ގޭންގެއް ކަމަށް ކަނޑައަޅަން ފުލުހުން ޕްރޮސެކިއުޓަރު ޖެނެރަލަށް މައްސަލައެއް ފޮނުވައިފި
ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ގޭންގެއް ކަމަށް ކަނޑައަޅަން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް މައްސަލައެއް ފޮނުވާފައިވާކަން، ފުލުހުން މިއަދު ހާމަކޮށްފިއެވެ. އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ގޭންގު ކްރައިމް އެންފޯސްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓު އިސްޙާޤް އާދަމް ވަނީ، ގޭންގު ކްރައިމް އެންފޯސްމަންޓުގެ ބައެއް މަސައްކަތްތަކުގެ ތަފާސްހިސާބު އާންމުކުރައްވައިފައެވެ. އެ ތަފާސްހިސާބުތަކުގައިވާ ގޮތުން، އެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން މިހާތަނަށް ހަ ތަނެއް ބަލައި ފާސްކޮށް ހަތް މައްސަލައެއްގައި 11 މީހަކު ހައްޔަރުކޮށް ދެ މީހަކަށް ދައުވާކުރުމަށާއި ގޭންގު ކަނޑައެޅުމަށް އެއް ގްރޫޕެއް ޕްރޮސެކިއުޓަރު ޖެނެރަލަށް ފޮނުވާފައިވެއެވެ. "ގޭންގު ކަނޑައެޅުމަށްޓަކައި އެއް މައްސަލައެއް ޕްރޮސެކިއުޓަރު ޖެނެރަލުގެ އޮފީހަށް ފޮނުވިފަވޭ، އެހެން ނަމަވެސް އެ އޮފީހުން އަދި ބައެއް ކަންކަން ސާފުކުރުމަށް އަޅުގަނޑުމެންނަށް އަންގައިފަ ވާތީ އެ މަސައްކަތް މި ދަނީ ކުރަމުން،" އިސްޙާޤް ވިދާޅުވިއެވެ. https://sun.mv/216048 ގޭންގު ހުއްޓުވާ ގާނޫނުގައިވާ ގޮތުން ގޭންގެއް ގޮތުގައި ކުށްކުރާ ގުރޫޕެއް ކަނޑައެޅުމަށް ފުލުހުން ފޮނުވަނީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށެވެ. އެ އޮފީހުން ފުރިހަމަކުރަންޖެހޭ ކަންކަން ކުރުމަށްފަހު ދެން އޮންނާނީ ހައިކޯޓަށް ހުށަހެޅުމެވެ. ގާނޫނުގައިވާ ގޮތުން، ގޭންގެއް ގޮތުގައި ކަނޑައެޅުމުގެ ކުރިން އެ މީހުންނަށް ޖަވާބުދާރީވުމުގެ ފުރުސަތުވެސް އޮންނާނެއެވެ. ކުށްކުރާ ގުރޫޕެއް ގޭންގެއް ގޮތުގައި ހައިކޯޓުން ކަނޑައަޅާނީ ނުވަތަ ކަނޑަނާޅާނީ އޭގެ ފަހުންނެވެ. އިސްޙާޤް ވިދާޅުވީ، އަތޮޅުތެރޭ ވެސް ފުލުހުން އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ މި ގާނޫނު އައުމުގެ ކުރިން އިންތިޒާމުވެގެން ކުށްކުރާ ގުރޫޕުތައް ހަރަކާތްތެރިވި މަންޒަރު ފެނުނު ކަމަށެވެ. "މިއަހަރު ކުރީކޮޅާ އަޅާ ބަލާއިރު މިއަހަރު ފަހުކޮޅު މިކަންކަން (ގޭންގުތަކާއި އިންތިޒާމުވެގެން ކުރާ ކުށްތައް) އިންތިހާއަށް މަދުވެފަ މި ވަނީ، އެހެންވީމާ މި ގާނޫނުގެ ސަބަބުން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މި ގާނޫނުގެ ބޭނުން އެންމެ ހެޔޮގޮތުގައި އަޅުގަނޑުމެންނަށް ބޭނުންކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" އިސްޙާޤް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ