ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރަކުން ހިރިމަރަދޫ ކައުންސިލް އުވާލީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) މިއަދު ވިދާޅުވެއްޖެ އެވެ.
ގަޕޯ ވިދާޅުވީ ހިރިމަރަދޫ ކައުންސިލް އުވާލަން ސަރުކާރުން ނިންމީ އަންނަ އޭޕްރިލް މަހު ބާއްވާ ކައުންސިލް އިންތިހާބުގައި ހދ. ހަނިމާދޫއިން ސަރުކާރު ހިންގާ ޕީއެންސީއަށް މެޖޯރިޓީ ނުލިބޭނެތީ ކަމަށެވެ.
ބަޔަކު ރަށެއްގައި ދިރިއުޅެމުން ދަނިކޮށް އެ ރައްޔިތުން ދިރިއުޅޭނެ ތަނެއް ނާޅައި އެ ރައްޔިތުން ރަށަކަށް ބަދަލުކުރުމަކީ އެއްވެސް ގާނޫނަކުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި، ހަނިމާދޫގެ މެޖޯރިޓީ ނެގުމަށްޓަކައި ސަރުކާރުން އެޅި ގާނޫނާ ހިލާފު ފިޔަވަޅެއް. އެއްވެސް ގާނޫނަކުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ނޫން އެއީކީއެއް ރަށެއްގައި ބަޔަކު ދިރިއުޅެމުން ދަނިކޮށް އެމީހުން ދިރިއުޅެން ތަނެއް ނާޅާ އެމީހުންނަކީ އެ ރަށެއްގެ ރައްޔިތުން ކަމަށް ކަނޑައެޅުން އެއީ. އެއީ ދުވަހަކުވެސް ރާއްޖޭގައި ކޮށްފައި އޮތް ކަމެއް ނޫން،" ގަޕޯ ވިދާޅުވި އެވެ.
ސަރުކާރުގެ ނިންމުމާ ދެކޮޅަށް އެމްޑީޕީން ކުރިއަށް އޮތް ދުވަސްތަކުގައި އިހުތިޖާޖު ކުރާނެ ކަމަށް ޖަޕޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށް ހަނިމާދޫގައި ހިންގާ ހައުސިން މަޝްރޫއުގެ މަސައްކަތް މިހާތަނަށް ފެށިފައި ނުވާ ކަމަށެވެ. އެގޮތުން އޭޕްރިލް މަހު ކައުންސިލް އިންތިހާބު އޮންނައިރު ވެސް ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫއަށް ބަދަލު ނުވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަޅުރަށެއްގެ ގޮތުގައި އެތައް ސަތޭކަ އަހަރެއް ވުމަށް ފަހު ރ. ދުވާފަރު އަލުން އާބާދުކުރީ ރާއްޖެ އަށާއި އެހެން އެތައް ގައުމަކަށް 2004 ވަނަ އަހަރު އެރި ވަރުގަދަ ސުނާމީގައި އެންމެ ބޮޑަށް ހަލާކުވި އެއް ރަށް ކަމަށްވާ ކަނދޮޅުދޫ މީހުން ހިޖުރަކޮށްގެންނެވެ.
ލާމަރުކަޒީ ނިޒާމު އައި ފަހުން ކަނދޮޅުދޫ މީހުން ދުވާފަރުގައި އުޅުނުއިރު ރަޖިސްޓްރީ ބަދަލުވެފައި ނުވާތީ އެކަމުގެ ބޭނުމަށް ގަރާރެއްގެ ބޭނުމަށް ކަނދޮޅުދޫ މީހުންނަކީ ދުވާފަރު މީހުން ކަމަށް ކަނޑައެޅި އެވެ. އެ ގަރާރު ނެރުނުއިރު ކަނދޮޅުދޫ އޮތީ ފަޅު ރަށެއްގެ ގޮތުގަ އެވެ. އެހެންކަމުން މިއީ ރަށެއްގައި މީހުން ދިރިއުޅެމުން ދަނިކޮށް އެހެން ރަށަކަށް ބަދަލުކުރާ ފުރަތަމަ ފަހަރެވެ.
އަންނަ މާޗު މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓުގައި ހިރިމަރަދޫއަށް ތިން ކައުންސިލަރުން ހިމެނޭ ކައުންސިލެއް އިންތިހާބުކުރާނެކަން ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް، މުއިއްޒު މިއަދު ނެރުނު ގަރާރައެކު ހިރިމަރަދޫ ރައްޔިތުން ވޯޓުލާނީ ފަސް ކައުންސިލަރުން އިންތިހާބު ކުރަން ޖެހޭ ހަނިމާދޫ ކައުންސިލަށެވެ. އިތުރު ދައުރަކަށް ހިރިމަރަދޫގައި ކައުންސިލެއް ނޯންނާނެ އެވެ.
އެގޮތުން އީސީއިން ވޯޓު ލެވޭ މީހުންގެ ލިސްޓު ހަދާއިރު ރަށެއްގެ ރައްޔިތެއް އެހެން ރަށަކަށް ބަދަލުވާ ހާލަތުގައި އެ ބައެއްގެ އިންތިހާބީ ދާއިރާ ކަމުގައި ކަނޑައަޅަން ވާނީ އަލަށް ބަދަލުކުރެވުނު ރަށް ކަމަށް އިންތިހާބުތަކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާކަން ރައީސް އޮފީހުން ފާހަގަކޮށްފައިވެ އެވެ.
ހިރިމަރަދޫ ކައުންސިލް އުވާލުމަކީ ހަނިމާދޫގެ މެޖޯރިޓީ ނެގުމަށް ސަރުކާރުން އެޅި ގާނޫނާ ހިލާފު ފިޔަވަޅެއް: ޣަފޫރު ހިރިމަރަދޫ ކައުންސިލް އުވާލުމަކީ ހަނިމާދޫގެ މެޖޯރިޓީ ނެގުމަށް ސަރުކާރުން އެޅި ގާނޫނާ ހިލާފު ފިޔަވަޅެއް: ޣަފޫރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ