ދައުލަތުގެ ވަޒީފާއެއް އަދާ ކުރުމަށްފަހު ރިޓަޔާ ކުރާ މީހުންގެ ތެރެއިން އަލުން ދައުލަތުގެ ވަޒީފާއާ ގުޅޭ މީހުންނަށް، އެ ވަޒީފާ އަދާ ކުރަމުންދާ މުއްދަތުގައި ޕެންޝަން ނުލިބޭ ގޮތަށް ސިވިލް ސާވިސްގެ ގަވާއިދު މިއަދު އިސްލާހުކޮށްފި އެވެ.
މިއަދު ގެޒެޓުކުރި ބަދަލުގައިވާ ގޮތުން ދައުލަތުގެ މަގާމަކަށް އިންތިހާބުވާ ނުވަތަ ސަރުކާރުގެ ހިއްސާވާ ކުންފުންޏެއްގެ ވަޒީފާ ހަމަޖެހޭ މީހުންނަށް ވެސް އެ ވަޒީފާއެއްގައި ދެމިހުންނަ މުއްދަތުގައި ޕެންޝަން ފައިސާއެއް ނުލިބޭނެ އެވެ.
އެފަދަ މީހުންނަށް އާ ވަޒީފާއާ ހަމައަށް ލިބެމުންދިޔަ ޕެންޝަން އެލަވަންސް އަލުން ދޫކުރަން ފަށާނީ ފަހުން އަދާކުރާ ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެން ކަމަށް ގަވާއިދު ބުނެ އެވެ.
ދައުލަތުގެ ވަޒީފާތަކުން ރިޓަޔާ ކުރާ ފަރާތްތަކަށް ލިބެމުންދާ އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކައި ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަން ރައީސް މުހައްމަދު މުއިއްޒު ހާމަކުރެއްވީ ސެޕްޓެމްބަރު 10، 2025 ގަ އެވެ.
މި ސަރުކާރުން ގެންދަނީ ދައުލަތުގެ ކުންފުނިތަކަށް އެކި އިދާރާތަކުގައި މަސައްކަތް ކުރެއްވުމަށް ފަހު ރިޓަޔާ ކުރައްވާފައިވާ މީހުން އައްޔަނު ކުރަމުންނެވެ. އެފަދަ މީހުން ޑަބަލް ޕެންޝަން ނަގަމުންދާ ކަމުގެ ޝަކުވާތަކެއް ދާދިފަހުން މުއިއްޒު ބޭއްވި ރައްޔިތުންގެ ބައްދަލުވުންތަކުގައި ވެސް ކޮށްފައިވެ އެވެ.
ފުލުހުންގެ ވަޒީފާއިން ރިޓަޔާވުމަށް ފަހު އިންތިހާބީ މަގާމަކަށް ނުވަތަ ދައުލަތުގެ ކުންފުންޏެއްގެ މަގާމަކަށް އަންނަ މީހުންނަށް ރިޓަޔަމަންޓު އިނާޔާތް ނުލިބޭ ގޮތަށް ގަވާއިދު ބަދަލުކުރީ މިފަހުންނެވެ.
އުމުރުން 65 އަހަރު ފުރުމުން ދައުލަތުގެ ވަޒީފާއިން މުސްކުޅި ކުރާ ފަރާތްތަކަށް ވެސް ރީއެމްޕްލޯއީމެންޓު އުސޫލެއްގެ ދަށުން އަލުން ދައުލަތުގެ އިދާރާތަކުން ވަޒީފާ ލިބޭގޮތް ހެދުމަށާއި އެގޮތަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމުގައި ބަލާނެ ހަމަތައް ބަޔާން ކުރާ ބިލެއް މަޖިލީހަށް އޮތީ ހުށަހަޅާފަ އެވެ.
އެ ބިލު ގާނޫނަކަށް ވުމުން ދައުލަތުގެ އިދާރާތަކުގައި މަސައްކަތް ކުރަމުން ދަނިކޮށް އުމުރުން 65 އަހަރު ފުރޭ މީހުންނަށް އެމީހުންގެ އުމުރުން 75 އަހަރު ފުރުމާ ހަމައަށް ދައުލަތުގެ އިދާރާތަކުގައި އަލުން ވަޒީފާ އަދާކުރެވޭނެ އެވެ.
ރިޓަޔާވުމަށް ފަހު އަލުން ދައުލަތުގެ ވަޒީފާއެއް އަދާކުރާ ހާލަތުގައި ޕެންޝަން ފައިސާ ނުލިބޭ ގޮތް ހަދައިފި ރިޓަޔާވުމަށް ފަހު އަލުން ދައުލަތުގެ ވަޒީފާއެއް އަދާކުރާ ހާލަތުގައި ޕެންޝަން ފައިސާ ނުލިބޭ ގޮތް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ