ވާދޫ ގްރީން ފާމް ހުޅުވައިފި: "މަހަކު 80،000 ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވޭ"
އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ހިންގުމަށް، ވާދޫ ގްރީން ފާމް މިއަދު ހުޅުވައިފިއެވެ. މި ފާމް ހުޅުވައިދެއްވީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މަރިޔާއެވެ. ހައިޑްރޮޕޯނިކްސްގެ ދަނޑުވެރިކަން ކުރާ މި ފާމު ފަރުމާކޮށްފައި ވަނީ، އެއް ފަހަރާ 600 ކިލޯ ކަމްބާއާއި 400 ކިލޯގެ ކާން ބޭނުންކުރާ ފަތުގެ ބާވަތްތައް ހެއްދޭ ގޮތަށެވެ. މި ފާމުން ކޮންމެ މަހަކު ގާތްގަނޑަކަށް 80,000 ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އެ ވުޒާރާއިން ވަނީ ލަފާކޮށްފައެވެ. އަދި، 18 އަންހެނުންނަށް ހައިޑްރޮޕޯނިކްސް ދަނޑުވެރިކަމުގެ އެޑްވާންސްޑް ތަމްރީން ދީފައިވާއިރު، އިތުރު 25 އަންހެނުންނަށް ވަނީ ސޯލާ ހަކަތައިގެ ނިޒާމުތައް ހަރުކުރުމާއި ބެލެހެއްޓުމުގެ ޤާބިލްކަން އިތުރުކުރުމުގެ ތަމްރީނު ދީފައެވެ. https://x.com/MAAWmv/status/2011105675473264909 ވާދޫ ގްރީން ފާމަކީ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީތެރިވެދޭ މަޝްރޫޢެއްގެ ގޮތުގައި، އެ ވުޒާރާއިން ވަނީ ސިފަކޮށްފައެވެ. އެ ފާމު ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު މާރިޔާ ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތް އާ އުސްމިން ތަކަކަށް ގެންދިއުމަށްޓަކައި ނުހަނު ބޭނުންތެރި ފިލާވަޅުތަކެއް ލިބިގެންދާނެ މުހިންމު މަސައްކަތެއް ކަމަށެވެ. މި މަޝްރޫޢުގައި އެންމެ އިސްކަމެއް ދިނީ، ހައިޑްރޯޕޮނިކްސް ދަނޑުވެރިކަމުގެ ޒަރީޢާއިން އަންހެނުން ބާރުވެރިކުރުވުމަށް ކަމަށް މާރިޔާ ވިދާޅުވިއެވެ. އޭގެއިތުރުން، އަންހެނުންނަށް ދަނޑުވެރިކަމުގެ ޒަމާނީ ފަންނުތަކާއި ހުނަރުތައް އުނގަންނައިދީ، އަމިއްލައަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކޮށްދިނުމަކީ، ރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވާނެ ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ