4 މިލިއަންގެ ޕްރޮޖެކްޓެއް ހިރިމަރަދޫގައި ހިންގަން ދިންތާ މާ ދުވަހެއްނުވެ އެ ރަށު މީހުން ހަނިމާދޫއަށް ބަދަލުކުރަން ގަރާރު ނެރުއްވައިފި
އާބާދީ ވަރަށް މަދު ހދ. ހިރިމަދޫން މީހުން ބަދަލު ކުރާނެކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މީގެ ކުރިން އިއުލާން ކުރައްވައިފައިވަނިކޮށް ހަތަރު މިލިއަންގެ ޕްރޮޖެކްޓެއް ހިންގަން ވެސް ހަވާލުކުރި ފަހުން އެ ރަށު މީހުން ހަނިމާދުއަށް ބަދަލުކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ގަރާރު ނެރުއްވައިފިއެވެ. މިދިޔަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި, ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެ ރަށުން ބަދަލުވާން ބޭނުންވާ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ދޮޅު އަހަރުތެރޭ ގާއިމުކޮށް ތަޅުދަނޑި ހަވާލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް އަރުވައިފައެވެ. https://sun.mv/213609 އެހެން ވިދާޅުވެފައިވަނިކޮށް، އެ ރަށުގައި މީހުން ދިރިއުޅޭހާ ހިނދަކު އަސާސީ ޚިދުމަތް ގާއިމްކުރާނެކަމަށް ބުނެ، ސަރުކާރުން އެ ރަށުގައި 4.1 މިލިއަން ރުފިޔާއަށް "ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރެއް" އަޅަން ދިނީ މިދިޔަ މަހުގެ ހަވަނަ ދުވަހެވެ. އެ މަޝްރޫއު ހަވާލުކުރިތާ މަސް ދުވަހެއްފަހުން މިއަދު ރައީސް ވަނީ ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ގަރާރު ނެރުއްވައިފައެވެ. ގަރާރުގައިވާ ގޮތުން މި ކަމުގެ ބޭނުމަކީ، އަންނަ އޭޕްރިލް ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އެކުލަވައިލާއިރު، މީހުން ދިރިއުޅޭ އެއްވެސް ރަށެއް، ފަޅުރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި، އެ ރަށުގެ ރަށްވެހިން އެހެން ރަށަކަށް ބަދަލުކުރާ ޙާލަތުގައި، އެފަދައިން ބަދަލުވީ ރަށުގެ ރަށްވެހިންގެ އިންތިޚާބީ ދާއިރާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބަލަންވާނީ އެ މީހުން އަލަށް ބަދަލުކުރެވުނު ރަށްކަމަށް ބަޔާންކޮށްފައިވާތީ، ހިރިމަރަދޫގެ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ، ހަނިމާދޫކަމުގައި ބެލުމަށް އިލެކްޝަންސް ކޮމިޝަނަށް މަގުފަހިކޮށްދިނުމަށް ކަމަށް ގަރާރުގައިވެއެވެ. މި ޤަރާރާއެކު ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމުން، ހިރިމަރަދޫއަކީ މީހުން ދިރިއުޅޭ ރަށެއް ނޫންކަމަށް ކަނޑައަޅާނެއެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ހިރިމަރަދޫ އުނިކޮށް، އެ ލިސްޓު އަދާހަމަކޮށް، ޤަރާރުގެ ޖަދުވަލެއްގެ ގޮތުގައި އެ ލިސްޓު ވަނީ ހިމަނުއްވާފައެވެ. މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ، ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމާއެކު، އެ ކަން ސަރުކާރުން ޢާންމުކޮށް އިޢުލާނުކުރާ ތާރީޚުން ފެށިގެން ކަމަށް ގަރާރުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ