ގިނަ އަދަދެއްގެ ދިވެހިން ތައުލީމު ހާސިލްކުރުމަށް ދިރިއުޅޭ ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބާއި ގުޅިގެން އެ ގައުމުން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމާފައިވާތީ އެ ގައުމަށް ދަތުރުކުރާ ދިވެހިން އެކަމަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދެފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަންނަ މަހުގެ 12 ގައި ބާއްވާ އިންތިހާބާއި ގުޅިގެން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެއް މަސް ދުވަހަށް އެ ގައުމަށް ދަތުކުރާ އެންމެނަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން އެ ގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން، މި މުއްދަތުގައި އެ ގައުމަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން އެކަމަށް ސަމާލުކަންދީ ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައިކޮމިޝަނުން ވިސާގެ ކަންކަން ފުރިހަމަ ކުރުމަށް ހާރިޖިއްޔާއިން އެދިފައިވެ އެވެ. ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ދަރިވަރުން މައިގަނޑު ގޮތެއްގައި ކިޔަވަނީ ބޭސްވެރިކަމުގެ ދާއިރާ އެވެ.
ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ އެމްބަސީ ހުންނަނީ : ޕްލޮޓް 10982، ނިރޮޅުމަގު 16، ހުޅުމާލެ، ގަ އެވެ.
ބަންގްލަދޭޝްގެ ވިސާ އާއި ބެހޭ އިތުރު މައުލޫމާތު ހިމެނޭ ލިންކެއް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނާއެކު ހިއްސާކޮށްފައިވެ އެވެ.
އަންނަ މަހު ބަންގްލަދޭޝްގައި އިންތިހާބު ބާއްވަނީ ޒަމާންތަކެއް ވަންދެން ބަންގްލަދޭޝްގައި ހުދުމުހުތާރު ވެރިކަމެއް ކުރެއްވި ޝެއިހު ހަސީނާގެ ވެރިކަން ވައްޓާލުމަށް ފަހު އެ ގައުމުގައި ހިންގަމުން އަންނަ ވެރިކަމުގެ އިންތިގާލީ މަރުހަލާ ނިމުމަކަށް ގެނައުމަށެވެ.
އޮގަސްޓު 2024، އިން ފެށިގެން ބަންގްލަދޭޝްގައި ހިނގަމުން އަންނަނީ ވަގުތީ ސަރުކާރެކެވެ. އެ ސަރުކާރު ހިންގެވުމާ އިސްކޮށް ހަވާލުވެ ހުންނެވީ ނޮބެލް ސުލްހައިގެ އިނާމު ހާސިލުކުރައްވާފައިވާ ޔޫނުސް އެވެ.
ހަސީނާގެ ސަރުކާރާ ދެކޮޅަށް ހިންގި މުޒާހަރާތަކުގައި 1،000 އަށްވުރެ ގިނަ މީހުން މަރުވި އެވެ. އޭނާގެ ސަރުކާރާއި ޕާޓީއަށް ނިސްބަތްވާ މީހުން އިންސާނިއްޔާތާ ދެކޮޅު އެތައް ޖަރީމާއެއް ހިންގާފައިވާ ކަމަށް އދ. ގެ ކޮމިޝަނަކުން ވަނީ ބުނެފަ އެވެ. ބަންގްލަދޭޝްގައި 173 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ.
ބަންގަލަދޭޝްއިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލާތީ ސަމާލުވާން އެދިއްޖެ ބަންގަލަދޭޝްއިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލާތީ ސަމާލުވާން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ