ޚިޔާލު ހޯދުމުގެ ނަމުގައި ޕީއެންސީން އުޅެނީ ރިޔާސީ އިންތިޚާބު ވަގަށް ނަގަން: އެމްޑީޕީ

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ނަމުގައި ވެރިކަންކުރާ ޕީއެންސީން އުޅެނީ 2028ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ވަގަށް ނެގުން ކަމަށް، އިދިކޮޅު އެމްޑީޕީގެ މެންބަރުން މިއަދު ތުހުމަތުކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ފާސްކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރުމެވެ. ރިޕޯޓަށް ބަހުސްކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވަނީ، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޗުއްޓީގައި ގާނޫނުއަސާސީ އިސްލާހުކުރަން ޕީއެންސީގެ މަޖިލީހުގެ މެންބަރުން މަސައްކަތްކުރައްވަނީ އަވަސް އަރުވާލައިގެން ކޮން މަގުސަދެއް ހާސިލުކުރަންތޯ، އަދި ކޮން ހައްސާސް ކަމެއް އޮވެގެންތޯ ސުވާލު އުފައްދަވައިފައެވެ. މީކާއީލް ވިދާޅުވީ، އެ ސުވާލުގެ ޖަވާބު ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުންނާއި އެ ޕާޓީގެ ލީޑާޝިޕުން ރައްޔިތުންނަށް ދޭންޖެހޭ ކަމަށެވެ. "ރައްޔިތުން ގާތުން ކަމެއް އެހުމުގެ ނަމުގައި ކުރަން މި އުޅޭ ކަމަކީ ހީލަތްތެރިކަމާއެކު ރައްޔިތުންނަށް ނޭނގި 2028ވަނަ އަހަރުގެ އިންތިޚާބު ވަގަށް ނެގުން،" މީކާއީލް ވިދާޅުވިއެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި އިސްލާހު ފާސްކުރަން އިއްޔެ ބޭއްވި ފަސް މިނެޓުގެ ކޮމިޓީ ބައްދަލުވުމަށް އިޝާރާތްކުރައްވައި، އެ ކޮމިޓީގައިވެސް އިންނަވާ މީކާއީލް ވިދާޅުވީ، މިހާރު ފެންނަ މަންޒަރަކީ ފަސް މިނެޓުތެރޭ ގާނޫނުއަސާސީ "އޮޅާލާ" މަންޒަރު ކަމަށެވެ. "ޕީއެންސީގެ ސުޕަމެޖޯރިޓީއަކީ މި ގާނޫނުއަސާސީއަށް އޮތް ހުތުރެއް، ދިވެހި ރައްޔިތުންނަށް އޮތް ހުތުރެއް، ދިވެހިރާއްޖޭގެ މުޅި ނިޒާމު ފުނޑާލަމުންދާއިރު، ދިވެހިރާއްޖޭގައި ކަނޑައަޅާފައި އޮތް ޖަވާބުދާރީކުރުވަނިވި ނިޒާމު އެކީ އެކައްޗަކަށް ފުނޑާލަމުން ދާއިރު އިއްޒަތްތެރި ރައީސް، މިތާނގަ މި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މަންދޫބުން މި ތިއްބެވީ ކަންފަތް ބީރުވެފައިތޯ؟ މަންމަނުވެފައިތޯ؟" އޭނާ ވިދާޅުވިއެވެ. މި އިސްލާހަށް ބަހުސްކުރައްވަމުން ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވިގޮތުގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން މަސައްކަތްކުރަނީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނުބައި ރޭވުމެއްގެ ތެރެއިންނެވެ. ޝަމްހީދު ވިދާޅުވީ، މި އިސްލާހުގެ އަސްލު ބޭނުމަކީ މަޖިލީހުގެ މެންބަރުންގެ ފަސް އަހަރުގެ ދައުރުން ބައެއް އުނިކޮށް، ރައީސްގެ ދައުރު ދިގުކުރުން ކަމަށެވެ. "މި ގާނޫނުއަސާސީގައި އޮތް އިންތިޚާބީ އުސޫލުތަކާއި ހަމަތައް އެއްކޮށް ނެތިކޮށްލާ އިސްލާހެއް މިއީ، މިއީ ވަރަށް ހީލަތްތެރި އިސްލާހެއް، ދިވެހި ރައްޔިތުން މިއަށް ބޮޑުތަނުން ނޫނެކޭ ބުނަން ޖެހޭ، ރައީސުލްޖުމްހޫރިއްޔާއަށް ނޫނެކޭ ބުނަން ޖެހޭ، މި ވިހިވަނަ މަޖިލީހުގެ ޕީއެންސީ މެންބަރުންނަށް ނޫނެކޭ ބުނަން ޖެހޭ،" ޝަމްހީދު ވިދާޅުވިއެވެ. ޕީއެންސީގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެ މެންބަރުންނަކީ ތަންދޮރު ނުދަންނަ ބައެއްގެ ގޮތުގައި ދެ މެންބަރުންވެސް ވަނީ ސިފަކުރައްވައިފައެވެ. https://sun.mv/217728 ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ޤާނޫނުއަސާސީއަށް މިދިޔަ ޖަނަވަރީ މަހު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނީ އެކުގައެވެ. އެއާއެކު، 20ވަނަ މަޖިލީހަށް ފަހު ދެން އިންތިޚާބުކުރާ އާ ރައްޔިތުންގެ މަޖިލީހުން ފެށިގެން ދެން އޮންނަ މަޖިލިސްތަކުގެ ޖަލްސާތައް ފެށޭ ތާރީޚު ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހަށް ބަދަލުކުރުމަށް ވެސް ފަލާޙް ހުށަހެޅުއްވިއެވެ. އިއްޔެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވަނީ އެ އިސްލާހު ފާސްކުރަން ފެންނަ ކަމަށް ނިންމައިފައެވެ. ފަސް މިނެޓަށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި އިސްލާހު ފާސްކުރީ ސަރުކާރުން ހުށަހެޅި ގޮތަށް، އެއްވެސް އުނި އިތުރެއް ގެނައުމެއް ނެތިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ