ޕެންޝަނަށް ފައިސާ ނުދައްކާ ކަމަށް އެއްބަސްވެ, ފައިސާ ނުލިބޭ ކަމަށް ބުނެ ވެމްކޯއިން ދެއްކީ ބަހަނާތަކެއް ޕެންޝަނަށް ފައިސާ ނުދައްކާ ކަމަށް އެއްބަސްވެ, ފައިސާ ނުލިބޭ ކަމަށް ބުނެ ވެމްކޯއިން ދެއްކީ ބަހަނާތަކެއް

މުވައްޒަފުންގެ މުސާރައިން ކަނޑާ ޕެންޝަން ފައިސާ، އެ މުވައްޒަފުންގެ ޕެންޝަން އެކައުންޓުތަކަށް ޖަމާކުރަމުން ނުދާކަމަށް އެއްބަސްވެ ވޭސްޓް މެނޭޖުމެންޓު ކޯޕަރޭޝަން (ވެމްކޯ) އިން އެކަން ނުވަނީ ކުންފުންޏަށް ފައިސާ ނުލިބޭތީ ކަމަށް ބުނެ ބަހަނާތަކެއް ދައްކައިފި އެވެ.
ވެމްކޯއިން ޕެންޝަނަށް ފައިސާ ނުދައްކާކަން ހާމަވީ އެންމެފަހުން ޕެންޝަނަށް ފައިސާ ދެއްކި ތާރީހާއި އަދަދު ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އާރުޓީއައި އެކްޓިވިސްޓު، އަފްރަހު އިސްމާއިލް ހުށަހެޅި ސުވާލުގެ ޖަވާބުގައި ޕެންޝަން އޮފީހުން ދިން މައުލޫމާތުންނެވެ.
އެ މައުލޫމާތުން އެނގޭ ގޮތުގައި އިން ޕެންޝަނަށް އެންމެފަހުން ފައިސާ ދައްކާފައި ވަނީ އޮކްޓޫބަރު 16، 2024 ގަ އެވެ. އޭގެފަހުން މި ފާއިތުވި 14 މަސްދުވަހު ވެސް ވެމްކޯއިން ޕެންޝަނަށް ފައިސާ ދައްކައިފައެއް ނުވެ އެވެ.
މިކަމަށް އެއްބަސްވެ ވެމްކޯއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދެނީ އެ ކުންފުންޏަށް ލިބޭ އާމްދަނީގެ އިތުރުން ސަބްސިޑީގެ ގޮތުގައި ސަރުކާރުން ދޭ ފައިސާއިން ކަމަށެވެ. މީގެތެރެއިން އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާ އެކި ފަރާތްތަކުން ނުދައްކާ ކަމަށް ވެމްކޯއިން ބުނެފައިވެ އެވެ.
އެގޮތުން މި ބަޔާނުގައި ހަމައެކަނި ފާހަގަކޮށްފައިވަނީ މާލެ ސިޓީ ކައުންސިލުން އެ ކުންފުނިން ހޯދާފައިވާ ހިދުމަތްތަކަށް ދައްކަންޖެހޭ 98 މިލިއަން ރުފިޔާގެ ވާހަކަ އެވެ. އެ ފައިސާ ހޯދަން ފާއިތުވި ދެ އަހަރު ކައުންސިލާއި ބައްދަލުކޮށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވެމްކޯއިން ބުންޏެވެ.
ޕެންޝަން ހިމެނޭހެން މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ދިނުމަށް ބަރާބަރަށް އާމްދަނީ ލިބުމަކީ މުހިންމު ކަމެއް ކަމުން، ސިޓީ ކައުންސިލުން ނުދައްކާ ހުރި ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީގެ އެހީތެރިކަމަށް އެދިފައިވާނެ ކަމަށް ވެސް ވެމްކޯއިން މިރޭ ބުންޏެވެ.
ފައިސާ ހޯދުމުގެ މަޝްވަރާތަކުގެ އިތުރުން ޕެންޝަން ފައިސާ ދެއްކުމުގެ މައްސަލާގައި ޕެންޝަން އޮފީހާ އެކު ވެސް ވެމްކޯއިން މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މިކަންކަން ހައްލުކޮށް ޕެންޝަން ފައިސާ ގަވާއިދުން ޖަމާކުރާނެ ކަމަށް ވެމްކޯއިން ބުނެފައިވެ އެވެ.
ވެމްކޯއިން ޕެންޝަނަށް ފައިސާ ނުދައްކާ އޮތް ނަމަވެސް، އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައިން ކޮންމެ މަހަކު ވެސް ޕެންޝަނަށްވާ ފައިސާ އުނިކުރާ ކަމަށް އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ބުންޏެވެ.
"އެންމެފަހުން ޕެންޝަން ފަންޑަށް ފައިސާ ޖަމާވެފައި ހުރީ މިދިޔަ އަހަރުގެ މެއި މަހު، އެކަމަކު ކޮންމެ މަހަކު ވެސް މުސާރައިން ކަނޑާ،" ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހާ ވާހަކަދެެއްކި ވެމްކޯގެ މުވައްޒަފަކު ބުންޏެވެ.
ވެމްކޯއަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މުވައްޒަފުން ގެންގުޅޭ އެއް ކުންފުންޏެވެ. އެ ކުންފުނިން ދޭ ކުނި އުކުމުގެ ހިދުމަތަށް ގޭބިސީތަކުން ފައިސާ ނުދައްކާތީ، 2023 ގައި މާލެ ސަރަހައްދުގެ ކުނި ބިލު ވަނީ ކަރަންޓު ބިލާ އެއްކޮށްލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ