ގާތްތިމާގެ އެކަކަށްވެސް މަގާމުގެ ނުފޫޒު ބޭނުންކޮށް ކޮންޓްރެކްޓެއް ނުދެން، ގޯހެއް އުޅެންޏާ ކަމާބެހޭ އިދާރާތަކަށް ވާނީ ފޮނުވައިފަ: އާދަމް ޢާޒިމް
މޭޔަރުކަމުގެ މަގާމުގައި ހުންނަވައި ގާތްތިމާގެ އެއްވެސް މީހަކަށް ނުފޫޒުގެ ބޭނުންކޮށް ކޮންޓްރެކްޓްކޮށްފައި ނޯންނާނެ ކަމަށާއި، ކޮންޓްރެކްޓްތައް އޮޑިޓްކުރެވި، ގޯހެއް އުޅެންޏާ ކަމާބެހޭ އިދާރާތަކަށް ވާނީ ފޮނުވައިފަ ކަމަށް، މާލޭގެ މޭޔަރު އާދަމް ޢާޒިމް މިރޭ ވިދާޅުވެއްޖެއެވެ. މާފަންނު ބޮނޑިބަތް ޕާކު ސަރަހައްދުގައި މިރޭ ވަނީ "ދެންވެސް އާދަމް ޢާޒިމް"ގެ ނަމުގައި، އެމްޑީޕީގެ މާލޭގެ މޭޔަރުކަމުގެ ޕްރައިމަރީގައި ވާދަކުރައްވާ ޢާޒިމްގެ ކެމްޕެއިން ޖަލްސާ ބާއްވައިފައެވެ. މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޢާޒިމް ވިދާޅުވީ، ކޮންމެ ބަޔަކު ކޮންމެ ވާހަކައެއް ދެއްކިކަމުގައިވިޔަސް، އޭނާގެ ފަހަތުން އަންނާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. "އަޅުގަނޑުގެ ތިމާގެ މީހަކަށް ދިން ބިމެއް ނޯންނާނެ ކޮންޓްރެކްޓް ކޮށްފަކައެއް، އަޅުގަނޑުގެ ގާތް މީހަކަށް ދީފަ އޮތް ކޮންޓްރެކްޓެއް ނޯންނާނެ، އެ ތަންތަނުގައި ކުރިން ހަދާފަހުރި އެއްޗެހި އެބަހުރި،" ޢާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޮންޓްރެކްޓްތައް އޮޑިޓްކުރެވި، ގޯހެއް އުޅޭ ކަމަށް ވަންޏާ ފުލުހުންނަށާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފޮނުވާފައިވާނެ ކަމަށެވެ. މީގެ ކުރިން ސަރުކާރުގެ ބޮޑެތި ކުންފުނިތައް ކަމަށްވާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އާއި މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ހިންގެވި ޢާޒިމް ވަނީ، އެ ކުންފުނިތައް ހިންގުމަށްފަހު އެ ތަންތަން ހަވާލުކުރެއްވީ މާ ރަނގަޅު ހާލަތުގައި ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައިފައެވެ. "އެސްޓީއޯއަށް ބެލިޔަސް މުޅި ރާއްޖޭގައި ފާމަސީ އަޅުގަނޑު ހުންނާނީ އަޅައިދީފަ، އެއަށްވުރެ ވަރުގަދަ ކުންފުންޏެއް ދީފަ އޮންނާނީ، އެމްޑަބްލިއުއެސްސީއަށް ބެލިޔަސް އަޅުގަނޑު ހުންނާނީ މާލޭގެ މަގުތަކުން ނަޖިސް އަރަ އަރާ ހުއްޓަ އެކަން ހައްލުކޮށްދީފަ، އެމްޓީސީސީއަކީ 50 ޕްރޮޖެކްޓު ހިންގި ތަނެއް، 120 ޕްރޮޖެކްޓަށް ވުރެ ގިނަ ޕްރޮޖެކްޓް އެއްފަހަރާ ހިންގޭ ވަރުގެ ބޮޑުތަނެއް ދީފަ އޮންނާނެ، ގެއްލުންވަމުން ދިޔައީ، އަޅުގަނޑު އައިއިރު އޮންނާނީ 200 މިލިއަނުގެ ފައިދާވާ ކުންފުންޏަކަށް ހަދާފަ،" އޭނާ ވިދާޅުވިއެވެ. އެއާއެކު، މާލޭގެ މޭޔަރުކަމުގައި ހޭދަކުރެއްވި ދެ އަހަރު ދުވަހު ބައިވަރު ކަންކަން ހައްލުކުރެއްވިއްޖެ ކަމަށާއި، އެގޮތުން މިއަދު މިސްކިތްތަކުގެ ފާޚާނާތަކުގައި ނަޖިސް އެރުމުގެ މައްސަލަ ހައްލުވެ، ބޯ ވާރޭގެ ސަބަބުން ފެން ބޮޑުވާ ދުވަސްދުވަހު މާލޭގެ ގޭބިސީތަކަށް ފެން ނުވަންނާނެ ކަމަށް ޢާޒިމް ވިދާޅުވިއެވެ. ޢާޒިމް ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރު ސަރުކާރުން 110 ބިލިއަން ރުފިޔާ ޚަރަދުކުރިއިރު، ބޭއްވުނު އެންމެ ގާގަނޑެއްވެސް ނޯންނާނެ ކަމަށެވެ. އެކަމަކު އެންމެ 400 މިލިއަން ރުފިޔާއިން ކައުންސިލުން ބައިވަރު ކަންކަން ކޮށްދިން ކަމަށް ވިދާޅުވެ، ބައެއް މިސާލުވެސް ދެއްކެވިއެވެ. "ބޮލަށް ވައްޓާލައިފަ އޮތް އާސަހަރާ މިސްކިތް އަޅުގަނޑުމެން އެއް އަހަރު ވަންދެން އޮތީ ހަލާކުކޮށްފަ، މާލޭ ރައްޔިތަކު ނިޔާވެއްޖިއްޔާ މި ދާން ޖެހެނީ ދަތުރު ހަދާފަ ހުޅުމާލެއަށް، އަޅުގަނޑު ހަވާލުވެފަ ހައެއްކަ އަށެއްކަ މަސް ދުވަހުގެތެރޭ އެއްކަލަ ކުޑަކުޑަ ބަޖެޓުން އެކަން ނިންމާފަ އެހުރީ،" އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ އަޣުލަބިއްޔަތު ސިޓީ ކައުންސިލަށް ދީ އޭނާ ހޮވައިދީފިނަމަ، ރައްޔިތުންނަށް ނުފެންނަ ވަރުގެ ތަރައްގީ ގެނެސްދެއްވާނެ ކަމަށް، ޢާޒިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ