ދަތުރުތަކަށް ބަޖެޓަށް ވުރެން އިތުރަށް 17.3 މިލިއަން ހަރަދުކޮށްފި

މި އަހަރު ދައުލަތުން ދަތުރުތައް ކުރުމަށް ފާސްކޮށްފައިވާ 249.1 މިލިއަން ރުފިޔާގެ ބަޖެޓަށް ވުރެން އިތުރަށް މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް, 17.3 މިލިއަން ރުފިޔާ އެކަމަށް ހޭދަ ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. ފިނޭންސް މިނިސްޓްރީން ހާމަ ކުރި ދައުލަތުގެ ހަރަދުބަރަދުގެ ތަފާސްހިސާބުތަކަށް ބަލާއިރު, މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ދަތުރުފަތުރަށް ދައުލަތުން ވަނީ 266.4 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އެއީ ފާސްކުރި ބަޖެޓަށް ވުރެން 17.3 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރު އެ މުއްދަތަށް ދަތުރު ފަތުރަށް ހޭދަކޮށްފައިވަނީ, 259.5 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރު އެ މުއްދަތުގައި ކުރި ހޭދަ މި ވަނީ މިދިޔަ އަހަރަށް ވުރެވެސް 6.9 މިލިއަން ރުފިޔާ އިތުރުވެފައެވެ. ދައުލަތުން ދަތުރުފަތުރަށް ކުރި ހޭދަ ވަރަށް ބޮޑުތަން އިތުރުވި ނަމަވެސް ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ކަނޑައެޅި 2.6 ބިލިއަން ރުފިޔާގެ ތެރެއިން ލިބުނީ އެންމެ 301.5 މިލިއަން ރުފިޔާއެވެ. އެ އަދަދަކީ މިދިޔަ އަހަރު ލިބުނު ހިލޭ އެހީއަށް ވުރެވެސް ދެބައިކުޅަ އެއްބައި މަދު އަދަދެކެވެ. ދަތުރުތައް އިތުރުވީ ނަމަވެސް ބޭރު ގައުމުތަކުން ރާއްޖެއަށް ކުރިން ދޭ އެހީތައް މިހާރު ނުލިބެނީ ރާއްޖޭގެ މާލީ ހާލަތު އޮތްގޮތުންނާއި އިސްލާހީ ފިޔަވަޅުތައް ނޭޅުމާއި ހާރިޖީ ސިޔާސަތުގައި މައްސަލަތަކެއް އުޅޭތީ ކަމަށް ފާޑު ކިޔާ ފަރާތްތަކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ