ކިޔަވާކުދިންގެ އަނިޔާވެރިކަން ހައްދުން ނެއްޓީ ހެއްޔެވެ؟
މިފަހަކުން ދެކުނުގެ ސާނަވީ މަދަރުސާއެއްގެ ދަރިވަރަކާއި މުދައްރިސަކާއި ދެމެދު ހިނގި މާރާމާރީގެ ވީޑިޔޯ ސޯޝަލްމީޑިޔާގައި ވައިރަލްވެގެންދިޔައެވެ. އަދި ސޯޝަލްމީޑިޔާއާއި ނޫސްތަކުގައިވެސް އޭގެ ބަހުސްތައް ހިލިގެން ދިޔައެވެ. މިކަމުގެ ހައްސާސްކަމުންނާއި މިކަމާމެދު އެއްޗެއް ބުނުމުގެ ކުރިން ކަމާބެހޭ މާހިރުންގެ ބަހެއް ހޯދާލަންޖެހޭނެތީ، ސްކޫލްމަދަރުސާ ހިންގެވުމުގައާއި ކުޑަކުދިންގެ ހައްގުތަކާއި ބެހޭ ދާއިރާގައި މަސައްކަތްކުރެއްވި ބައެއް ބޭފުޅުންނާ އަޅުގަނޑު ވާހަކަދައްކާލީމެވެ. މިފަހަރު އަޅުގަނޑު ބަލާލަން ގަސްތުކުރަނީ، އަޅުގަނޑުމެންގެ މެދުގައި ބަދަލުކުރެވުނު ޚިޔާލާއި މަޝްވަރާގެ އަލީގައި އަޅުގަނޑަށް މިމައްސަލައިގައި ފެންނަ ގޮތުގެ މައްޗަށެވެ. ދަރިވަރާއި މުދައްރިސާއި ދެމެދު ހިނގި މާރާމާރީއާއި ބެހޭގޮތުން ފުރަތަމަ އަޅުގަނޑު ވާހަކަދެއްކި ބޭފުޅާ ވެސް އަޅުގަނޑާ ކުރިމަތިކުރުވީ މުހިންމު ސުވާލެކެވެ. "އަހަރެމެން ސްކޫލުގައި އުޅުނުގޮތް ހަނދާން ނެތުނީ ހެއްޔެވެ؟" އޭގެ ތަފްސީލަށް ދާކަށް އަޅުގަނޑު ނެތީމެވެ. އެހެންނަމަވެސް، އޭނާ ވިދާޅުވީ، އެދުވަހު އެމައްސަލަތައް އޮތީ ސްކޫލްގެ އެތެރޭގައި ކަމެވެ. މައްސަލަބަލާ އެކަށީގެން ފިޔަވަޅުއަޅާ ދަރިވަރަށް ދޭންޖެހޭ އަދަބެއް ސްކޫލުންދީ އެކަން އެނިމުނީއެވެ. އެކަން "ވައިރަލް" ވާނެގޮތެއް އޭރަކު ނޯވެއެވެ. މިއަދުގެ ތަފާތަކީ އޭނާ ދެކޭގޮތުގައި އެއީއެވެ. އަނެއްކަމަކަށް އޭނާ ފާހަގަކުރެއްވީ، އިހުޒަމާނުގައި ފާސްނުވާކުދިން ސްކޫލްތަކުން ވަކިކުރިނަމަވެސް، މިހާރު ތައުލީމީގޮތުން އެކިފެންވަރުގެ ކުދިން މަދުރަސީ މަރުހަލާ ނިމެންދެން ސްކޫލުގައި ތިބޭކަމެވެ. އަދި މިގޮތުން ތިބޭ ބައެއް ކުދިންނަކީ ތައުލީމީ ގޮތުން އިންތިހާއަށް ފެންވަރު ދަށްކުދިންކަމެވެ. އެހެންނަމަވެސް، ސްކޫލްތަކުގައި އަދިވެސް މައިގަނޑުގޮތެއްގައި އޮންނަނީ މޮޅެތި ކުދިންނަށް ކިޔަވާދިނުމުގައި ގެންގުޅޭ ގޮތްތައްކަމާއި ތައުލީމީގޮތުން ދަށްކުދިންގެ ޝައުގުވެރިކަން ދެމެހެއްޓޭފަދަ ގޮތަކަށް ސްކޫލުގެ ތަޖުރިބާ ފަރުމާކުރުމުގެ ގޮތްތައް ސްކޫލްތަކުން ހޯދާފައި ނުވާކަމެވެ. އަދި އެކުދިންނަކީ ތަރުބިއްޔަތު ކުރުމުގައި ޚާއްޞަ މަސައްކަތެއް އެކުދިންނަށް އަމާޒުކޮށްގެން ހިންގަންޖެހޭ ކުދިން ކަމުގައިވިޔަސް، ސްކޫލްސިސްޓަމްގައި އެކަން އެކަށީގެންވާ ހަރުދަނާގޮތެއްގައި ރޭވި ހިނގަމުން ނުދާކަމެވެ. ކުދިންގެ އަޚުލާގީ މައްސަލަތަކާމެދު މީހުން ކަންބޮޑުވެގެން އުޅުން އެއީ އަޅުގަނޑުމެންގެ ތެރޭގައި އާކަމެއް ނޫނެވެ. ސްކޫލްކުދިންގެ އަޚުލާގާއި ބެހޭގޮތުން 1994 ވަނަ އަހަރު ބޭޢްވި ގައުމީ މަހާސިންތާއެއްގައި، ސްކޫލްތައް ހިންގާމީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ބައިވެރިވީމެވެ. ދެދުވެހުގު އެމަހާސިންތާގެ ނިންމުން ވަރަށް ސާދާ އިބާރާތުން އަޅުގަނޑު ހަނދާން އެބަހުއްޓެވެ. ދަރިވަރުންގެ އަޚުލާގު ރަނގަޅުކޮށް ތަރުބިއްޔަތު ކުރުމުގައި އެންމެ އިސްކަމެއް ދޭންޖެހޭކަމަކީ "ކުދިންނަށް އެކަށީގެންވާ ޖާގަ ތަނަވަސްކޮށް ގޯރުކޮށްދިނުން" ކަމުގައެވެ. އެއީ ތަނުގެ ގޮތުންނާއި ނަފްސާނީގޮތުންނެވެ. އިނގިރޭސިބަހުން ދަންނަވާކަމުގައިވާނަމަ، "ފިޒިކަލް އެންޑް އިމޯޝަނަލް ސްޕޭސް" އެވެ. އަޅުގަނޑަށް ގަބޫލުކުރެވޭގޮތުގައި މިހާތަނަށް އައިއިރުވެސް، ތަފާތު ސަބަބުތަކާހުރެ، އަޅުގަނޑުމެނަށް އެމަގަށް ކުރެވިފައިވާ ކަންކަން ވަރަށް މަދެވެ. ނޫނިއްޔާ އެއްގޮތަކަށްވެސް ނެތެވެ. މިފެންނަނީ އޭގެ ނަތީޖާކަމަށް ވެދާނެއެވެ. މިއީ ވަރަށް ފުޅާ މައުޟޫއެއްކަމުން އެހެން ދުވަހަކަށް އެވާހަކަ ބާއްވާނަމެވެ. ދަރިވަރުންގެ އަޚުލާގުގެ ވާހަކަދައްކާއިރު އަޅުގަނޑަށް އެންމެގިނައިން ކުރިމަތިވާ އެއްޖަދަލަކީ، ދަރިވަރުންގެ އަޚުލާގު ގޯސްވެ، ތަރުބިއްޔަތު ނުކުރެވިގެން މިއުޅެނީ ކުޑަކުދިންގެ ހައްގުތަކުގެ ކަންތަކާ ހެދިކަމަށެވެ. ސްކޫލްތައް ހިންގުމުގައި އެތައްދުވަހަކު އުޅުއްވާފައިވާ ބޭފުޅަކު އަޅުގަނޑު ގާތުގައިވިދާޅުވީ، "ތިޔަ ވާހަކަ އަޅުގަނޑެއް ގަބޫލެއް ނުކުރަން" ކަމުގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ހުއްޓުވީ ކުދިންނަށް އަނިޔާވެރިވުމެވެ. އެއްތެލުން ތެޅުމާއި، ގޯނިއެންދެވުމާއި، ނީލްޑައުންކުރުމާއި، ކުލާހުން ބޭރަށްލުމާއި، ސަސްޕެންޑުކުރުން ފަދަ ކަންކަން މިހާރަކު ސްކޫލްތަކަކު ނުކުރެއެވެ. އެހެންނަމަވެސް، އޭގެ މާނައަކީ ކުދިންނަށް އަދަބު ނުދެވޭނެ ވާހަކައެއް ނޫނެވެ. ސްކޫލްތަކުގައި އަޚުލާގީ މައްސަލަތައް ދިމާވާކުދިން ތަރުބިއްޔަތު ކުރުމުގައި ބޭނުންކުރާ ގޮތަކީ "ރެސްޓޮރޭޓިވް ޖަސްޓިސް" ގެ އުސޫލެވެ. އެއީ ކުދިން ކުށުގެ ޒިންމާ ނަގަންޖެހޭގޮތަށް ފަރުމާކުރެވިފައިވާ ތަރުބިއްޔަތުގެ ނިޒާމެވެ. މިނިޒާމު ސްކޫލުތަކުގައި ފުރަތަމަ ތައާރަފުވެގެން އައިއިރު، އަދަބުގެގޮތުން ކުދިން ކުރަންޖެހޭ ކަންތައްތަކަކީ، އެކުދިން އެހެން ކުދިންގެ ކުރިމަތީގައި ލަދުގަންނަވާ ނިކަމެތިކޮށްލާ ކަންތައްތަކަކަށްވުމުން އޭގެ އެންމެފުރިހަމަ ނަތީޖާ ނުފެނުނުކަމުގައި ބައެއް ބޭފުޅުން ވިދާޅުވެއެވެ. އަދި ނަތީޖާއެއްގެ ގޮތުން އެތައް ސްކޫލެއްގައި އެ ނިޒާމު ހުއްޓުމަކަށް އައިކަމުގައިވެސް ބޭފުޅަކު ވިދާޅުވިއެވެ. ރެސްޓޮރެޓިވް ޖަސްޓިސް ނުވަތަ ރުޖޫއީ އިންސާފަށް ރަނގަޅަށް އަހުލުވެރިވެފައިވާ އިސްބޭފުޅުން ތިއްބެވި ތަންތަނުގައި އެނިޒާމު ކާމިޔާބު ކަމާއެކު ހިނގިއެވެ. އޭނާ އިތުރަށް ވިދާލުވިގޮތުގައި، "ކޮންމެވެސް ވަރެއްގެ ގުޅުމެއްނެތި، ތަޢުލީމެއް ޙާޞިލެއް ނުވާނެ" އެވެ. އޭނާ ދެކެވަޑައިގަންނަވާގޮތުގައި ދަރިވަރުންގެ އަޚުލާގު ރަނގަޅު ކުރަން ބޭނުން ކަމުގައިވާނަ، އެކުދިންނާ ރަނގަޅު ގާތްގުޅުމެއް ގާއިމުކުރަންޖެހެއެވެ. އަދި ކޮންމެ ދަރިވަރަކީ ތަފާތު ދަތިހާލުގައި އުޅޭ ކުއްޖަކަށްވުމުގެ ފުރުޞަތު އެބައޮތެވެ. ސްކޫލަށް އައިސް މައްސަލަޖެހި ހަމަނުޖެހުން އުފައްދާ ކުދިންނަކީ ގޭތެރޭގައި އެފަދަ ތަޖުރިބާކުދާ ކުދިންކަމަށްވާތީ އެކުދިންނަށް ސްކޫލު މާހައުލުން ލޯބި ލިބެންޖެހެއެވެ. މުދައްރިސުންނަށް އެކަން ހަނދާކޮށްދީ، ދަރިވަރުންނާ މުދައްރިސުންގެ މެދުގައި އޮންނަ ދުރުކަން ނައްތާލުމަކީ އޭނާ ދެކެވަޑައިގަންނަވާގޮތުގައި ސްކޫލެއްގެ ޕްރިންސިޕަލްގެ އެންމެ އިސް އެއްވާޖިބެވެ. އަޅުގަނޑުމެން ކުދިންނަށް ލޯބިދޭން ފެށުމުން، އެކުދިންނަށް ޓީޗަރުންނާ ދެކޮޅަށް ތެދުވާކަށް ނުކެރޭނެއެވެ. ނޫނީ ބޭނުމެއް ނުވާނެއެވެ. މުދައްރިސުން ދަރިވަރުގެންގެ ކުރިމަތީގައި ހަމަނުޖެހުން ހިންގާ ބިހޭވިޔާއެއް ނުފެންނާނެއެވެ. އަޅުގަނޑު ގަބޫލުކުރާގޮތުގައި ކުދިން ތަރުބިއްޔަތުކުރުމުގެ އެންމެ މުހިންމު ދެއަސާސަށް ވާންޖެހޭނީ، އެކުދިންނަށް އަނިޔާވެރި ނުވުމާއި އެކުދިންނަށް ލޯބިދިނުމެވެ. މިއީ ކީރިތި ރަސޫލާގެ ސުންނަތުންވެސް އެކަން ފެންނާންއޮތްގޮތެވެ. https://sun.mv/215184 ނިންމާލުމުގެ ކުރިން، ރާއްޖެތެރޭ ސްކޫލްތައް ހިންގުމުގެ ކަންތަކުގައި އަޅުގަނޑު ހޭދަކުރި 9 އަހަރުގެ ކުރީކޮޅު އަޅުގަނޑު ސްކޫލަކަށް ކުރި ޒިޔާރަރެއްގެ ވާހަކަ ހިއްސާކޮށްލާނަމެވެ. އަހުމަދު އަންވަރު އަރިހުގައި އަޅުގަނޑާއި އަޅުގަނޑުމެންގެ ޓީމް ސްކޫލްތަކަށް ދާއިރު، ކުލާސްތަކަށް ވަންނަމެވެ. ކުދިންގެ ފޮތްތައް ބަލަމެވެ. މުދައްރިސުންގެ ލެސަންޕްލޭންތައް އަދި ކިޔަވާދިނުމަށް ވެފައިހުންނަ ތައްޔާރީތައް ބަލަމެވެ. ވަގުތު ތަންދިން މިންވަރަކުން ފިލާވަޅު ކުރިޔަށް ގެންދާގޮތްވެސް ބަލަމެވެވެ. އަދި މޮޅު ކުދިންނާއި ދަށްކުދިން، އަދި މުދައްރިސުންނާ ބެލެނިވެރިންނާއި ވަކިވަކިން އަދި އެކުގައި ބައްދަލުކުރަމެވެ. އެ 9 އަހަރުގެ ކުރީކޮޅު އަޅުގަނޑުމެން ޒިޔާރަތްކުރި ސްކޫލެއްގައި ކުދިންގެ ކުށުގެ ރިކޯޑު – ޑިސިޕްލިން ފައިލް ވަރަށް ރަނގަޅަށް ބަލަހައްޓާފައި އޮތެވެ. އެއީ އެ ސްކޫލުގައި އެންމެ ރަނގަޅަށް އެންމެބޮޑު ސަމާލުކަމެއްދީގެން ކުރާ ކަންތަކެވެ. އެފައިލުތަކުގައި ކުދިންގެ ފަރާތުން ހިނގާފައި ހުންނަ އާދަޔާޚިލާފު ވިޔާނުދާ އަދި ބަދުއަޚުލާގީ އަމަލުތަކަށް އެކުދިން ލައްވާ އެއްބަސްކުރުވާ ވަރަށް ތަފްސީލުކޮށް ބަޔާން ނަގާފައިހުރެއެވެ. އަޅުގަނޑު ހުރެގެން، އެ ހުރިހާ ރިކޯޑެއް ނައްތާލީމެވެ. އޭގެ ތެރޭގައި ރެކޯޑު އޮތްކުދިން މާދަމާ ތިބޭނީ ގައުމުގެ ކޮންހިސާބެއްގައިކަން އެނގޭތޯ ސްކޫލްގެ ވެރިންނާ އަޅުގަނޑު ސުވާލު ކުރީމެވެ. ދަތުރުނިންމާފައި، އަޅުގަނޑުގެ ވެރީންނާއި މަޝްވަރާކޮށް، ސްކޫލްތަކުގައި އެޒާތަށް ކުދިންގެ ބަޔާން ނަގާ، ޑިސިޕްލިން ފައިލުގެ ގޮތުގައި ރެކޯޑު ބެލެހެއްޓުން ހުއްޓާލުމަށް ހުރިހާ ސްކޫލްތަކަށް ސާރކިއުލާރ އެއް އަޅުގަނޑުމެން ފޮނުވީމެވެ. ސްކޫލްތަކުގައި ދަރިވަރުން ލޭބަލްކޮށް ކުށްވެރިންގެ ގޮތުގައި ޓްރީޓްކުރުން ނިމުމަކަށް ގެނެވޭތޯ އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރީމެވެ. އަޅުގަނޑު ދެކޭގޮތުގައި އެއީ ނިމުމެއްނެތް މަސައްކަތެކެވެ.އަޅުގަނޑު މިލިޔުން ލިޔުމުގެ ތެރޭގައި، ސްކޫލްތައް ހިންގުމުގެ ދާއިރާގައި ސިޔާސަތު ކަނޑައެޅުމުގައި އިސްކޮށް އުޅުއްވި ބޭފުޅަކާއި ވެސް ބައްދަލުވިއެވެ. އޭނާ ދެއްވީ ވަރަށް ސާދާ ކުރު ޖަވާބެކެވެ. "ޝިހާބު. އެކުދިން ތިބީ ސްކޫލެއްގެ ތެރޭގައި ނޫންތޯ؟" އާދެ. ވަރަށް ފުން ވާހަކައެކެވެ. އެކުދިން ތިބީ އަޅުގަނޑުމެން އަތްފޯރާ ހިސާބުގައެވެ. އަދިވެސް އެކުދިން ތަރުބިއްޔަތުކޮށް ހެޔޮލަފާ، ރަނގަޅު، ގައުމަށް ފައިދާހުރި ބަޔަކަށް ހެދުމުގެ ފުރުޞަތު އަދިވެސް ނުގެއްލެއެވެ. އަޅުގަނޑުމެން އުޅެންވީ އެކަމާއެވެ. "ކޮންމެވެސް މީހެއްގެ ބޮލަށް ކަނޑާލުމުގެ މަސައްކަތުގައި" އަވަދިނެތި އުޅުމުގެ މާނައެއް ނެތެވެ. ކުރުކޮށް ދަންނަވާކަމުގައިވަނީނަމަ، ސްކޫލްތެރޭގައި ހެލިފެލިވެ އުޅޭނެ އަދި ހިމޭންވެލާނެ ޖާގަ – ތަންމިނަށް އަދި ނަފްސާނީގޮތުން ތަނަވަސް ކޮށްދިނުމުންނާއި، ކުދިންގެ ތައުލީމީ އަދި ހުނަރުތަކުގެ ތަފާތުތަކަށް ރިއާޔަތްކުރެވިފައިވާ އަދި ކުދިން ޝައުގުރިވެކުރުމުގެ އިންތިޒާމަކާއި ތަރުތީބެއްއޮތް، އަދި ކުދިންގެ މެދުގައި އުފެދޭ މައްސަލަތަކަކުގައި އެކުދިންގެ ކަރާމާތަށް އުނިކަން ނުލިބޭގޮތަށް ރުޖޫއީ އިންސާފުގެ ހަމަތަކުގެ މަތީން ކަންކަން ކުރާ ތަނަކަށް ސްކޫލް ހެދިއްޖެނަމަ، ކުދިންގެ ތަރުބިއްޔަތު މާބޮޑު ތަނުންވެސް ރަނގަޅު ކުރެވޭނެއެވެ. ކިޔަވާކުދިންގެ އަނިޔާވެރިކަން ހައްދުން ނެއްޓީއެއް ނޫނެވެ. ކުދިންނަށް އަޅާލުމާއި ލޯބިދިނުމުގައި އަޅުގަނޑުމެން ފޭލިވީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ