ރާއްޖެ އަންނަ ފަތުރުވެރިން އެއާޕޯޓުގެ އެރައިވަލްސް ގޭޓުންް ނިކުންނައިރު މަރުހަބާ ކިޔަން ތިބޭ ރެޕުންނަކީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ތަފާތު އެއް ސިފަ އެވެ. ހިނިތުންވުމާއި ހިތްހެޔޮކަމާއެކު ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް އެރައިވަލްސް ގޭޓު ބޭރުގައި އެމީހުން ތިބެ އެވެ. ފުރާއިރު ޑިޕާޗާ އަށް ވަންނަންދެން ފަތުރުވެރިންނާއެކު އެމީހުން ހޭދަ ކުރެ އެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާ، އަހަރުން އަހަރަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު މީގެ ކުރިން އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮތް އެއް ކަމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް އެރައިވަލްސް ޓާމިނަލް ކުޑަވުމާއި ތޮއްޖެހުމުގެ މައްސަލައެވެ. އިންޓަނޭޝަނަލް ޑިޕާޗާ ޓާމިނަލުގެ ހާލަކީ ވެސް އެއެވެ. އެހާ ހޫނު ވެސް ގަދަ އެވެ.
ޓޫރިޒަމްގެ މައި ސީޒަނުގައި ދުވާލަކު 9،000އަށް ވުރެ ގިނަ ފަތުރުވެރިން އަންނައިރު އޮތް މި ދައްޗަށް އެއާޕޯޓުގެ އާ ޓާމިނަލާއެކު ހައްލެއް ލިބޭނެ ކަމަށް އުއްމީދު ކުރެވުނެވެ. މިއީ މިދިޔަ ޖުލައި މަހު އާ ޓާމިނަލް ހުޅުވާ، ބޭނުން ކުރަން ފެށިފަހުން އައި ޓޫރިޒަމްގެ ފުރަތަމަ ޕީކް ސީޒަނެވެ.
ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ތިބޭ ރެޕުންގެ ވެސް އުއްމީދަކަށްވީ އާ ޓާމިނަލާއެކު އެމީހުންގެ މަސައްކަތުގެ މާހައުލަށް ފަސޭހަކަން އަންނާނެ ކަމަށެވެ. ރާއްޖެ އަންނަ ފަތުރުވެރިން އެރައިވަލްސް އިން ނިކުންނައިރު އެމީހުންނަށް ލިބޭ ފުރަތަމަ އިމްޕްރެޝަން ކުރިއަށްވުރެ ފުރިހަމަވެފައި ރަނގަޅުވާނެ ކަމަށެވެ. އެކަމަކު މަންޒަރު ފެންނަނީ އަދި ތަޖުރިބާ ކުރެވެނީ އެހެންނެއް ނޫނެވެ.
"މީހުން މި އަންނަ އަދަދާ އަޅާ ބަލާފަ މިތަނުން ކޭޓާ އެއް ނުކުރެވޭނެ،" އެރައިވަލްސް އިން ނިކުންނަ ދޮރުމަތީ މަޑުކޮށްގެން ހުރި އެއާޕޯޓު ރެޕަކު ބުންޏެވެ.
އެމީހުން މިހާރު ތިބޭ ސަރަހައްދަކީ ކުރީގެ ޓާމިނަލާ އަޅާ ބަލާއިރު ޖާގައިގެ ގޮތުން ހަނި އަދި ކުޑަ ސަރަހައްދެކެވެ. އެއްފަހަރާ ގިނަ ފްލައިޓުތައް އަންނަ ވަގުތު ތަން އޮންނަނީ ތޮއްޖެހިފަ އެެވެ.
"އެކޮޅު ޓާމިނަލް ހޫނު ގަދަޔަސް އެކޮޅުގަ ޖާގަ ބޮޑުވެފައި ހިދުމަތް ދޭން ފަސޭހަ،" ފަތުރުވެރިޔެއްގެ އިންތިޒާރުގައި ހުރި އެހެންް ރެޕަކު އޭނާގެ ހިޔާލު ހިއްސާކުރި އެވެ.
އެހެން މީހަކު ފާހަގަ ކުރިގޮތުގައި މީހުން ގިނަވެ، ތޮއްޖެހިފައި އޮންނާނީ ފަތުރުވެރިޔާ އަށް، އޭނާގެ އިންތިޒާރުގައި ހުންނަ ރެޕް ހިފަހައްޓައިގެން ހުންނަ ބޯޑު ވެސް ހޯދަން އުނދަގޫވެ އެވެ.
"މިހާވަރަށް ޕެކް ވެފައި އޮންނަންޏާ ނުފެންނާނެތާ. އަހަރެމެން ސްޓްރަގްލް މި ކުރަނީ މިތަނުގައި،" ރާއްޖޭގެ ބޮޑު ރިސޯޓެއްގެ އެއާޕޯޓު ރެޕެއްގެ ގޮތުގައި މަސައްކަތް ކުރާތާ24 އަހަރު ވީ މީހަކު ބުންޏެވެ.
"ސީޒަން ވަރަށް ރަނގަޅު. އެކަމަކު އަހަރެމެންނަށް، އަހަރެމެން ދޭންޖެހޭ ސާވިސް ފުރިހަމައަކަށް ނުދެވޭ މިތަނުގައި. މިއަށް ވުރެ މާ ރަނގަޅު އެކޮޅު ޓާމިނަލް ވެސް،" އޭނާ ބުންޏެވެ.
ފަތުރުވެރިޔާ އައިސް ރެޕް ހޯދަން 'ދުވަން ޖެހުމަކީ' އޭނާ ފާހަގަ ކުރި ގޮތުގައި ލަދުގަންނަން ޖެހޭ ކަމެކެވެ.
"އަހަރެމެން މި ތިބެނީ ބޯޑު ހިފައިގެން އޭނަ އަށް މަރުހަބާ ކިޔަން. އޭނަ އަށް އަހަރެމެން މިސްވާނީ ކަމެއް ވެގެން ދޯ. މީހުން ގިނަ ވެގެން މިސްވޭ އެބަ. މިއަދު އެކަނި ވެސް ފެމެލީ އަކާ ކަޕްލް އަކާ އެގޮތަށް މިސްވެއްޖެ. އަހަރެން ހުތީ. މިތަނުގައި. އެކަމަކު އޭނަ އަށް ބޯޑު މިސްވެގެން ދިޔައީ އެކޮޅު ޓާމިނަލުގައި ހުންނަ ކައުންޓަރަށް، ނަސީބަކުން އަހަރެންގެ ކޮލީގު ހުރި އެތާ،" ފަތުރުވެރިޔާ އަށް ދޭންޖެހޭ ފުރިހަމަ ހިދުމަތް ނުދެވޭ ކަންބޮޑުވުން ފާޅުކުރި ރެޕަކު ބުންޏެވެ.
"ޓާމިނަލް ކިތަންމެހާ ވެސް ރީތި. އެކަމަކު ހިދުމަތް ހަމަ ސުމެއް."
ފަތުރުވެރިން ރާއްޖެ އަންނައިރު ފުރަތަަމަ މަރުހަބާ ކިޔަން ތިބޭ ރެޕުން އަނެއް ކަންބޮޑުވުމަކީ އުމްރާގެ އަޅުކަމަށް މިހާރު ފުރާ މީހުން އެނބުރި އަންނަ ދުވަސްވަރުގައި އެރައިވަލްސް ބޭރުގައި ތޮއްޖެހޭ ތޮއްޖެހުން އިތުރަށް ބޮޑުވެގެން ގޮސްދާނެތީ އެވެ. އެކަމަށް ހައްލެއް ލިބޭނެ ކަމަށް އެމީހުން އުއްމީދު ކުރެ އެވެ.
ޓާމިނަލް 2 ގައި ހުރި ސީޕްލޭން ކައުންޓަރުތައް މިހާރު ވަނީ ޓާމިނަލް 1 އަށް ބަދަލުކޮށްފަ އެވެ. މިއާއެކު ޓާމިނަލް 1 އިން ރާއްޖެ އަންނަ ފަތުރުވެރިޔާ ގޮވައިގެން ސީޕްލޭން ޗެކް އިން އަށް ހިނގަން ޖެހޭ ހިނގުމުގެ ވަގުތު މިހާރު ވަނީ ކުރުވެފަ އެވެ. މިއީ ލިބޭ ހިތްހަމަ ޖެހުމެކެވެ.
ރާއްޖެ އަށް އޮޕަރޭޓު ކުރާ މައި ހުރިހާ އެއާލައިނެއް މިހާރު ބޭނުންކުރަނީ އާ ޓާމިނަލެވެ. ސީޒަނުގައި އައި އެންމެ ބިޒީ އެއް ދުވަހު ފެނުނީ ކުރިއެކޭ އެއްގޮތަށް ޓާމިނަލް ތެރެ ވެސް ތޮއްޖެހިފައި އޮއްވަ އެވެ މިސްމެނޭޖުމެންޓާ ހުރެ ކިޔުތައް ދިގުވެ ފުރާ މީހުން އަދި ރާއްޖެ އައި މީހުންވެސް ދިގު ކިޔުތަކުގައި ތިބެން ޖެހުނެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެއާޕޯޓަށް ބާރު ބޮޑުވި ނަމަވެސް ކިޔުތަކުގައި ފަސިންޖަރުން ތިބެން ޖެހޭ ވަގުތު ކުޑަކޮށް، ހިދުމަތް އަވަސްކުރުމަށް ވެސް ޕްލޭންތައް ރާވައިގެން ކުރިއަށް ގެންދާނެ ކަމަށެވެ.
"އެއާޕޯޓަށް ބާރު ބޮޑުވި ނަމަވެސް ފަސިންޖަރުންނަށް އާ ޓާމިނަލުން ލިބޭ ތަޖުރިބާ ރަނގަޅުވުމަކީ ލިބޭ އުފަލެއް،" ޝަރީފް ވިދާޅުވި އެވެ.
ހަވާ އަރުވާ،ދުނިޔޭގެ ރެކޯޑުހަދައިގެން ހުޅުވި އާ ޓާމިނަލުން ހިދުމަތް ލިބިގަންނަ ފަތުރުވެރިން ރާއްޖެ އައިސް އެރައިވަލްސް ގޭޓުން ނިކުންނައިރު ލިބޭ ތަޖުރިބާ ފުރިހަމަ އަށް ދެވުމަކީ ރާއްޖޭގެ ޓޫރިޒަމް ބްރޭންޑު ދެމެހެއްޓުމަށް މުހިއްމު ކަމެކެވެ.
އާ ޓާމިނަލުގެ ފުރަތަމަ ސީޒަން: ޓޫރިސްޓުންނަށް މަރުހަބާކިޔަން ދަތިވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ