ދީނީ އިލްމުވެރިޔާ، ސާމިޔާ ޒަކަރިއްޔާ ގަބޫލުކުރައްވާ ގޮތުގައި، ހަޔާތުގައި ކުރިމަތިވާ ކޮންމެ އިމްތިހާނަކީ ވެސް ލިބޭ ފިލާވަޅެކެވެ. ކޮންމެ ތަޖުރިބާއަކީ ވެސް މީހާގެ ކުރިމަގު ބައްޓަން ކުރުމަށް އެހީވެދޭ ކަމެކެވެ.
ޓީވީއެމުން ކުޜީ ރޭ ގެނެސްދިން ޕްރޮގްރާމް، 'އަމިއްލަ އިބާރާތުން'ގައި އޭނާގެ ހަޔާތުގެ ވާހަކަ ވެސް ފެއްޓެވީ ވެސް، އޭނާގެ ހަޔާތުގެ އަޑިގުޑަންތަކުން ލިބިވަޑައިގެންނެވި ފިލާވަޅުތަކުން އިބްރަތެއް ހާސިލްކޮށްދެއްވުމުގެ މަގްސަދުގަ އެވެ.
ކ. މާފުއްޓަށް އުފަން ސާމިޔާގެ އާއިލާ އާއި ރަހުމަތްތެރިން އޯޑިއަންސްގައި ތިއްބެވި އެ ޕްރޮގްރާމްގައި އޭނާ ވާހަކަ ފެއްޓެވީ، އެންމެ ކުޑައިރުގެ ދަތި ދުވަސްތަކުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ޕްލާސްޓިކް ކޮތަޅަކަށް އެންމެ ހެދުމެއް ލައިގެން، އުމުރުން 10 އަހަރުގައި އޭނާ މާލެ ވަޑައިގަތީ ޖެހިގެން އައި ދުވަހު އެނބުރި ރަށަށް ވަޑައިގަތުމަށެވެ. އެކަމަކު މާލޭގައި މަޑުކުރެއްވުމަށް މަޖުބޫރުވެ ވަޑައިގަތީ ތައުލީމީ ގޮތުން ކުރިއަށް ދެވިދާނެ ކަމަށް ގަބޫލުކުރެއްވުނު ފުރުސަތުތަކުންނެވެެ.
އެކަމަކު އެއީ އޭރު، ރަށަކުން މާލެ އަންނަ ކުއްޖަކަށް ފަސޭހައިން އަތުޖެހޭނެ ފުރުސަތުތަކަކަށް ނުވި އެވެ. އެހެންވެ، ކިޔަވަން މާލެ ފޭބި ކުޑަކުއްޖާއަށް ޖެހުނީ، ގޭގޭގައި ގުލާނުކުރާށެވެ.
"އަޅުގަނޑުގެ ފުރަތަމަ ވަޒީފާއަކީ ގޭގައި އޮތް މުސްކުޅި ބަލިމީހަކަށް ވާހަކަ ކިޔައިދިނުން. ހެނދުނުން ފަށައިގެން ރޭގަނޑު ނިދަންދެން، އެހެން އިންނަން ޖެހުނު ފޮތް ކިޔާލަ ކިޔާލާ،" ރާއްޖޭގެ މަދު އަންހެން ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސާމިޔާ،50، ވިދާޅުވި އެވެ.
"އަޅުގަނޑު ކިޔަން ޖެހުނު ބޮޑުތަކުރުފާނު ވާހަކަ. ސިޔަރަތުއްނަބަވީ. މަންމަ ވާހަކަ. މިހެން ގޮސް އަޅުގަނޑުގެ އުމުރާ ނުގުޅޭ ކިތަންމެ ވާހަކައެއް ވެސް."
ފުރަތަމަކޮޅު ބަލައިގެން ކިޔަން ނުފަރިތަ ނަމަވެސް، އެ ތަޖުރިބާގެ ސަބަބުން ސާމިޔާއަށް ފަރިތަކޮށް ދިވެހި ކިޔަން ދަސްވެވަޑައިގެންނެވި އެވެ. ސިޔަރަތު ފޮތުގައި ހުންނަ ކުދިކުދި އަރަބި ލަފުޒުތައް ކިޔަން ދަސްވެވަޑައިގެންނެވި އެވެ. އެކަމަކު އޭނާގެ އެ ވަޒީފާ މާގިނަ ދުވަހަކު ދެމިއެއް ނުއޮތެވެ.
ދެން ސާމިޔާއަށް ޖެހިވަޑައިގެންނެވީ، އެއް ގެއިން އަނެއް ގެއިން ނޯކިރީ ކުރަން ދުވެވަޑައިގަންނަވާށެވެ. ސްކޫލަކަށް ދިޔުމުގެ އުއްމީދުގައި މާލެ ވަޑައިގަތް ނަމަވެސް، އެ ފުރުސަތެއް އޭރު އޭނާއަކަށް ލިބިވަޑައެއް ނުގެންނެވި އެވެ. އެހެންވެ، މާލޭގެ އެކި ގޭގެއަށް ބަދަލުވެ ވަޑައިގެން، ގޭގެ އެކި މަސައްކަތް ކުރަން ޖެހިވަޑައިގެންނެވި އެވެ. އެއިން ގެއަކުން އޭނާ ސްކޫލަށް ލެއްވި ނަމަވެސް، މަސައްކަތުގެ ބުރަކަމާ ހެދި އެތަނުގެ ދޮރުން އެތެރެވަޑައެއް ނުގެންނެވުނެވެ.
"ހަ ވަނަ ގެއަކަށް އަޅުގަނޑަށް ދެން އަނެއްކާ ވެސް ޖެހުނީ ފުރަތަމަ މާލެ ފައިބާ ހުރި ގެއަށް ދާން. އެކަމަކު މި ފަހަރު ޖެހުނީ ވާހަކަ ކިޔައިދީ، މުސްކުޅި މީހަކު ބަލައިދޭކަށް ނޫން. މި ފަހަރު ޖެހުނީ މަންމައަކަށް ވާން،" ސާމިޔާ ކިޔައިދެއްވި އެވެ.
އެ ގޭގެ މީހުން އޭނާ އާ ސްކޫލަކަށް ލެއްވި އެވެ. އެކަމަކު އެއަށް ވުރެ ބޮޑު ޒިންމާއަކަށް ހަވާލުކުރެއްވީ ގޭގައި އުޅޭ ދެ އަހަރުގެ ކުއްޖަކާއި ދެ މަހުގެ ކުއްޖަކު ބަލަހައްޓަވާށެވެ. އެ ކުދިންނަށް ކާންދީ، ނިންދަވާ ހެއްދެވުން އެއީ އޭނާގެ އަސްލު ވަޒީފާ އެވެ.
ސާމިޔާ ވަޑައިގެންނެވީ އަރަބިއްޔާ ސްކޫލަށެވެ. އޭރު އެ ސްކޫލު ހުޅުވިތާ އަދި މާގިނަ ދުވަހެއް ވެސް ނުވެ އެވެ. އޭނާގެ އުމުރުން 13 އަހަރެވެ.
ކުޑަކުދިން ބެލެހެއްޓުމާ އެކު ގޭގެ މަސައްކަތްތައް ކުރުމާއި ސްކޫލަށް ދިޔުމަކީ އެ ވަރުގެ ކުއްޖަކަށް ފަސޭހަކަމަކަށް ނުވި އެވެ. ސްކޫލު ނިންމުމަށް ފަހު ގެއަށް އައިސް ވެސް، އަމިއްލަ ހުރިހާ ކަމެއް ވެސް ކުރަން ޖެހިވަޑައިގެންނެވީ އަމިއްލައަށެވެ. އިމްތިހާނަށް ފިލާވަޅު ދަސްކުރައްވާނެ ވަގުތެއް ނުވެ އެވެ. ރޭގަނޑު ނިދާނެ ވަގުތެއް ނުވެ އެވެ. އެއާއެކު ގޭތެރެއިން އޭނާއަށް ކުރިމަތިވެ ވަޑައިގެންނެވީ، ފުރައްސާރަ އާއި ހަޅޭކެވެ.
"އެގޭގައި އުޅޭތާ ދޮޅު އަހަރުފަހުން، އަޅުގަނޑު ނިންމައިފިން ދެން އެ ގޭގައި ނޫޅެވޭނެ ކަމަށް. އޭރު ރޭގަނޑު ހަމަ ނިދި ނުލިބޭތީ، ނިދެނީ ވެސް ކްލާހުގައި އިނދެގެން،" ސާމިޔާ ކިޔައިދެއްވި އެވެ.
"ދެން ހަމަ އެއް ދުވަހަކު އިމްތިހާނަށް ނުކުތީ، ކޮތަޅަކަށް ހެދުމެއް ލައިގެން. ކުޑަކޮތަޅަކަށް، އަތުގައި އޮތް ހަމައެކަނި އަތް ދިގު ހެދުން ލައިގެން،" އޭނާ ވިދާޅުވި އެވެ.
އޭރު އޭނާގެ ޕްލޭނެއް ނެތެވެ. ގެއިން ނުކުންނެވީ، ވަންނާނެ ގެއެއް ނުލިބިއްޖެ ނަމަ މަގުމަތީގައި އުޅުއްވުމަށް ވެސް ތައްޔާރުވެވަޑައިގެންނެވެ. އެކަމަކު އެއަށް ވުރެ އޭނާގެ އެކުވެރި، ކްލާސް ކުދިން މާ ރަނގަޅެވެ. އެ ދުވަހުގެ ކްލާސް ނިމުމާ އެކު އެއް އެކުވެރިއަކު ސާމިޔާ ގެންދެވީ އޭނާގެ ގެއަށެވެ.
ސާމިޔާ ވިދާޅުވި ގޮތުގައި މާލޭގެ އެއް ގެއިން އަނެއް ގެއިން ގުލާނުކޮށްގެން އުޅޭތާ ތިން އަހަރު ފަހުން، ހަގީގީ ގެއަކަށް އޭނާއަށް ވަޑައިގެންނެވުނީ އެހާ ހަމައިންނެވެ. އެއީ އޭނާ ވަޑައިގެންނެވި ހަތް ވަނަ ގެއެވެ. އެގޭގެ ދެމަފިރިން އޭނާއަށް މަރުހަބާކިއީ ލޯތްބާއި ހިނިތުންވުމާ އެކު އެވެ. އޯގާތެރިކަމާއި އަޅާލުން ނޫން އެއްޗެއް، އެގެއިން އޭނާއަށް ލިބިވަޑައެއް ނުގަންނަވާ ކަމަށް ވިދާޅުވި އެވެ.
"މާލެ އައި ފަހުން ފުރަތަމަ ފަހަރަށް އިހުސާސްވީ އަޅުގަނޑު މިހިރީ އެކަނި ނޫންކަން." ސާމިޔާ ވިދާޅުވި އެވެ.
އެއަށް ފަހު އޭނާ ދައްކަވާލެއްވީ ރިޕޯޓުފޯމެކެވެ. އަރަބިއްޔާ ސްކޫލުގައި އޭނާ ކިޔަވާ ވިދާޅުވި ދުވަސްތަކުގެ އެ ރިޕޯޓު ފޯމުގެ ފުރަތަމަ ސެމިސްޓާގައި އޭނާ ހުރިހާ މާއްދާއަކުން ފެއިލްވެ ވަަޑައިގެންފަ އެވެ. އެކަމަކު އެއާ އެކު، ދެން ބަދަލުވެވަޑައިގެން ގެއިން އޭނާއަށް ލިބިވަޑައިގެންނެވި ލޯތްބާއި އަޅާލުމުގެ ސަބަބުން، އެ ނަތީޖާ އޮތީ އެއްކޮށް އޭ ރިޕޯޓަކަށް ބަދަލުކޮށްލައްވާފަ އެވެ.
ދެން އައި ދުވަސްތަކުގައި އޭނާގެ އެ ނަތީޖާ ހިފެހެއްޓެވި އެވެ.
"އަޅުގަނޑު ދަންނަވާނީ، ހަދިއްތަގެ ދެމަފިރިން [ގޭގެ ދެމަފިރިން] ފަދަ މީހުން އުޅޭ ނަމަ، އަޅުގަނޑު ކަހަލަ ކިތަންމެ ކުދިންނަކަށް ކިޔެވޭނެއޭ،" ސާމިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަރަބިއްޔާ އާއި މައުހަދުގެ ދުވަސްތައް ނިންމައި، މަތީ ތައުލީމު ހާސިލް ކުރެއްވުމަށް މިސްރަށް ވަޑައިގެންނެވެންދެން އޭނާ ހުންނެވީ އެގޭގެ ހިޔާވަހިކަމުގަ އެވެ. ގޭގައި ހޭދަކުރެއްވި ހަތް އަހަރުގެ ތެރޭގައި މުޅިން ވެސް ލިބިވަޑައިގެންނެވީ ލޯބި ކަމަށް ވިދާޅުވި އެވެ.
ކުރީ ރޭގެ ޕްރޮގްރާމްގައި ސާމިޔާ، އޭނާގެ ހަޔާތުގެ އެކި ދުވަސްތައް ހިއްސާކުރެއްވި އެވެ. ޅައުމުރުގެ އެ އުނދަގޫ ދުވަސްތަކުގެ އިތުރުން މަތީ ތައުލީމް ހާސިލް ކުރެއްވުމަށް ރާއްޖޭން ބޭރުގައި އުޅުއްވި ގޮތާއި ދަރިން ގެންގުޅުއްވުމާއި ވަޒީފާ ބެލެންސް ކުރެއްވި ގޮތް ކިޔައިދެއްވި އެވެ.
އެކަމަކުގެ އޭނާގެ ހަޔާތުގެ އެ ދާސްތާއިން ވިދާޅުވެދެއްވަން ބޭނުންވި އެންމެ ބޮޑު ވާހަކައަކީ، ލިބޭ ކޮންމެ ތަޖުރިބާއަކީ ވެސް ކުރިއަށް ދިޔުމަށް ލިބޭ ފިލާވަޅެއް ކަމެވެ. ކަމެއް ހާސިލް ކުރަން މަސައްކަތް ކުރަން ޖެހޭނެ ކަމާއި އޭގެ އެންމެ ރަނގަޅު ވަގުތުގައި އެކަމެއް ވާނެ ކަމެވެ.
ސާމިޔާގެ ވާހަކަ: ގޭގޭގައި ގުލާނުކޮށްގެން، މޮޅު އިލްމުވެރިއަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ