އިންޑިއާގެ ކޮޒިކޯޑުން ރިޔާދަށް ސީދާ ދަތުރުތައް ފަށަނީ

ސައުދީ އަރަބިއްޔާގެ ގައުމީ އެއާލައިން، ސައުދިއާއިން އިންޑިއާގެ ކެރެލާ ސްޓޭޓްގެ ކޮޒިކޯޑަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ. މިއީ އެ އެއާލައިނުން އިންޑިއާގައި ދަތުރުތައް ފަށާ 7 ވަނަ މަންޒިލެވެ.
އަންނަ ފެބްރުއަރީ ފުރަތަމަ ދުވަހުން ފެށިގެން ކޮޒިކޯޑެ އިންޓަނޭޝަނަލް އެއާޕޯޓާއި ރިޔާދްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ހަފުތާއަކު 8 ފްލައިޓް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮޒިކޯޑާއެކު، ސައުދިއާގެ ނެޓްވޯކްގައި ހިމެނޭ އިންޑިއާގެ ސިޓީތަކަކީ ބެންގަލޫރު، މުމްބާއީ، ކޮޗިން، ދިއްލީ، ހައިދަރުއާބާދު އަދި ލަކްނޯއެވެ.
މި ދަތުރުތަކުގެ ސަބަބުން ޗުއްޓީ ހޭދަކުރާ މީހުންނަށާއި، ވިޔަފާރިވެރިންގެ އިތުރުން ޙައްޖާއި އުމްރާގެ އަޅުކަމަށްދާ މީހުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ސައުދިއާއިން ބުނި ގޮތުގައި، މިއީ ބައިނަލްއަގުވާމީ އާ މަންޒިލްތަކަށް ދަތުރުތައް ފުޅާކުރުމަށާއި، އެއާލައިންގެ އާ ފްލީޓްގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ނިންމި ނިންމުމެކެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާގެ ފަތުރުވެރިކަމާއި އޭވިއޭޝަން ދާއިރާ ކުރިއެރުވުމަށް ގެންގުޅޭ ލަނޑުދަނޑިތަކަށްވެސް މިކަމުގެ ސަބަބުން އެހީތެރިވެދޭނެއެވެ.
ދަތުރުތައް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ކޮޒިކޯޑެ އެއާޕޯޓުގެ ކަމާބެހޭ ފަރާތްތަކާއެކު މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ.
ސައުދިއާ އެއާލައިނުން މިހާރު ދުނިޔޭގެ 4 ބައްރެއްގެ 100 އަށްވުރެ ގިނަ މަންޒިލަށް ދަތުރުކުރެއެވެ. އަދި ދުވާލަކު 550 އަށްވުރެ ގިނަ އެތެރޭގެ އަދި ބައިނަލްއަގުވާމީ ދަތުރުތައް އެ އެއާލައިނުން ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ