ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ރައީސްގެ ގަރާރެއް

ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލު ކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ގަރާރަކުން ނިންމަވައިފި އެވެ.ރައީސް މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ލިސްޓުން ހިރިމަރަދޫ އުނިކޮށް، އެ ލިސްޓު މިހާރު އަޕްޑޭޓު ކޮށްފައިވާ ކަމަށެވެ. ނަމަވެސް، އިސްލާހު ކުރި ލިސްޓަށް އަމަލުކުރާނީ ހިރިމަރަދޫ މީހުން ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމާ އެކު، އެކަން ސަރުކާރުން އާންމުކޮށް އަންގައި އިއުލާންކުރާ ތާރީހުން ފެށިގެން ކަމަށް ގަރާރުގައިވެ އެވެ.ގަރާރުގައި ބުނީ ހިރިމަރަދުއަކީ މީހުން ދިރިނޫޅޭ ރަށެއް ކަމަށް މި ވަގުތައް ކަނޑައެޅީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބާއްވަނީ ހިރިމަރަދޫ މީހުން ހަނިމާދު އަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ މަރުހަލާގެ ތެރޭގައި ކަމަށް ވާތީ އެވެ.އެގޮތަށް ކަނޑައެޅުއްވީ، އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އެކުލަވާލާއިރު، މީހުން ދިރިއުޅޭ އެއްވެސް ރަށެއް، ފަޅުރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި، އެ ރަށުގެ ރަށްވެހިން އެހެން ރަށަކަށް ބަދަލުކުރާ ހާލަތުގައި، އެފަދައިން ބަދަލުވީ ރަށުގެ ރަށްވެހިންގެ އިންތިހާބީ ދާއިރާ ކަމުގައި ބަލަން ޖެހޭނީ އެ މީހުން އަލަށް ބަދަލުވި ރަށް ކަމަށް އިންތިހާބާ ބެހޭ ގާނޫނުގައި ބުނާތީ ކަމަށް ރައީސްގެ ގަރާރުގައިވެ އެވެ.އެހެންކަމުން، ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ހިރިމަރަދޫ މީހުން ވޯޓުލާނީ ހަނިމާދޫ ކައުންސިލްގެ މެމްބަރުން ހޮވުމަށެވެ.މި އިސްލާހަށް އަމަލުކުރަން ފަށާނީ، ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމާއެކު، އެ ކަން ސަރުކާރުން ޢާންމުކޮށް އިއުލާނުކުރާ ތާރީހުން ފެށިގެން ކަމަށް ގަރާރުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ