތުން، 1995ގައި ޓެލެޑްރާމާ މުބާރާތުގައި އޭނާ ލިޔެ ޑައިރެކްޓަރުކުރި "ވޭން" ބައިވެރިވި ކުރިއެވެ. އެ ޑްރާމާއިން ބެސްޓް ޑައިރެކްޓަރުގެ ލަގަބު ވެސް އޭނާއަށް ފުރަތަމަ ފަހަރަށް ލިބުނެވެ. އެއީ އެ މޮޅަކުން ހިތްވަރު ލިބިގަނެ، ފިލްމީ ދާއިރާއާ އޭނާ ގުޅުނު މޮޅެވެ. ވިދާލީ ފިލްމީ ދާއިރާއަށް ކޮށްދިން އަގުހުރި ޚިދުމަތްތައް! ކޮންމެ ކަމަކަށް ފެށުމެއް އޮންނަ އުސޫލުން އޭނާގެ ފިލްމީ ހަޔާތް ފެށީ ލަވައަކުންނެވެ. ރަވީ ފާރޫގާއި ނިއުމާ މުހައްމަދު ފެންނަ "ދަންދަން ދަންވަރުން"ނެވެ. އޭގެ ފަހުން ވެސް އެތައް ލަވަތަކެއް ޑައިރެކްޓުކޮށް، ބެލުންތެރިންގެ ތައުރީފު ފައްތާހަށް ލިބުނެވެ. އެ ކާމިޔާބީއަށް ފަހުގައި، އަމިއްލަ ފުރަތަމަ ފިލްމު "ހިމޭން ދުނިޔެ" ފައްތާހު ޑައިރެކްޓުކުރީ 2000 ވަނަ އަހަރެވެ. އެ ހިސާބުން ފަށައިގެން ފިލްމީ ދާއިރާގައި މަޑުމަޑުން އޭނާ ފިޔަޖަހަން ފަށައިފިއެވެ. ފިލްމަކަށް ފަހު ފިލްމެއް އޭނާ އުފެއްދިއެވެ. "އާން އަހަރެން ވެސް ލޯބިވޭ"، "އޭނާ"، ހުރީމޭ އިންތިޒާރުގައި"އެވެ. މިހެން ގޮސް އެތައް ފިލްމެކެވެ. އެ ފިލްމުތަކުގެ ތެރެއިން 2004 ގައި ފައްތާހު ހެދި، ބިރުވެރި ފިލްމު "އޭނާ"އަށް ބެސްޓް އެޑިޓަރުގެ އެވޯޑު ވެސް ލިބުނެވެ. އޭނާގެ ފިލްމީ ހަޔާތުގައި އެންމެ ކާމިޔާބުވި އެއް ފިލުމަކީ، ލޯބީގެ ވާހަކައަކަށް 2003 ވަނަ އަހަރު ހެދި "ވެހޭ ވާރޭ ތެރެއިން"ނެވެ. ހަތަރުވަނަ ގައުމީ ފިލްމު އެވޯޑްސްގައި އޭނާގެ ނަން ފަވާލީ އެވޯޑުތަކުންނެވެ. ބެސްޓް ސްކްރީން ޕްލޭ، ބެސްޓް އާޓް ޑައިރެކްޝަން އަދި، ބެސްޓް މޭކަޕުގެ އެވޯޑާއި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ވެސް ލިބުނެވެ. ފިލްމީ ތަރި ނިއުމާއާއި ފައުޒިއްޔާއެކު، ފައްތާހު ---- ލޯބީގެ ފިލްމުތައް ހެދުމަށް މަޝްހޫރުވި ފައްތާހަށް 2004 ގައި ސަރުކާރުން ވަނީ ރެކޮގްނިޝަން އެވޯޑު ވެސް ދީފައެވެ. އޭނާ ވަނީ ޖުމުލަ ހަތަރު ފަހަރަށް އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ހާސިލުކޮށްފައެވެ. އޭނާގެ އެންމެ ކާމިޔާބު ފިލްމަކީ 2010 ވަނަ އަހަރު ރިލީޒްކުރި ރޮމޭންޓިކް ބިރުވެރި ފިލްމެއް ކަމަށްވާ 'ޖިންނި'އެވެ. އެ ފިލްމާ އެކު އޭނާ ވަނީ މޯލްޑިވްސް ފިލްމް އެވޯޑްސްގެ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑަށް ނޮމިނޭޓްވެފައެވެ. އޭނާ ދެވަނަ ފަހަރަށް އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑަށް ނޮމިނޭޓްވީ އޭނާގެ ރޮމޭންޓިކް ފިލްމު "ލަވް ސްޓޯރީ"އިންނެވެ. އެއަށް ފަހު، 2006 ގައި އޭނާގެ އަމިއްލަ ރެޑް ޕްރޮޑަކްޝަންސް އުފެއްދިއެވެ. އެ ޕްރޮޑަކްޝަނުގެ ދަށުން ގިނަ ދިވެހީންތަކެއް މެދުގައި އޭރު މަގުބޫލުވި ސީރީޒް ހިނިތުންވެލާށޭ ކަލާ އުފެއްދިއެވެ. އަހުމަދު ނިމާލު ޑައިރެކްޓުކޮށް، ފައްތާހު ޕްރޮޑިއުސްކުރި އެ ސީރީޒް ވީ، އެ އަހަރުގެ އެންމެ ކާމިޔާބު ޑްރާމާއަށެވެ. އެ ދަތުރުގައި އޭނާގެ އެންމެ ފަހު ފިލްމު 'ހައްދު' އެޅުވީ 2017ގައެވެ. އެއީ، އޭނާގެ ފަހު މަސައްކަތެވެ. އެ ފިލްމަށް ފަހު، ފިލްމީ މަސައްކަތް ދޫކޮށް އުފަން ރަށް ކެލައަށް ބަދަލުވީއެވެ. ފަހުން އެ ރަށުގައި ރެސްޓޯރެންޓެއް ވެސް ހިންގިއެވެ. ކުއްލި ގޮތަކަށް އިއްޔެ ނިޔާވިއިރު ފައްތާހު ހުރީ ފިލްމީ ހަޔާތުން ނުކުމެ، ސިޔާސީ ދަތުރެއް ފަށައިގެންނެވެ. ވެރިކަން ކުރާ، ޕީއެންސީގެ ޓިކެޓުގައި ކެލާ ކައުންސިލަށް ކުރިމަތިލާން ނިންމައިގެންނެވެ. ޕާޓީގެ ޓިކެޓު ހޯއްދަވައިގެންނެވެ. އެކަމަކު، އެ ދަތުރު ނުފެށި އުޅެނިކޮށް ފައްތާހުގެ ވަގުތު ހަމަވީއެވެ. ނިޔާވިއިރު ފައްތާހުގެ އަންބަކާއި ފިރިހެން ދަރިއަކު ދުނިޔޭގައި އެބަހުއްޓެވެ. ސިޔާސީ ހަޔާތުގެ ދަތުރު ނުފެއްޓުނު ނަމަވެސް ފައްތާހުގެ ވަކިވުމާ އެކު އެންމެން ހަނދާން އާކުރަނީ އޭނާގެ ފިލްމީ ޚިދުމަތެވެ. ކުއްލި ވަކިވުމުން އެންމެން ރޮއްވާލިއެވެ. އެކަމަކު، އެއަށްވުރެ ބާރަށް ގަދައަށް ވިދަވިދާ ހުރި އެއްޗަކީ ފައްތާހުގެ ޑައިރެކްޝަނެވެ. އޭނާ ދޫކޮށްފައި ދިޔަ މޮޅު އުފެއްދުންތަކެވެ. ލެގަސީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ