މާލީ އެހީއަށް ޝަރުތު ހަމަވި 41 މީޑިއާއަކަށް ފައިސާ ދެނީ

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ދޭ 28 މިލިއަން ރުފިޔާގެ މާލީ އެހީއަށް ޝަރުތު ހަމަވަނީ 41 މީޑިއާއަށް ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން)އިން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދިނުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެކަން ކުރުމަށްޓަކައި މީގެ ކުރިން އެ މަސައްކަތް ކުރީ، ޔޫތް މިނިސްޓްރީންނެވެ. ނަމަވެސް ފަހުން ކޮންޓްރޯލް ކޮމިޝަންއާ އެ މަސައްކަތް ހަވާލުކުރި އެވެ. އަދި ރޭ ދަންވަރު އެ ކޮމިޝަނުން ވަނީ މިކަމާ ގުޅޭ ބަޔާނެއް ނެެރެފަ އެވެ.
ތަފްސީލު - ކޮމިޝަންގެ ބަޔާނުގައިވާ ގޮތުން މިފަހަރު މިކަމަށް 57 މީޑިއާއަކުން ފައިސާ ހޯދުމަށް ހުށަހެޅި އެވެ. އަދި އޭގެ ތެރެއިން ޝަރުތު ހަމަވަނީ 41 މިޑީއާއަށްކަން ކޮމިޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޝަރުތު ހަމަވާ އެ 41 މީޑިއާއަށް ޕޮއިންޓް ލިބުނު ގޮތުގެ ތަފްސީލު މީޑިއާއެޕް ޕޯޓަލްގައި މިހާރު ވަނީ އާންމުކޮށްފަ އެވެ. ނަމަވެސް އެ މީޑީއާތަކަށް ލިބެނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ޕޯޓަލްއަކުން ނޭނގެ އެވެ. އުސޫލުގައިވާ ގޮތުން ފައިސާ ދެނީ އެ މީޑިއާކަށް ލިބޭ ޕޮއިންޓަށް ބަލައި، ވަކި ހާއްސަ ފޯމިއުލާއަކުންނެވެ.
ކޮމިޝަންގެ ބަޔާނުގައި ބުނެފައިވަނީ، ގެޒެޓްކޮށްފައިވާ އުސޫލުގައިވާ ގޮތަށް މީޑިއާތަކަށް ޕޮއިންޓް ދިނުމުގައި ބަލާފައިވަނީ މައިގަނޑު ހަ ކަމަކަށެވެ. އެއީ:
މީޑިއާގެ މުއްދަތަށް
މުވައްޒަފުންގެ އަދަދަށް
މީޑީއާ ހައުސްގެ ކުރިއެރުވުމަށް ހުށަހަޅާ ކަންކަން/ބިޒްނަސް ޕްލޭން
ކޮންޓެންޓްގެ ބާވަތަށް
މުވައްޒަފުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް
އިދާރީ އިންތިޒާމުތަކަށް
ކޮމިޝަނުން އަލުން އުސޫލަށް ބަދަލު ގެނައީ، ކުރިން އޮތް ބައެއް ޝަރުތުތައް ލުއިކުރުމަށްފަހު އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން ހިންގާ މީޑިއާތަށްވެސް މި ގްރާންޓަށް ޝަރުތުހަމަވާ ކަމަށް ހިމެނުން ހިމެނެ އެވެ.
މީގެ ކުރިން ޔޫތް މިނިސްޓްރީން ނިންމި ލިސްޓުގައި ޝަރުތު ހަމަވީ 18 މީޑިއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ