މިދިޔަ 8 އަހަރު އައިބެއް ހުރި، 729 ކުދިން އުފަންވި: 15 ޕަސެންޓު މައިންގެ ހަކުރު ބަލި ހުރި

މިދިޔަ އަށް އަހަރު އައިބެއް ހުރި، 729 ކުދިން ސަރުކާރުގެ ހޮސްޕިޓަލް އައިޖީއެމްއެޗުގައި ވިހެއި ކަމަށާއި އެ ކުދިން ވިހެއި މައިންގެ ތެރެއިން 15 ޕަސެންޓު މީހުންގެ ހަކުރު ބަލި ހުރިކަން ދިރާސާއަކުން ދައްކައިފިއެވެ. ދެ ހާސް ސޯޅައިން 2024ގެ ނިޔަލަށް އައިޖީއެމްއެޗުގައި ވިހެއި ކުދިންގެ މައުލޫމާތުތަކަށް ބިނާކޮށް، އެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ހަތަރު ޑޮކްޓަރުން ލިޔުއްވި ދިރާސާ ރިޕޯޓެއް މޯލްޑިވްސް ނެޝަނަލް ޖާނަލް އޮފް ރިސާޗުގައި ވަނީ އާންމުކޮށްފައެވެ. އެ ރިޕޯޓުގައި ބުނީ، އަށް އަހަރު ތެރޭގައި އައިޖީއެމްއެޗުގައި 17،188 ކުދިން ވިހެއި ކަމަށެވެ. އޭގެތެރެއިން، 729 ކުދިންގެ ޖުމުލަ 1،215 އައިބެއް ހުއްޓެވެ. އެއީ، 313 އަންހެން ކުދިންނާއި 16 އެއްމާބަނޑު ކުދިންނެވެ. މާބަނޑު އަންހެނެއް: މިދިޔަ އަށް އަހަރު އައިބެއް ހުރި، 729 ކުދިން ލިބުނުއިރު، 15 ޕަސެންޓު މައިންގެ ހަކުރު ބަލި ހުރި ---- ރިޕޯޓުން އެނގޭ ގޮތުގައި، ވިހެއީ، އައިބު ހުރި 301 ކުދިން ކަމަށްވާއިރު، އެމަޖެންސީ ސީޒޭރިއަނެއް ހަދައިގެން 360 ކުދިން ލިބުނެވެ. އަދި، އަމިއްލައަށް އެދިގެން ސީޒޭރިއަން ހަދައިގެން ލިބުނީ، 68 ކުދިންނެވެ. އެއާއެކު، އައިބު ހުރި 312 ކުދިން ވިހާފައި ވަނީ ދުވަސް ނުފުރައެވެ. ރިޕޯޓުގައި ބުނީ، އައިބު ހުރި ކުދިން ލިބުނީ، 710 މައިންނަށް ކަމަށެވެ. އޭގެތެރެއިން، 107 މައިންގެ ހަކުރު ބަލި ހުރެއެވެ. އެއީ، ޖުމުލަ އަދަދުގެ 15 ޕަސެންޓެވެ. އެ ރިޕޯޓުގައި ބުނި ގޮތުގައި، އުފަންވާއިރު، އެންމެ ގިނައިން އައިބު ހުންނަނީ ނާރާ ގުޅޭ ކަންކަމުގައެވެ. އަދި، ދުވަސްނުފުރާ ވިހެއި، އައިބު ހުރި ކުދިން އެންމެ ގިނައިން މަރުވީ، ފުއްޕާމޭގެ މައްސަލަތަކުގައެވެ. އެ މައްސަލަތަކުގައި ހަ ކުއްޖަކު މަރުވިއެވެ. މާބަނޑު އިރު، ހަކުރު ބަލި ހުރި މީހުން ދުވަސް ނުފުރާ އަދި، އައިބު ހުރި ކުދިން އެވަރެޖުކޮށް ވިހެއީ، ބަނޑަށް 37.5 ހަފުތާގައެވެ. ވިހާއިރު، އައިބު ހުރި ކުދިންގެ އިތުރުން އެހެނިހެން ކަންކަން ވެސް އެ ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ. މިގޮތުން، އުފަންވާއިރު ކުދިންގެ ބަރުދަނުގައި އާންމުކޮށް ހުންނަނީ، 630 ގުރާމާއި 5،000 ގުރާމާ ދެމެދުގެ އަދަދެކެވެ. އޭގެއިތުރުން، ދުވަސް ނުފުރާ ވިހެއި ކުދިންގެ ތެރެއިން 24 ކުދިންގެ ލޭގައި ގުލްކޯޒު ހުރިއިރު، ހޮސްޕިޓަލުން ދޫކޮށްލުމުގެ ކުރިން 27 ކުދިން ވަނީ މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ